Last Updated: November 24, 09:09
Sunday, November 24, 2024
ރިޕޯޓް

ހުރިހާ ކުދިން ވެސް އުޅެންވީ ޔޫސުފް އުޅޭހެން!

"އިމާމުވެ ނަމާދުކުރުމަކީ ވަރަށް އުފާވާ ކަމެއް." މިއީ އައްޑޫ ފޭދޫގެ 13 އަހަރުގެ ޔޫސުފް ހުސައިން ވަރަށް އުފާވެފައި ބުނި ވާހަކައެކެވެ.

ހިތަދޫ ހިރާ ސްކޫލްގެ ގްރޭޑް 6 ގައި ކިޔަވަމުން އަންނަ މި ކުއްޖާ އަކީ މި ރޯދަ މަހު ފޭދޫގެ މަސްޖިދުލް ފައިހާގައި އިމާމުވެ ދެ ރެއިން އެއްރޭ ތަރާވީސް ނަމާދުކުރަމުން އަންނަ ކުއްޖެކެވެ. އެކަމަކު އިމާމުވެ ނަމާދުކުރުމަކީ އޭނަ އަށް ކަމެއް ނޫނެވެ. ގިނަ ބަޔަކަށް އެކަން ހާއްސަ ވަނީ ކުޑަކުއްޖަކު މިކަން ކުރާތީ އެވެ.

ޔޫސުފަށް މި ރޯދަ މަހު ފައިހާގައި އިމާމުވެ ތަރާވީހު ނަމާދުކުރަން ފުރުސަތު ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ މިދިޔަ އަހަރުން ފެށިގެން ޔޫސުފް އަންނަނީ ބަންގި ވެސް ގޮވައި އިމާމުވެ ނަމާދުކުރަމުންނެވެ. ގެ ކައިރީގައި ހުންނަ މިސްކިތް، މަސްޖިލުން މުނައްވަރަކީ ޔޫސުފް އެންމެ ގިނައިން އިމާމުވެ ނަމާދުކުރާ މިސްކިތެވެ.

ގިނަ ބަޔަކު ގޮވައިގެން ޖަމާތުގައި ނަމާދުކުރުމަކީ ޔޫސުފް ދެކޭ ގޮތުގައި ބޮޑު ކަމެކެވެ. އެހެންވެ މިކަން އޭނާ ކުރަނީ އަބަދު ވެސް ވަރަށް ތައްޔާރުވެގެންނެވެ. ޤުރުއާން ކުހާލަކަށް ގޮސް ތަޖުވީދުގެ މަހުން ޤުރުއާން ކިޔަވަން ދަސް ވެސް ކުރަމުން އަންނަ ޔޫސުފް މިހާރު ވެސް 13 ފޮތެއް ހިތުދަހެވެ. އަދި ޔޫޓިއުބުުން ޤުރުއާން އަޑުއަހައި ދަސްކުރުމަކީ ޔޫސުފްކުރާ ކަމެކެވެ.

އޭނާ ކިޔައިދިން ގޮތުގައި އިމާމުވެ ނަމާދު ކުރުމުގެ ޝައުވެރިކަން ވެސް އުފެދުނީ ޤުރުއާނަށް ދެވެން ފެށި ސަމާލުކަމާއި ޤުރުއާން ކުލާހުގެ ތެރެއިން ލިބެން ފެށި ހިތްވަރާއި ޖޯޝްގެ ސަބަބުންނެވެ.

"އެ ކުލާހުގައި އޮންނާނެ ކުދިންގެ މެދުގައި ބަންގި ގޮވުން ވެސް. އެގޮތަށް މިކަމުގެ ތެރެއަށް ވަދެވި މިދިޔަ އަހަރުން ފެށިގެން އިމާމުވެ ނަމާދުކުރަން ފުރުސަތު ލިބެން ފެށީ." ޔޫސުފް ބުންޏެވެ.

