"ފިލްމީ ދާއިރާގައި އެއްވެސް މުސްތަގުބަލެއް ނެތް" ކަމަށްް ބުނެ ޒުވާން ބަތަލާ އައިމިނަތު އަަމީލާ ފިލްމް ކުޅުން ހުއްޓާލައިފި އެވެ.
އޭނާ ބުނީ ފިލްމީ ދާއިރާގައި ފަސް އަހަރެއްހާ ދުވަހު އުޅުމަށް ފަހު، އެ ދާއިރާ އާ ދުރަށް ދާން ނިންމި މައިގަނޑު ސަބަބަކީ ފިލްމީ ދާއިރާގައި މާ ބޮޑު ކުރިއެރުމެއް އޮތް ކަމަށް ގަބޫލް ނުކުރެވޭތީ އާއި މި ދާއިރާގައި އުޅެގެން ރަނގަޅު އާމްދަނީއެއް ވެސް ނުލިބޭތީ ކަމަށެވެ.
އެހެންވެ ކުރިއަށް އޮތް ތަނުގައި ފިލްމަކުން ވެސް އަދި ޑްރާމާ އާއި ލަވައަކުން ވެސް އޭނާ ނުފެންނާނެ ކަމަށް ހިތަދު އަށް އުފަް އަމީ ބުންޏެވެ.
"ސޫރަ" އާއި "ވައުދޭ މީ ފަދަ" ކާމިޔާބް ޑްރާމާތަކުން ވެސް ފެނިފައިވާ އަމީ ބުނީ އޭނާ ދެން ބޭނުން ވަނީ "ލައިފަށް ވަގުތު ދޭން" ކަމަށެވެ.
ކުރު ފިލްމް "ކިސް: ޖަޒްބާތު" އިން ފިލްމީ ދާއިރާ އަށް ނިކުމެ، "މާފެއް ނެތް" އަދި "ފަތިސް ހަނދުވަރުގެ ފެށުން" ފަދަ ފިލްމުތަކުގައި ސަޕޯޓިން ރޯލްތަކެއް ކުޅެފައިވާ އަމީ ބުނީ އޭނާ ފިލްމު ކުޅުމަކީ އާއިލާ މީހުން ވެސް ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
އެކަމަކުު ފިލްމު ކުޅުމަކީ އޭނާ ކުޑަ އިރުއްސުރެ ވެސް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުރި ކަމެއް ކަމަށް ގިނަ ވީޑިއޯ ލަވަތައް ވެސް ކުޅެފައިވާ ބަތަލާ ބުންޏެވެ.
ކުރިން ފިލްމީ ތަރި އަހުމަދު ލަތީފް (ލަތީ) އާ ކައިވެނިކޮށްގެން އުޅުނު އަމީ އާއި ލަތީގެ ކައިވެނި ވަނ 2011 ވަނަ އަހަރު ރޫޅިފަ އެވެ.
އޭގެ ފަހުން އޭނާ ވަނީ މިދިޔަ އަހަރު ސިފައިންގެ މީހަކާ ކައިވެނިކޮށްފަ އެވެ. އަދި މިހާރު އުޅެނީ ވަރަށް އުފަލުން ކަމަށް އަމީ ބުންޏެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން އޮފީހެއްގައި ވަޒީފާ ވެސް އަދާ ކުރި ކަމަށް އަމީ ބުންޏެވެ.
އެހެން ނަމަވެސް މިހާރު އެއްވެސް ކަމެއް ނެތިފައި ވަގުތުތައް ހޭދަ ކުރަނީ ގޭގައި ކަމަށް ބުންޏެވެ.