މިއަދަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް 100 ދުވަސް ފުރުނު ދުވަހެވެ.
މި މުއްދަތުގެ ތެރޭގައި ސަރުކާރާއި ސަރުކާރާ ގުޅުން ހުރި އެކިއެކި މުއަައްސަތާތަކުން އެންމެ އަޑު ހަރުކޮށް ދައްކަމުން ދިޔަ ވާހަކަތަކަކީ 100 ދުވަހުގެ ލަނޑުދަދިނޑިތަކުގެ ވާހަކަ އެވެ.
މި މަސައްކަތުގެ ތެރެއިން ފުލުހުން ވެސް 100 ދުވަހުގެ ލަނޑުދަނޑިތަކެއް ކަނޑައަޅައި، އެކަން ހާސިލް ކުރަން މަސައްކަތްތަކެއް ފެށި އެވެ.
މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ މާލޭން ބޭރުގައި ފުރަތަމަ ފަހަރަށް، ފުލުހުން ސީސީޓީވީ ކެމެރާ ހަރު ކުރުމުގެ މަސައްކަތްތަކެއް ފެށުމެވެ. އެއީ އާބާދީ ބޮޑު ތަފާތު ކުށްތައް ވެސް ހިނގުން އެންމެ ބޮޑު އެއް ސަރަހައްދު ކަމަށްވާ އައްޑު އެވެ.
އެގޮތުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމާއި ބާރު ސްޕީޑްޑުގައި ދުއްވުން ފަދަ ކަންކަން ކޮންޓްރޯލް ކުރުމަށް ލިންކް ރޯޑްގެ އެކި ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާތައް ހަރު ކުރާނެ ކަމަށް ފުުލުހުން ބުންޏެވެ.
މި މަސައްކަތުގެ ތެރެއިން މިހާތަނަށް ކެމެރާ ހަރު ކުރެވުނީ ހިތަދޫ ޕޮލިސް ސްޓޭޝަނާ ދިމާލުގައި އެކަންޏެވެ. އެއީ ޑިސެމްބަރު 18، 2013 ގަ އެވެ. އެ ދުވަހު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ހަފުލާއެއްގައި އައްޑޫގައި ސީސީޓީވީ ކެމެރާ ހަރުކޮށް ބޭނުން ކުރުން އިފުތިތާހު ކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދާއި މޭޔަރު އަބްދުﷲ ސޯދިގެވެ.
އެ ދުވަހު ސީޕީ ވިދާޅުވީ ލިންކް ރޯޑްގެ ފަސް ދިމާލެއްގައި ސީސީޓީވީ ކެމެރާތައް ހަރުކޮށް ބޭނުން ކުރާނެ ކަމަށެވެ. އޭގެ މާނަކީ އައްޑޫގައި ހަރު ކުރެވިފައި ހުންނަނީ ޖުމްލަ 10 ކެމެރާ އެވެ. އެއީ ޑުއަލް ކެމެރާތަކެވެ.
އެކަމަކު 100 ދުވަސް ހަމަވި އިރު، އައްޑޫގައި ހަރު ކުރަން ބުނި 10 ކެމެރާގެ ތެރެއިން މިހާތަނަށް ހަރުކޮށްފައި ހުރި ތަން ފެންނަނީ އެންމެ ދެ ކެމެރާ އެވެ. އަނެއް ދެ ކެމެެރާ ކޮބައި ހެއްޔެވެ؟
ކެމެެރާތައް ހަރު ކުރާނެ ސްޓޭންޑްތައް ބަހައްޓާފައި ހުރި ތަން ފެނެ އެވެ. އެކަމަކު އެއިން ސްޓޭޑެންގައި އަދި ކެމެރާއެއް ނެެތެވެ.
ފުލުހުން ހާސިލް ކުރަން ބޭނުންވި ލަނޑުދަނޑިތައް "ހާސިލްވެގެން" އިހަކަށް ރޭ އެކަން ފާހަގަ ވެސްކޮށްފި އެވެ. އެކަން ފުުލުހުން ފާހަގަ ކުރި އިރު، އައްޑޫގައި ހަރު ކުރަން ބުނި ސީސީޓީވީ ކެމެރާތަކުގެ މަތިން އަނެއްކާ ހަނދާން ނެތުނީ ނޫން ބާވަ އެވެ؟