Last Updated: April 24, 10:25
Thursday, April 24, 2025
ޚަބަރު

ފްލާސްޓިކާ ދެކޮޅަށް އިސްލާމިކް މިނިސްޓްރީ

ވެށްޓާއި ކަނޑުފަޅަށް ޕްލާސްޓިކް އެޅުން ހުއްޓުވުމާ ގުޅޭ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޕާލޭ މޯލްޑިވްސްއާ އެކު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ވެށްޓާއި ކަނޑުފަޅަށް ޕްލާސްޓިކް އެޅުން ހުޓުވުމަށްޓަކައި މިނިސްޓްރީގެ ބެލެހެއްޓުމުގައިވާ މިސްކިތްތަކާއި ބިނާތަކާއި އިދާރާތަކުގައި ޕާލޭ އެއާސްޓްރެޓަޖީ ހިންގުމުގައި އެއްބާރުލުންދީ މަސައްކަތް ކުރެވޭނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ޢަލީ ވިދާޅުވީ ވެށްޓާއި ކަނޑުފަޅަށް ޕްލާސްޓިކް ދިއުން ހުއްޓުވުމަށް މިނިސްޓްރީން އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި މިފަދަ ކަމެއްގައި އިސް ނެގީތީ ޕާލޭ މޯލްޑިވްސް އަށް ޝުކުރު އަދާކުރެއްވި އެވެ.

ޕާލޭ މޯލްޑިވްސްގެ ބާނީ އަދި ކުރީގެ ޕްލޭން މިނިސްޓަރު ހަމްދޫން ހަމީދު ވަނީ ކަނޑުތަކަށް ޕްލާސްޓިކް އެޅުމަކީ ވަރަށް ގިނަ ޤައުމުތަކުން ކުރާ ނޭދެވޭ ކަމެއްކަން ފާހަގަކުރައްވައިފަ އެވެ.

ކަނޑުފަޅު ޙިމާޔަތްކުރުމާގުޅޭ މިފަދަ އެއްބަސްވުމެއްގައި އިސްލާމިކް މިނިސްޓްރީން ސޮއިކުރުމުން އެކަމަށް ޝުކުރުއަދާކުރައްވާ މިފަދަ ކަންކަމުގައި ދީނީ އަދި އިޖުތިމާޢީ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް މިނިސްޓްރީން މަސައްކަތްކުރެއްވުމުން ރައްޔިތުންނަށް ރަނގަޅު ނަމޫނާއަކަށް ވާނެ ކަމަށް ހަމްދޫން ވިދާޅު ވިއެވެ. އަދި ކަނޑުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުމަށް ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި އިސްލާމީ މަރުކަޒު އަދި މަސްޖިދުލް މަލިކި ސަލްމާންގައި ޕާލޭ އެއާ ސްޓްރެޓަޖީ ހިންގުމުގައި އެއްބާރުލުންދީ މަސައްކަތް ކުރާނެ އެވެ.

އަދި މިނިސްޓްރީގެ ފަރާތުން ޚާއްސަ ދުވަސް ދުވަހު އިންތިޒާމުކުރާ ބޮޑު ޖަމާޢަތް ނަމާދުތަކާއި އާންމު ދަރުސްތައް ބާއްވާ ސަރަހައްދުތަކުގައި ބޭނުންކުރެވޭ ޕްލާސްޓިކް މަދުކުރުމާއި ބޭނުންކުރާ ޕްލާސްޓިކް ނުއުކައި، އެއްކުރުމަށްޓަކައި ނެޓުވަށިތައް ބެހެއްޓުމާއި، މޫސުމީ ބަދަލުތަކާއި، މާކަނޑުތައް ޙިމާޔަތްކޮށް ދެމެހެއްޓުމުގެ މުހިންމުކަމާއި، ޕްލާސްޓިކްގެ ނުރައްކާތަކާބެހޭ މަޢުލޫމާތު އަންގައިދީ ހެޔޮ މިސްރާބަށް ފަރުދީ ޖަމާއަތީ އާދަތައް ބަދަލުކުރުމަށްޓަކައި، ކަމާގުޅޭ ޝިޢާރުތަކާއި ހޭލުންތެރިކުރުމުގެ މެސެޖުތަކާއި ދަރުސްތަކާއި ޚުތުބާތަކުގައި ހިމެނުމަށް ވެސް އެއްބަސްވެފައިވެ އެވެ.

މި އެއްބަސްވުމުގެ ދަށުން ޕާލޭ މޯލްޑިވްސް އިން މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކާއި ބިނާތަކާއި މިސްކިތްތަކުން، ވެށްޓާއި ކަނޑަށް ދިޔަ ނުދީ އޮބަހައްޓައި ޙަވާލުކުރާ ޕްލާސްޓިކްގެ ހިސާބު ބަލަހައްޓައި، އައު ބޭނުންތަކާއި ރައްކާތެރި ނެއްތުމަށް ދުވަހުން ދުވަހަށް ގެންދިއުމާއި ޕާލޭ އެއާ ސްޓްރެޓަޖީ އަންގައިދޭ މެސެޖް ބޯޑުތައް ބެހެއްޓުމާއި ވަސީލަތްތައް ފޯރުކޮށް ދިނުން އަދި ހޭލުންތެރިކުރުމުގެ މެސެޖްތަކާއި ޚުތުބާތަކުގައި ހިމެނުމަށް ބޭނުންވާ ވަސީލަތްތަކާއި މައުލޫމާތު ފޯރުކޮށް ދޭނެ އެވެ.