Last Updated: April 24, 13:36
Thursday, April 24, 2025
ޚަބަރު

ރުއްޖެހެރަ ޕިކްނިކް ޒޯން ހަދަނީ އީޕީއޭގެ ހުއްދަ ނެތި!

އައްޑޫގެ ރުއްޖެހެރަ ޕިކްނިކް ޒޯނަކަށް ބަދަލުކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުން ދަނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ހުއްދަ ނެތި ކަމަށް ބުނެ އެ މަސައްކަތާ ގުޅޭ ތަފުސީލު ހިއްސާކޮށްދޭން އެދިއްޖެ އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެރެނެލް އިބްރާހީމް ނައީމު ސޮއިކުރައްވައި އައްޑޫ މޭޔަރު އަލީ ނިޒާރަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ލިންކް ރޯޑް ސަރަހައްދުގައި އޮންނަ ކުނިކޮށީގެ ދެކުނުން އޮތް ސަރަހައްދުގެ އެއްގަމާއި މޫދު ކޮނެ، ހޭޅިފަށުން ގަސްތައް ނަގައި އެ ހިސާބުގަނޑުގެ އާނުގަނޑުގެ ހަލާކުކޮށްލާފައިވާކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

އެހެންވެ އެ މަސައްކަތް ހިނގާފައިވާ ގޮތުގެ ތަފުސީލު އަންނަ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލިޔުމަކުން އީޕީއޭ އަށް ފޮނުވަން ކައުންސިލަށް އަންގާފައިވެ އެވެ.

ރުއްޖެހަރަ ސަރަހައްދު އައްޑޫ ޕިކްނިކް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ކައުންސިކުން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ. ކައުންސިލުން ބުނެފައިވާ ގޮތުގައި އެ މަސައްކަތަކީ ކައުންސިލާއި އައްޑޫގެ ޖަމިއްޔާއެއް ކަމަށްވާ ފްރެންޑްސް ކުލަބާއި ހިތަދޫގެ ކުންފުންޏެއް ކަމަށްވާ ބީ ޓެކް ގުޅިގެން ފެށި މަސައްކަތެކެވެ.