ސ. ފޭދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި، ކޮމިއުނިޓީ ހެލްތު އޮފިސަރު އިހްތިޝާމް ނަޖީބް (އިންތާ) މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އަށް ހެލްތު މިނިސްޓްރީން ބަދަލު ކުރި ނަމަވެސް، އޭނާ އަދިވެސް މަސައްކަތް ކުރައްވަނީ ސިއްހީ މަރުކަޒުގައި ކަމަށާއި ހޮސްޕިޓަލަށް ނުނިކުންނަވާކަން އެނގިއްޖެ އެވެ.
މިކަން ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފުސާ (ހައްޖަ) ވެސް މިއަދު ވަނީ "އައްޑޫ ލައިވް" އަށް ކަށަވަރުކޮށް ދެއްވައިފަ އެވެ.
އިންތާ ބަދަލު ކުރީ އެޗްއާރްއެޗްގެ ޕަބްލިކް ހެލްތު ސެކްޝަނަށެވެ. އެނގިފައިވާ ގޮތުގައި އައްޑޫގައި މަސައްކަތް ކުރާ ޕަބްލިކް ހެލްތު މުވައްޒަފުން ތިބެނީ ހޮސްޕިޓަލްގެ މުވައްޒަފުންގެ ގޮތުގަ އެވެ.
އެހެން ނަމަވެސް އޭނާ ހޮސްޕިޓަލަށް ނުނިކުންނަވާތީ "އައްޑޫ ލައިވް" އިން މިއަދު ސުވާލް ކުރުމުން ހައްޖަ ވިދާޅުވީ، އިންތާ ހޮސްޕިޓަލަށް ނުނިކުންނަވާނެ ކަމަށް ބުނެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އަދި ކުރިން އޭނާ ވަނީ ހޮސްޕިޓަލަށް ބަދަލު ކުރި ސަބަބެއް އަންގާފައި ނެތް ކަމަށް ވިދާޅުވެފަ އެވެ.
އެ ސިޓީގައި އޭނާ ހޮސްޕިޓަލަށް ބަދަލު ކުރުމުން އެލަވަންސް ލިބޭ ގޮތާ ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށް ހައްޖަ ވިދާޅުވި އެވެ. އަދި އޭނާ ހޮސްޕިޓަލަށް ބަދަލު ކުރުމް ފޭދޫ ސިއްހި މަރުކަޒުގައި ވެސް ކޮމިއުނިޓީ ހެލްތު އޮފިސަރަކު ނުހުންނާނެކަން ފާހަގަކޮށް، ހޮސްޕިޓަލަށް ނުނިކުންނާނެ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
އެހެންވެ މިކަން ހޮސްޕިޓަލުން މިހާރު ވަނީ ހެލްތު މިނިސްޓްރީ އަށް ވެސް އަންގައިފަ އެވެ. ހައްޖަ ވިދާޅުވީ ދެން އެކަމާ ގުޅޭ ގޮތުން މިނިސްޓްރީން ގޮތެއް ނިންމާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.
"އަސްލު ހޮސްޕިޓަލަށް ކޮމިއުނިޓީ ހެލްތު އޮފިސަރެއްގެ މުހިއްމުކަން ބޮޑުވެގެން މިނިސްޓްރީން ނިންމި ނިންމުމެއް މިއީ. އެއްގޮތަކަށް ވެސް ވަކި މީހަކާ ދޭތެރޭ ވަކި ގޮތަކަށް އަމަލު ކުރަން މިނިސްޓްރީން ނިންމުމެއް ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" ހައްޖަ ވިދާޅުވި އެވެ. "އެހެންވެ މިނިސްޓްރީން އަންގާ ގޮތަކަށް މުވައްޒަފުން އަމަލު ކުރަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ."
އިންތާގެ ބަދަލުގައި ފޭދޫ ސިއްހީ މަރުކަޒު ހިންގަން ހަވާލު ކުރަން ނިންމާފައި ވަނީ އެތަނުގެ އެޑްމިން އޮފިސަރުގެ މަގާމުގައި މިހާރު ހުންނެވި އައިމިނަތު ޒިލީނާ އާ އެވެ.