އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީސް ކުރިމަތީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ޖޯޝާ ފޯރީގައި ވާހަކަ ދައްކަވަމުން ގެންދެވީ އައްޑޫގެ "މަޝްރޫއުތައް ހިނދިފައި" އޮތް ވާހަކަ އެވެ. އޭނާގެ އެ ވާހަކަތައް އަޑުއެހުމަށް އޭނާ ވަށާލައި ތިބީ އައްޑޫގެ އާއްމު އެމްޑީޕީ މެމްބަރުންނާއި އިންތިގެ ކެމްޕެއިން ޓީމްގެ އިސް ބޭފުޅުންނެވެ. ރުޅިވެރިކަމާއެކު އިލްޔާސް ގެންދެވީ އައްޑޫގައި ހުއްޓިފައި ހުރި މަޝްރޫއުތަކުގެ ވާހަކަ ފުލު ފުލުން ކިޔާ ދެއްވަމުންނެވެ. ސަރުކާރުންވެފައިހުރި ވައުދުތަކުގެ ތެރެއިން މިހާތަނަށް އައިރު ނުފުއްދި ހުރި ވައުދުތައް މަތިން އޭނާ ގެންދެވީ ހަނދާން ކޮށްދެވަމުންނެވެ.
އިލްޔާސްގެ ވާހަކަ ދައްކަވަމުން ގެންދެވިއިރު އިންތިގެ ސަޕޯޓަރުންގެ ތެރެއިން ބައެއް މީހުން ގެންދިޔައީ އިލްޔާސްގެ ލިސްޓުން އުނިވާ މަޝްރޫއުތައް ހަނދާން ކޮށްދެމުންނެވެ. އިންތިގެ ކެމްޕެއިނަށް ހާއްސަ ފޭސްބޫކް ޕޭޖުގައި ލައިވްކުރި އެ އިވެންޓްގައި އިކްނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ވޯޓު ނުދޭންވީ ސަބަބުތައް ކިޔާދެމުން ގޮސް މަސްވެރިން ބާނާ މަސްކޮޅުވެސް ނުކިރި އައްޑޫ ރައްޔިތުން އުޅޭ ވާހަކަ ވެސް ފެއްޓެވި އެވެ. އެ ވާހަކަހަމަ ފެށުމާއެކު އެއްވެ ތިބި މީހުންގެ ތެރެއިން މީހަކު ހަނދާން ކޮށްދިނީ މި ސަރުކާރުގެ ވައުދުގައި ހިމެނޭ "ގޭދޮށު މަސްފެކްޓްރީ"މަތިންނެވެ. ކަންފަތްދޮށުގައި އިވޭ ވަރަށް މީހަކު އެހެން ގޮވާލުމުން ވެސް އިލްޔާސް މާބޮޑު ސަމާލުކަމެއް އެކަމަކަށްނުދިނެވެ. ދެވަނަ ފަހަރަށް އެއަށްވުރެ ބާރަށް އާއްމުންގެ ތެރެއިން މީހަކު ގޭދޮށު މަސްފެކްޓްރީގެ ވާހަކަ ހަނދާންކޮށްދިނުމުން އިލްޔާސް އެއަޑަށް އިޖާބަދިނީ "ވަނދު" ގޮތަކަށެވެ. އިލްޔާސްވެސް މަސްފެކްޓަރީ ކޮބާތޯ ސުވާލު އުފައްދަމުން އެކަން ފައްޔާޒުގެ ބޮލަަށް ޖަހައި އެ ވާހަކަ އެ ހިސާބުން ނިންމާލީ އެވެ.
ކޯޗެއް ހިންގާ ވާހަކަތޯ މި ދައްކަނީ؟ – ހުޅުދޫ ދާއިރާ މެންބަރު @ilyas_labeeb
ހިތަދޫ ތަރާވީސް #InthiAaEku އައްޑޫ ސިޓީ pic.twitter.com/kNCZFruoAQ
— Luke (@Lucasjalyl) April 19, 2022
ސުވާލަކީ އައްޑޫ ޓުއަރިޒަމް ތަރައްގީގުކުރުމުގެ ވާހަކަ އާއި ކަރަންޓްގެ މަޝްރޫއުގެ ވާހަކަ އެހާ ތަފްސީލްކޮށް ވިދާޅުވިއިރު އޭނާ ނިސްބަތްވާ ދާއިރާގައި ނުހިނގާ އޮތް އެ ބޮޑު މަޝްރޫއުގެ ވާހަކައާ މެދު އެހާ ބޮޑު ކަންބޮޑުވުމެއް ފާޅުނުކުރީ ކީއްވެ ހެއްޔެ އެވެ. މަސްނުކިރުވޭ ވާހަކަ ދެއްކިއިރު މަސްކިރުމަށް ދިމާވެފައިވާ މައްްސަލައަށް ހައްލުކުރުމަށް ސަރުކާރުން އައްޑޫ ހުޅުދޫގައި ގާއިމުކުރަން ބަޔަކާ ހަވާލުކުރި މަސްފެކްޓަރީގެ ވާހަކައިގެ ތަފްސީލް ރައްޔިތުންނާ ހިއްސާ ނުކުރީ ކީއްވެ ހެއްޔެވެ.
