އައްޑޫގެ ރުއްޖެހެރަ ޕިކްނިކް ޒޯނަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރޭގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ފާހަގަކޮށްފައިވާ ކަންކަން ކޮށްފައި ނުވާނެ ކަމަށް ބުނެ ކައުންސިލުން ޖަވާބު ދީފި އެވެ.
އެގޮތަށް ކައުންސިލުން ޖަވާބު ދިނީ ޕިކްނިކް ޒޯން ހަދާ ސަރަހައްދުގެ އެއްގަމާއި މޫދު ކޮނެ، ހޭޅިފަށުން ގަސްތައް ނަގައި އެ ހިސާބުގަނޑުގެ އާނުގަނޑު ވެސް ހަލާކުކޮށްލާފައިވާކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމުގެ ތަފުސީލު ލިޔުމަކުން އަންގައިދޭން އެންގުމުންނެވެ. އެގޮތަށް އީޕީއޭ އިން ކައުންސިލަށް އެންގީ މި މަހުގެ 23 ގަ އެވެ.
ޖަބާދުދޭން ދިން ސުންގަނޑި އިއްޔެ އަށް ހަމަވި އިރު ކައުންސިލުން ޖަވާބު ދީފައި ވަނީ ޕިކްނިކް ޒޯނަކަށް ބަދަލުކުރާ ތަނަށް އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެ ކަމަށް އީޕީއޭ އިން ބުންޏެވެ. އެކަމަކު ކައުންސިލުން އެގޮތަށް ޖަވާބު ދިނަސް އެ ސަރަހައްދަށް ގެނެސްފައި ހުރި ބަދަލުތައް ގޫގުލްގެ މެޕްގެ ޓައިމްލައިނުން ފެންނަން އެބަހުރި ކަމަށް އީޕީއޭ އިން ބުންޏެވެ.
އެހެންވެ މިހާރު ނިންމާފައި އޮތީ އީޕީއޭ އިން ކައުންސިލާ އެކު ޕިކްނިކް ޒޯނަށް ޒިޔާރަތްކޮށް އެތަނުގެ ވެއްޓަށް ގެނެސްފައި ހުރި ބަދަލުތައް ފާހަގަކޮށް، އަޅަން ޖެހޭ ފިޔަވަޅު އެޅުމަށެވެ.
އައްޑޫ ސިޓީ ހިތަދޫ ރުއްޖެހެރެ ސަރަހައްދުގައި ތަރައްޤީ ކުރާ ޕިކްނިކް ޒޯނުގެ މަސައްކަތް ކުރިޔަށްދާގޮތް މޭޔަރ ޢަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއު ބައްލަވާލައްވައިފި. މިމަސައްކަތް ކުރިޔަށް ގެންދަނީ އައްޑޫ ސިޓީ ކައުންސިލް އާއި އައްޑޫ ފްރެންޑްސް އަދި ބީޓެކް ގުޅިގެން. pic.twitter.com/KWsQDVb9Km
— Addu City Council (@AdduCityCouncil) November 3, 2021
ލިންކް ރޯޑް ސަރަހައްދުގައި އޮންނަ ކުނިކޮށީގެ ދެކުނުން އޮތް ރުއްޖެހެރައިގައި ޕިކްނިކް ޒޯނެއް ހަދަން ކައުންސިލުން ފެށީ ކުރިން އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ މީހުން އާންމުކޮށް ދަތުރު ގޮސް އުޅުނު ގައުކެނޑި/ހަންކެޑެ ކޯޒްވޭ ސަރަހައްދުގެ މަގަށް ބޮޑު ބަދަލެއް ގެންނަން ފެށުމާ ގުޅިގެންނެވެ.
ރުއްޖެހަރަ ސަރަހައްދު ޕިކްނިކް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ކައުންސިކުން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ. އަދި މިއީ ކައުންސިލާއި ހިތަދޫގެ ޖަމިއްޔާއެއް ކަމަށްވާ ފްރެންޑްސް ކުލަބާއި ހިތަދޫގެ ކުންފުންޏެއް ކަމަށްވާ ބީ ޓެކް ގުޅިގެން ފެށި މަސައްކަތެއް ކަމަށް ބުނެފައިވެ އެވެ.