އޭނާ ބުނީ އެންމެ ފުރަތަމަ އިމާމުވެ ނަމާދުކުރި ދުވަހު ޖެހިލުންވި ކަމަށެވެ. އެކަމަކު އެ ބިރު އެންމެ ބޮޑަށް ފިލައި ދިޔައީ ޤުރުއާން ކްލާހުގެ ތެރެއިން މިކަމުގެ ތެރެއަށް އާދަވުމުން ކަމަށް އަޅުކަމަށް ވަރަށް ބޮޑު އިސްކަމެއްދޭ "ކުޑަ އިމާމު" ބުންޏެވެ.

"މިހާރު އެއްވެސް ޖެހިލުމެއް ނުވޭ ކިތަންމެ ބޮޑު ޖަމާއަތެއްގައި ވެސް އިމާމުވެ ނަމާދުކުރާކަށް." ޔޫސުފް ބުންޏެވެ.

ޔޫސުފް ނަމާދަށް ބަހައްޓާ ފަރުވާތެރިކަމާ އޭނާ އިމާމުގެ ނަމާދުކުރާތީ މިކަން އެކުވެރި، ރައްޓެހި ކުދިން ނަގަނީ ނަމޫނާއެއްގެ ގޮތުގަ އެވެ.

"ޔޫސުފް މިކަން ކުރާތީ ރައްޓެހި ބައެއް ކުދިން ބުނާނެ ދާނަމޭ ޔޫސުފް ދާ މިސްކިތަށް ބަންގި ގޮވާ ގޮތާއި ނަމާދުކުރާ ގޮތް ބަލަން،" އޭނާ ބުންޏެވެ. "މިކަން ކުރަނީ ވަރަށް ކުރާ ހިތުން. އަދި މިއީ ވަރަށް އުފާވާ ކަމެއް."

އޭނާ ބުނީ އާއިލާ ސަޕޯޓާއި ސްކޫލްގެ ޤުރުއާން ޓީޗަރުގެ ފަރާތުން ވެސް ބޮޑު ހިތްވަރެއް ލިބޭ ކަމަށެވެ.

ޔޫސުފްގެ ބައްޕަ ކަސްޓަސްގައި ވަޒީފާ އަދާކުރާ ހުސައިން އަފީފަކީ ވެސް ދީނީ ކަންކަމަށް ވަަރަށް ބޮޑު ސަމާލުކަމެއްދޭ މީހެކެވެ. އޭނަ އަކީ ވެސް ބައެއް ފަހަރު އިމާމުވެ ބައެއް މިސްކިތްތަކުގައި ނަމާދުކޮށް އުޅޭ މީހެކެވެ. ޔޫސުފަށް ނަމާދަށް އާދަވުމަކީ ބައްޕަގެ ފަރާތުން ފެންނަ އަމަލާއި އާއިލާގެ ތެރެއިން އެކަމަށް އަޅާ ބާރާއި ދޭ ހިތްވަރެވެ.

"ދެން ސްކޫލްގެ ޤުރުއާން ޓީޗަރު އަބަދު ވެސް ވަރަށް ހިތްވަރު ދޭނެ." ޔޫސުފް ބުންޏެވެ.

ސައިންސް މާއްދާ ވަރަށް ކިޔަވާ ހިތްވާ ކަމަށް ބުނާ މި ކުއްޖާގެ އަމާޒަކީ ގްރޭޑް 8 އާ ހަމައަށް ދާންވާ އިރަށް ޤުރުއާން އެއްކޮށް ހިތުދަސްކުރުމެވެ. އެއީ ފަސޭހަ ކަމަކަށްވާނެތޯ އެހުމުން ޔޫސުފު ހިނިތިވުންވެލާފައި ބުނީ މިހެންނެވެ؛

"ޤުރުއާން ކްލާސް ކުރިއަށްދާ މެތަޑަށް ބަލާ އިރު، ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައި ފެންނަނީ." ހަފުތާގެ ފަސް ދުވަހު ޤުރުއާން ކްލާހަށްދާ ދާ ޔޫސުފް ބުންޏެވެ.

