Last Updated: December 22, 15:27
Sunday, December 22, 2024
ޚަބަރު

ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑުކުރަންޖެހޭ: އާދަމް ޝަރީފް

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ޓީޗަރުންނާއެކު ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑުކުރަންޖެހޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޓީޗަރުންގެ މުސާރަ ސަރުކާރުން ބޮޑުކޮށްފައިވާއިރު ޔުނިވަސިޓީތަކުގައި ކިޔަވައިދޭ ލެކްޗަރާއިންގެ މުސާރަ ބޮޑު ނުކުރުމުން އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ. 

އެކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ ތަރައްގީއަށްޓަކައި ޓީޗަރުންނެކޭ އެއްފަދައިން ޓީޗަރުން ތަމުރީނުކުރާ މީހުންގެ ދައުރުވެސް ބޮޑުވާނެކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރިއިރު، ލެކްޗަރާއިން ބާކީ ކޮށްލުމަކީ ދެރަކަމެއް ކަމަށެވެ. އަދި ޓީޗަރުންގެ މުސާރައާ އެކު ލެކްޗަރާއިންގެ މުސާރަވެސް ބޮޑުވާންޖެހޭ ކަމަށެވެ.

ޓީޗަރުންނާއި ޕްރިންސިޕަލުން އަދި ތައުލީމީ ދާއިރާގެ އެކި ފަރާތްތަކުގެ މުސާރައަށް ސަރުކާރުން ވަނީ ހެޔޮ ބަދަލެއް ގެނެސްފައެވެ. އެގޮތުން ޕްރިންސިޕަލުންގެ މުސާރަ 30،000ރ އިން މައްޗަށް ޖެހިފައިވާއިރު ގިނަ ޓީޗަރުންގެ މުސާރަ ވަނީ 20،000ރ އިން މައްޗަށް ޖެހިފައެވެ.