އެއްވެ އުޅުމުގެ ހައްގަށް ހުރަސް އެޅުން ހުއްޓުވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަަލަ ބޭރުކޮށްލައިފިއެވެ.
ރައްުޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރުއެވެ. މައްސަލަ މަޖްލީހަށް ބަލަިއގަތުމާއި މެދު މެމްބަރުން ފެންނަ ގޮތަކަށް ރިޔާސަތުން ވޯޓަށް އެހުމުން މައްސަލަ ބަލައިގަތުމަށް ވޯޓު ދީފައިވަނީ 5 މެމްބަރުންނެވެ. 27 މެމްބަރުން ވަނީ މައްސަލަ ބަލައިގަތުމާއި ދެކޮޅަށް ވޯޓު ދީފައެވެ. އެހެންވެ މައްސަލަ ވަނީ މަޖްލިސްގެ ތަޅުމުން ބޭރުވެފައެވެ.
އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލާގައިވަނީ ގާނޫނު އަސާސީން ލިބިދީފައިވާ އެއްވެ އުޅުމުގެ ހައްގު ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަރާރަކުން ހަނިކުރައްވާފައިކަމަށް ފާހަގަ ކުރައްވާފައެވެ. އެގޮތުން ރައީސްގެ ގަރާރުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެއުޅުމުގެ ހައްގު ހަނިވެފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެއްވެ އުޅުމުގެ ހައްގަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ހިފެހެއްޓޭނެ ހައްގަކަށް ނުވާއިރު ރައީސްގެ ގަރާރުން އެ މިނިވަންކަން ގެއްލިފައިވާ ކަމަށްވެސް މައްސަލާގައި ފާހަގަކޮށްފައިވެއެވެ.