ބަތަލާ ބިޕާޝާ ބާސޫގެ ލޯބިވެރިޔާ ހަރްމަން ބަވޭޖާ އެނބުރި ބޮޑު ސްކްރީނަށް އަންނަ ފިލްމް "ޑިޝްކިޔާއޫން" އަށް، ޕްރޮޑިއުސަރު ޝިލްޕާ ޝެޓީ އެކްޓްކޮށްފައިވާ އައިޓަމް ލަވަ "ތޫ މޭރޭ ޓައިޕް ކާ ނެހީ ހޭ" ގެ ފުރަތަމަ ޓީޒާ ލޯންޗްކޮށްފި އެވެ.
ޝިލްޕާ ފްރޮޑިއުސް ކުރާ ފުރަތަމަ ފިލްމަށް އޭނާ އެކްޓް ކުރި ލަވައިގެ ޓީޒާ ލޯންޗް ކުރަން ވަރަށް ކުލަ ގަދަ ހަފުލާއެއް މުމްބާއީގެ "ރޯޔަލްޓީ" ނައިޓް ކުލަބުގައި މިއަދު ވަނީ ބާއްވައިފަ އެވެ.
މިއީ 2008 ވަނަ އަހަރު އަބިޝެކް ބައްޗަން އާއި ޖޯން އަބްރަހަމް ލީޑް ރޯލް ކުޅުނު "ދޯސްތާނާ" ގައި ހިމެނޭ އައިޓަމް ލަވަ "ޝަޓަޕް އެންޑް ބައުންސް" އަށް ފަހު ޝިލްޕާގެ މިފަަދަ ލަވައެއް ބޮޑު ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ.
މި ފަހަރުގެ ލަވައިގައި ޝިލްޕާ އެކު "ޑިޝްކިއާއޫން" ގެ ބަތަލު ހަރްމަން ވެސް ފެނިގެން ދާނެ އެވެ.
"ތޫ މޭރޭ ޓައިޕް ކާ ނެހީ ހޭ" ކިޔާފައި ވަނީ ސްނޭހާ ހާންވާލްކަރެވެ. އަދި ލަވައިގެ މިއުޒިކް ވެސް ތައްޔާރު ކުރީ ސްނޭހާ އާއި ޕަލާޝް މުއްޗަލް އެވެ.
މި ލަވައިގެ ލިރިކްސް ތައްޔާރު ކުރީ ފިލްމްގެ ޑައިރެކްޓަރު ސަނަމްޖީތު ތަލްވާރެވެ. ލަވައިގެ ކޮރިއޮގްރަފީ ހެދީ އެފަދަ ދެވަނައެއް ނެތް ބޮސްކޯ-ސީޒާ އެވެ.
ލަވަ ލޯންޗް ކުރުމަށް ފަހު ޝިލްޕާ ބުނީ "މިއަދަކީ ވަރަށް އުފާވެރި ދުވަހެއް" ކަމަށެވެ.
ސަބަބަކީ އޭނާ ޕްރޮޑިއުސް ކުރާ ފުރަތަމަ ފިލްމް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން މާ ގިނަ ދުވަހެއް ނެތުމުންވެ.
އެކްޝަން ތްރިލާ "ޑިޝްކިއާއޫން" ގައި ހަރްމަން އާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ އަލަށް ތައާރަފްވާ އައިޝާ ކަންނާ އެވެ.
އަދި މި ފިލްމުގެ މުހިއްމު ރޯލަކުން ސަނީ ޑިއޯލް ވެސް ފެނިގެން ދާނެ އެވެ.