Last Updated: April 29, 11:52
Tuesday, April 29, 2025
ޚަބަރު

ސަރުކާރަށް އިތުބާރު ލިބޭނީ ވައްކަންތައް ބެލިގެން: ނަޝީދު

ސަރުކާރަށް އިތުބާރު ލިބޭނީ ހިޔާނާތްތައް ބެލިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އަދި އެމަނިކުފާނު ވެސް އަބަދުވެސް ބޭނުންވަނީ ވަރަށް އާދައިގެ ކަމެއް ކަމަށާއި އެއީ އެއްވެސް ސަރުކާރަކުން ހިޔާނާތްތެރި ނުވުމާއި އެކަކާއި އަނެކާއި ތަފާތު ނުކުރުމުގެ އިތުރުން އަނިޔާވެރި ނުވުން ކަމަށެވެ.

"އެމްއެމްޕީއާރްސީ މައްސަލަ އާއި ވެންޓިލޭޓަރު މައްސަލަ ބެލުން އެއީ އިތުބާރު ލިބޭނެ ކަންކަން" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި ނަޝީދު ގެންދަވަނީ ސަރުކާރަށް އަދި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެގޮތުން ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މަސްވެރިން ބާނާ ހުރިހާ މަހެއް މިފްކޯ އަށް ވަގުތުން ވަގުތަށް ގަނެވޭ ގޮތް ނުވުމުން އެކަމަށްވެސް ނަޝީދު ދާދިފަހުން ވަނީ ފާޑު ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ މަސްވެރިން ބާނާ މަހަށް ހަދާނެ ގޮތް ނުވިސްނިގެން ނޫޅޭ ކަމަށާއި ސަރުކާރުން އެގޮތް ނުހަދަނީ ކަމަށް ވިދާޅުވެފަ އެވެ.

މީގެއިތުރުން ނަޝީދު ވަނީ މި ސަރުކާރަށް ގިނަ ގޯސްތަކެއް ހެދިފައިވާ ކަމަށާއި ރައްޔިތުންގެ ވޯޓުގެ 50 ޕަސެންޓް ހޯދަން އުނދަގޫވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.