އިންޑިއާގެ މަޝްހޫރު ލަވަ ކިއުންތެރިޔާ ހަންސް ރާޖް ހަންސް އިސްލާމްވެއްޖެ އެވެ.
ބޮލީވުޑްގެ ބަައެއް ރިޕޯޓްތައް ބުނާ ގޮތުން ޕަންޖާބުގެ ސިކް އާއިލާއަކަށް އުފަން މިހާރު އުމުރުން 60 އަހަރުގެ ރަން އިސްތަށިގަނޑުގެ ލަވަ ކިއުންތެރިޔާ އިސްލާމްވީ އޭނާ ދާދި ފަހުން، އަވަށްޓެރި ޕާކިސްތާނުގެ ލާހޯރަށް އޭނާ ކުރި ދަތުރެއްގަ އެވެ.
ސޫފީ ލަވަތަކާއި ޕަންޖާބުގެ ފޯލްކް ލަވަތައް ކިޔަން މަޝްހޫރު ހެންސް އިސްލާމް ދީން ގަބޫލް ކުރި ކަމަށް ބުނާ ވާހަކަތަކާ ގުޅޭ ގޮތުން އޭނާ އާ ހަވާލާދީ ޕާކިސްތާނުގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ އިސްލާމްވުމަކީ ހަންސަަށް ލިބުނު ފަހުރެއް ކަމުގައި އޭނާ ދެކޭ ކަމަށެވެ.
އަދި އެކަމަށް އޭނާ އުފާ ކުރާ ކަމަށާއި ވަރަށް އަވަހަށް މަދީނާގެ މާތްވެގެންވާ ބިމަށް ވެސް ހަންސް ޒިޔާރަތް ކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފައިވާ ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިސްލާމްވުމަށް ފަހު ހަންސް ވަނީ އޭނާގެ ނަން މުހައްމަދު ޔޫސުފަށް ވެސް ބަދަލުކޮށްފަ އެވެ.
މިކަމާ ބެހޭ ގޮތުން ހަންސްގެ ދަރިފުޅު އަދި މަޝްހޫރު ލަވަ ކިއުންތެރިޔާ ޑެލަރު މެހެދީގެ އަންހެން ދަރިފުޅު އަޖިތު އާ ކައިވެނިކޮށްގެން އުޅޭ ނަވްރާޖް ވަނީ އޭނާގެ ބައްޕަ އިސްލާމް ދީން ގަބޫލު ކުރި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.
އަދި ބައްޕަ އުޅެނީ ވަރަށް ބަލިވެ ކަމަށާއި އޭނާ މި ވަގުތު ވެސް އޮތީ ޖަލަންދަރުގައި އެ މީހުން ދިރިއުޅޭ ގޭގައި ކަމަށް ނަވްރާޖް ބުންޏެވެ.
ހެންސް ބޮޑަށް މަޝްހޫރުވެފައި ވަނީ އޭނާ ނެރުނު އަލްބަމްްތަކުންނެވެ.
އޭގެ ތެރޭގައި "ތޭރާ އިޝްގް"، "ޖަންޖަރިއާ" އަދި "ރޯތޭތޯ މަނާވޭ ކޯން" ފަދަ އަލްބަމްތައް ހިމެނެ އެވެ. މި އަލްބަަމްތަކުގެ ބައެއް ލަވަތައް "ޕަންޖާބީ ސްޓައިލް" ގެ ކުލަގަދަ ވީޑިއޯ ލަވަތަކާ އެކު ހަންސް ފެނިގެން ގޮސްފައިވެ އެވެ.
އަދި އޭނާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކަށް ވެސް ލަވަ ކިޔައިފަ އެވެ.
އޭގެ ތެރޭގައި ޝާހިދު ކަޕޫރާއި ސޯނަމް ކަޕޫރު ލީޑް ރޯލް ކުޅުނު "މޯސަމް" އާއި ބޮބީ ޑިއޯލް އާއި ރާނީ މުކަރުޖީގެ "ބިއްޗޫ" ފަދަ ފިލްމުތައް ހިމެނެ އެވެ.