އިލްޔާސްގެ އެރޭ ދެއްކެވި ވާހަކަތަކާ ގުޅިގެން އަދިވެސް މީހުން ގެންދަނީ ފާޑު ކިޔަމުންނެވެ. ފައްޔާޒު އައްޑޫއަށް ވަޑައިގެން ހިންގާލާނެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށް ވިދާޅުވެ އިލްޔާސް ދެެއްކެވި ވާހަކައާއެކު ބައެއް މީހުން ހަނދާންކޮށްދިނީ ހުޅުދޫގެ މަސްފެކްޓްރީ ހަވާލުކޮށްފައި އޮތް ކުންފުންޏަކީ ކޮބައިކަމެވެ.
ހުޅުދޫގައި މަސްފެކްޓްރީ އަޅަން ހަވާލުކޮށްފައިވަނީ އިލްޔާސްގެ އާއިލާ ހިއްސާވާ ކުންފުންޏަކަށް
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ގޭދޮށު މަސް ޕްލާންޓު އެޅުމުގެ މަޝްރޫއުގެ ދަށުން ހުޅުދޫގައި އަޅާ މަސްޕްލާންޓް އެޅުމަށް ކުންފުންޏަކަށް ހަވާލުކޮފައި އޮންނަތާ އަންނަ ޖުލައި މަހައް ދެ އަހަރު ފުރޭނެ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެކޯ ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏަކީ އިލްޔާސް ލަބީބުގެ އެއްބަނޑު އެއްބަފާ ބޭބެ ކުންފުންޏެއް ކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެ އެއްބަސްވުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޖާވިޒެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީ ހުޅުދޫ އަދި މަރަދޫގައި ޤާއިމްކުރާ ގޭދޮށު މަސް ޕްލާންޓްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި
🔗 https://t.co/jZ24i4cxI5 pic.twitter.com/4AILlJu1To
— Ministry of Foreign Affairs 🇲🇻 (@MoFAmv) July 22, 2020
މި އެއްބަސްވުމުގެ ދަށުން ހުޅުމީދޫގެ މަސް ޕްލާންޓުގެ ފުރަތަމަ ފޭސްގެ މަސައްކަތް 11 މަސް ދުވަހުގެ ތެރޭގައި ނިންމައި ހިންގަން ފަށަންޖެހެ އެވެ. އެހެން ނަމަވެސް މިހާތަނަށް އައިރު އަދި އެ މަސައްކަތް ނިމިފައެއްނުވެ އެވެ. މި މަޝްރޫއަށް ހަ މިލިއަން ރުފިޔާ އިންޑިއާގެ ހިލޭ އެހީގެ ގޮތުގައި ދީފައިވާ އިރު މެކޯ އިން މަޝްރޫ އަށް 6.6 މިލިއަން ރުފިޔާ އިންވެސްޓްކުރާން ޖެހޭނެ ކަމަށް އެ އެއްބަސްވުމުގައިބުނެ އެވެ.
މީގެ އިތުރުން އައްޑޫގައި ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ އިންޑިއާގެ އެފްކޮން ކުންފުނީގެ ރާއްޖޭގެ އެޖެންޓަކީ އިލްޔާސްގެ އާއިލީ ކުންފުނި
ކަމަށް ބުނެވެ އޭނާއަށް ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އައްޑޫގައި ހަދާ ދެ މަސް ޕްލާންޓެއްގެ މަސައްކަތް ވެސް އިލްޔާސްގެ އާއިލީ ކުންފުންޏަކާ ހަވާލުކޮށް ނުނިމި އޮއްވާ އައްޑޫގައި މަޝްރޫއުތައް ހުއްޓިފައި އޮތުމާއި ފައްޔާޒުގެ ކެމްޕެއިނާ ގުޅުވުމުން ފައްޔާޒުގެ ސަޕޯޓަރުންވެސް ދަނީ އިލްޔާސްއަށް ފާޑުކިޔަމުންނެވެ.
'ބޭބެ ކައިރި އަހަންވީނޫންތޯ ގޭދޮށުމަސްފެކްޓްރީގެ މަސައްކަތް ނުނިމި އޮތީ ކީއްވެތޯ، ކީއްވެ ތޯ ފައްޔާޒުއާ ގުޅުވަނީ،" އެމްޑީޕީގެ އާއްމު މެމްބަރަކު އިލްޔާސްއަށް ފާޑުކިޔަމުން ބުންޏެވެ.
އިލްޔާސްގެ ބޭބެގެ ކުންފުންޏަކަށް މި މަޝްރޫއުތައް ދީފައި ހުރި ނަމަވެސް އިލްޔާސްގެ އެއްވެސް ހިއްސާއެއް އެއިން ކުންފުންޏެއްގައި ނޯންނަކަމަށް އޭނާ ވިދާޅުވެ އެވެ. އައްޑޫ ކަރަންޓްގެ މަޝްރޫއު މިހާރު ހިނގަމުންދާ ގޮތަށާއި ދޫގަސްގަ އަޅާ ހޮޓެލް ނުނިމިދާ މައްސަލައާއި މިހެން ގޮސް އައްޑޫގެ އެތައް މަޝްރޫއެއްގެ ވާހަކަ ދެއްކެވިއިރު ގޭދޮށު މަސް ޕްލާންޓްގެ ވާހަކަ ވެސް ތަފްސީލް ނުދައްކަވާ ހަގީގަތް އޮޅުވާލަން އުޅުއްވި ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވިދާޅުވެ އެވެ.