އެކްޓަރު ޖޯން އަބްރަހަމް އާ ލޯބީގެ ގޮތުން 10 އަހަރު އުޅުމަށް ފަހު، އެ ގުޅުން ނިމުމަކަށް އައި ބަތަލާ ބިޕާޝާ ބާސޫ ހަރްމަން ބަވޭޖާ އާ ރައްޓެހިވެގެން އުޅޭ ކަމަށް އެންމެ ފަހުން އެއްބަސްވެއްޖެ އެވެ.
އެ ދެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އޮންނަ ކަމަށް މީޑިއާތަކުން ބުނަމުން ދިޔަ ނަމަވެސް މީގެ ކުރިން އެކަމާ ވާހަކަ ދައްކަން ބޭނުން ނުވާ ބިޕާޝާ ވަނީ ޓްވިޓާ މެދުވެރިކޮށް، އޭނާ އާއި ހަރްމަން ރައްޓެހިވެގެން އުޅޭކަން އިއްޔެ ކަށަވަރުކޮށް ދީފަ އެވެ.
ބިޕާޝާ، 35، ބުނީ އޭނާ އާއި އުމުރިން 33 އަހަރުގެ ހަރްމަންއަކީ މިހާރު "ކަޕްލްއެއް" ކަމަށެވެ. އޭނާ މިކަމާ އެއްބަަސް މިވީ، ބިޕާޝާ އާ ޑޭޓް ކުރަމުން އަންނަކަން ހަރްމަން ވެސް ދާދި ފަހުން، މީޑިއާތަކަށް ކަށަވަރުކޮށް ދީފައި ވަނިކޮށެވެ.
ރިތިކް ރޯޝަންގެ "ކާބަން ކޮޕީއެއް" ގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ ހަރްމަން ބޮލީވުޑަށް ތައާރަފްވީ 2008 ވަނަ އަހަރު އޭނާގެ ބައްޕަ ހެރީ ބަވޭޖާ ޑައިރެކްޓް ކުރި "ލަވް ސްޓޯރީ 2050" އިންނެެވެ. އެ ފިލްމުގެ ބަތަލާއަކީ ޕްރިޔަންކާ ޗޯޕްޅާ އެވެ.
އެހެން ނަމަވެސް އޭގެ ފަހުން މިހާތަނަށް ހަރްމަން އަށް ބޮލީވުޑްގައި މާ ބޮޑު ކާމިޔާބީއެއް ލިބޭ ގޮތެއް ނުވި އެވެ.
އެކަމަކު އޭނާ މިހާރު އަންނަނީ ޝިލްޕާ ޝެޓީ ޕްރޮޑިއުސް ކުރާ ފިލްމް "ޑިޝްކިޔާއޫން" ގައި މަސައްކަތް ކުރަމުންނެވެ.
ޖޯން އާ ރައްޓެވިގެން ގިނަ އަހަރުތަކެއް ހޭދަ ކުރި ބިޕާޝާ މީގެ ކުރިން ވަނީ މިލިންދް ސޯމަން އާއި ޑިނޯ މޯރިއާ އަދި ޝާހިދު ކަޕޫރު ފަދަ އެކްޓަރުންނާ ވެސް ޑޭޓްކޮށްފަ އެވެ.