ތިލަފަތަކީ އެއްވެސް މީހެއްގެ ރަމުޒެއް ނޫން ކަމަށް ވިދާޅުވެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ނުރުހުން ފާޅުކުރައްވައިފިއެވެ.
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، "ތިލަފަތުގެ ރަމުޒު" މި ޝިއާރަކީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕޭންގައި ބޭނުންކުރަމުން އަންނަ ޝިއާރެކެވެ.
އެކަމަށް ފާޑުވިދާޅުވެ އަހުމަދު އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިތްހަމަ ނުޖެހުނު ކަމަށްވީނަމަވެސް އެމްޑީޕީއަކީ އެއްވެސް މީހެއްގެ އެއްޗެއް ނޫން ކަމަށެވެ. އަދި ތިލަފަތަކީ އެއްވެސް މީހެއްގެ ރަމުޒެއްވެސް ނޫން ކަމަށެވެ.
Hiyhama jehunas nujehunas @MDPSecretariat akee evves meehehge ehcheh noon adhi thilafathakee evves meehehge ramuzehves noon.
— Ahmed Abdulla (@ahmedabdulla2a) May 3, 2022
މީގެއިތުރުން ކުރި ޓްވީޓެއްގައި އަހުމަދު އަބްދުﷲ ވިދާޅުވެފައިވަނީ ކެމްޕޭނަކީ ފިތުނަޔާއި ނަފުރަތު އުފެއްދުންކަމަށް ދެކި، އެ ވިސްނުމުގައި ނެތް ހުިރހާ މީހުން އެކި ނަންނަމުގައި ލޭބަލް ކުރަމުން ދިއުމަކުން ލިބޭނެ މޮޅެއް ނެތްކަމަށެވެ.
މޭ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި އިމްތިޔާޒާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.
ފައްޔާޒަށް ތާއީދުކުރާ މަޖިލިސް މެމްބަރުންނާ އިމްތިޔާޒަށް ތާއީދުކުރާ ފަރާތްތަކާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރުން މިހާރު ވަނީ އާންމުވެފައެވެ.