ކަލްކަތާ ނައިޓް ރައިޑާ (ކޭކޭއާރް) ގެ ނަމުގައި މިހާރު ވެސް ކާމިޔާބް ކުރިކެޓް ޓީމެއް ހިންގާ، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ހާން ފުޓްބޯޅަ ޓީމެއް ވެސް ހިންގުމުގެ ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އިންޑިއާގަައި އަހަރަކު އެއް ފަހަރު ބާއްވާ އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) ގައި ކާމިޔާބީތަކެއް ހޯދަމުން އަންނަ ކޭކޭއާރްގެ މައްޗަށް ބިނާކޮށް ހެދި ޑޮކިއުމަންޓްރީ "ލިވިން ވިތު ކޭކޭއާރް" އާ ބެހޭ ގޮތުން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި ޝާހްރުކް ބުނީ، އޭނާ ފުޓްބޯޅަ ޓީމެއް ވަރަށް ބޮޑަށް ގެންގުޅޭ ހިތްވާ ކަމަށެވެ.
"އަހަރެން ވަރަށް ބޮޑަށް ބޭނުން ފުޓްބޯޅަ ޓީމެއް ގެންގުޅެން. އެއި ވަރަށް ބޮޑު ހުވަފެނެއް. އެކަމަށް އެބަ މަސައްކަތްތަކެއް ވެސް ކުރަން. އެކަމަކު އަހަރަމެންގެ ރިސޯސްތައް ވަރަށް ލިމިޓެޑް،" ފުޓްބޯޅައިގެ މާ ބޮޑު ފޯރިއެއް ނޯންނަ އިންޑިއާގައި ފުޓްބޯޅަ ޓީމެއް ގެންގުޅުމާ ބެހޭ ގޮތުން ކާމިޔާބް އެކްޓަރު ބުންޏެވެ.
ޝާހްރުކް ބުނީ ވަރުގަދަ ފުޓްބޯޅަ ޓީމެއް މެނޭޖް ކުރެވޭ ވަރުގެ ވަސީލަތްތަކެއް ހުރެއްޖެ ނަމަ އެކަން ކުރާނެ ކަމަށެވެ. އަދި އެއީ ނުކުރެވޭނެ ކަމެއް ކަމަކަށް ގަބޫލް ނުކުރާ ކަމަށް ވެސް ތިން ކުދިންގެ ބައްޕަ ބުންޏެވެ.
ޝާހްގެ އިތުރުން ޝިލްޕާ ޝެޓީ އާއި ޕްރިތީ ޒިންތާއަކީ ވެސް ކްރިކެޓް ޓީމްތަކެއް ގެންގުޅޭ ތަރިންނެވެ. އަދި ދާދި ފަހުން ޖޯން އަބްރަހަމް ވެސް ވަނީ ދިއްލީގެ ހޮކީ ޓީމެއްގެ ބޮޑު ހިއްސާއެއް ގަނެފަ އެވެ.