ބޮލީވުޑްގައި ނުބައިބައި ރޯލްތައް ކުޅެން މަޝްހޫރު އެކްޓަރު މޯނިޝް ބޭލް މުމްބާއީގައި ދިރިއުޅޭ ގޭގެ ސްވިމިން ޕޫލުން ކޮތަޅަކާށް ލާފައި އޮތް ކުޑަ އަންހެން ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕްލާސްޓިކް ކޮތަޅަކަށް ލައި، ތުން ބަނދެ، ގަލެއް ވެސް އައްސައި ސްވިމްޕޫލް ތެރެ އަށް އެއްލާލާފައި އޮތް ކުއްޖާ ފެނުނީ އިއްޔެގެ ވަގުތެއްގައި މޯނިޝްގެ މުމްބަރާ ބަނގުލޯގެ ސްވިމިން ޕޫލުންނެވެ.
އެ ކުއްޖާ ފެނުނީ އެ ގޭގެ ސެކިއުރިޓީ ގާޑަށެެވެ. އެ ހަބަރު ސެކިއުރިޓީ ގާޑް މޯނިޝްގެ އަންހެނުން އަދި މެނޭޖަރު އެކްތާ އަށް ދިނުމާ އެކު، މޯނިޝް އަށް ގުޅައި އެ ހަބަރު ދިނެވެ.
މޯނިޝް އޭރު އުޅުނީ މަސައްކަތެއްގައި ގެއިން ބޭރުގަ އެވެ. އަދި ވަގުތުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށް، ވަރަށް އަވަަހަށް އޭނާ ގެއަށް ދިޔަ އެވެ.
ސްވިމިން ޕޫލުން ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަން ހެދި ޑޮކްޓަރުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ކުޑަ އަންހެން ކުއްޖާގެ ހަށިގަނޑު ޕޫލުގައި އޮންނަތާ ދެ ދުވަސްވަރު ވެދާނެ ކަމަށެވެ.
އަދި އެއީ ވިހޭ ގޮތަށް އެއްލާލި ކުއްޖެއް ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ފަދަ ފިލްމުތަކުން ފެނިފައިވާ މޯނިޝް ބުނީ އޭނާގެ ގޭގެ ސްވިމިުން ޕޫލަކީ ވަރަށް ބޮޑަށް ހާމަ އަށް އޮންނަ ޕޫލެއް ކަމަށެވެ. އަދި އެއީ ކޮންމެ މީހަކަށް ވެސް އެކްސެސްވެވޭ ގޮތަށް އޮތް ޕޫލެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"މި ވަރުގެ ބޮޑު ޖަރީމާއެއް ހިންގުމުގެ ބަދަލުގައި ކީއްތޯ ވާނީ އެ ކުއްޖާ މަރާލުމުގެ ބަދަލުގައި ދަރިއަކު އެޑަޕްޓް ކުރަން ބޭނުންވާ މީހަކަށް ދިން ނަމަ. މި މައްސަލަ ފުލުހުން ވެސް ވީހާ ވެސް ބޮޑަށް ތަހުގީގު ކުރަން އަހަރެން އެދިފައިވާނީ. އަދި ކުށްވެރިޔާ ހޯދައި އޭނާ އަށް އަދަބު ދޭން ޖެހޭނެ،" ކުރީގެ ވަަރަށް މަޝްހޫރު ބަތަލާއެއް ކަމަށްވާ ނޫޓާންގެ ދަރި މޯނިޝް ބުންޏެވެ.