އޭނާ ދީނީ ކަންކަމަށް ބޮޑު ސަމާލުކަމެއްދޭ އިރު ޔޫސަފަކީ ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ކުއްޖެކެވެ. އެގޮތުން ފުޓްބޯޅަ އަކީ ވަރަށް ބޮޑު ފެވަރިޓެކެވެ. ސްކޫލްގައި ބާއްވާ މުބާރާތްތަކުގައި ޔޫސުފް ވާދަކުރެ އެވެ. ކިޔެވުމާއި އެހެން ކަންކަމަށް ވަގުތު ރާވާލައިގެން އަބަދު ވެސް ދުވަހުގެ ތާވަލު ކުރިއަށް ގެންދާ ޔޫސުފަކީ އެ އުމުރުގެ އެހެން ކުދިންނެކޭ އެއްގޮތަށް އެހެން ކަންކަމަށް ވެސް ވަގުތު ކުއްޖެކެވެ.

"ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި ޤުރުއާން ކިޔަވައި މުރާޖާކުރުމަކީ އާންމުކޮށް ކުރާ ކަމެއް. ކޮންމެ ދުވަހަކު ފަތިސް ނަމާދުން އައިސް ވެސް ސްކޫލަށް ދާން ތައްޔާރުވުމާ ހަމައަށް އޮންނާނެ ޤުރުއާން މުރާޖާކުރުން،" މިހާރު އޮންލައިންކޮށް ވެސް ހަދީސް އިލްމާއި ދީނީ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ޔޫސުފު ބުންޏެވެ. "ދެން ކޮންމެ ދުވަހަކު ވެސް ދެ ނަމާދު ދޭތެރޭ ޤުރުއާން ކިޔެވުން އޮންނާނެ."

އިމާމުވެ ނަމާދުކުރާ ކުއްޖަކަށްވާތީ ސޫރަތްތައް ރަނގަޅަށް، ދަސްކޮށް ފަރިތަކޮށް، ގޭގައި ތަކުރާރުކޮށް ޕްރެކްޓިސްކުރުމަކީ ޔޫސުފްގެ އާދައެކެވެ.

"ތައްޔާރުވެގެން އިމާމުވެ ނަމާދުކުރާތީ މިހާރު މާ ބޮޑު ކަމަކަށް ނުވޭ،" އޭނާ ބުންޏެވެ. "އެހެންވެ އެ ކުދިންނަށް ވެސް ބުނެލަން ބޭނުން ވަނީ ބިރު ކަނޑާލައި މިކަން ކުރާށޭ."

ދީނީ ކަންކަމަށް އޮތް ލޯތްބާއި ޝައުގުގެ ތެރެއިން އެހާ ޅަ އުމުރުމުގައި އިމާމުގެ ނަމާދުކުރުމާއި ޤުރުއާން ހިތުދަސްކުރުން ފަދަ އަޒުމުގެ ތެރޭގައި އުޅުނަސް ޔޫސުފް ބޮޑުވެގެން ވާން ބޭނުން ވަނީ އަދި މުޅިން އެހެން މީހަކަށެވެ.

"ބޮޑުވެގެން ވާން ބޭނުން ވަނީ ޕައިލެޓަކަށް." ޔޫސުފް ބުންޏެވެ.

އެ ވާހަކަ އިން ޔޫސުފްގެ ބައްޕަގެ މޫނު މައްޗަށް ވެސް ވެރިވީ ހިނިތުންވުމެކެވެ. އޭނާ ބުނި ގޮތުގައި ދަރިފުޅަށް އަބަދު ވެސް ދޭނެ ނަސޭހަތަކީ ކޮންމެ ދާއިރާއަކުން ކުރިއަށް ދިޔަސް ދީނީ ކަންކަމަށް ސަމާލުކަން ދޭށޭ އެވެ. ހާއްސަކޮށް ނަމާދަށް ފަރުވާތެރިވާށޭ އެވެ.

"މިހާރު ވެސް ނުޖެހޭނެ ޔޫސުފް ގާތު ނަމާދަށް ދާށޭ، ޤުރުއާން ކިޔަވާށޭ ބުނާކަށް. އަމިއްލަ އަށް ފެނިގެން އެކަންކަން ޔޫސުފް ކުރާނެ." ހުސައިން ބުންޏެވެ.