ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރަން ނިންމެވީ އެމަނިކުފާނު ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން އާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ހައްޔަރުކޮށްފައިވަނީ ޔާމީންގެ ސަރުކާރު ވައްޓާލަން އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރިކަމުގެ ތުހުމަތުގަ އެވެ. އެގޮތުން އެ ދެ ބޭފުޅުން ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ތިއްބެވިއިރު އެބޭފުޅުން މިނިވަންވީ ރިޔާސީ އިންތިހާބުން ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިވުމުންނެވެ.
ވިލިމާލޭ އަންހެނުން ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި މިއަދު ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މައުމޫން ހައްޔަރުކުރީ ކުށެއް ނުކުރައްވާ ހުންނަވައިގެން ނޫން ކަމަށާއި އެމަނިކުފާނު ހައްޔަރުކުރީ ދައުލަތުގެ ހައްގަކަށް އަރައިގަނެ، ސުޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރުމުގެ އެންމެ މޭސްތިރިއަކަށް ހުންނެވުމުން ކަމަށެވެ.
މައުމޫން ހައްޔަރުކުރުމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމެއް ނޫން ކަމަށާއި އެ ނިންމުން ނިންމީ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ކަމަށް ޔާމީން ވިދާޅުވި އެވެ.
"ރައީސް ނިންމާ މިކަހަލަ ބޮޑެތި ކަންކަން ނިންމާއިރު އޮންނާނެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީއެެއް. އެއީ ވަޒީރުންގެ ކޮމެޓީއެއް. އެ ކޮމެޓީގައި ތިބޭނެ މުހިންމު ދާއިރާތަކުގެ ވަޒީރުންގެ އިތުރަށް އެކޮމެޓީގައި ތިއްބަވާނެ އެމްއެންޑީއެފްގެ ޗީފާއި ވައިސް ޗީފާ، އެބޭފުޅުން ދުނިޔޭގައި ތިއްބެވި ބޭފުޅުން ހާޒިރުވާނެ. އަޅުގަނޑެއް ނޫން ރައީސް މައުމޫން ޖަލަށްލާން ނިންމީ. އެކީ ކޮމެޓީގެ ނިންމުމެއް އެ މައްސަލަ އިސްވެ ހުށަހެެޅީ ވެސް އަޅުގަނޑެއް ނޫން" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ގާތް މީހެއް ނަމަވެސް މުޅި ދައުލަތުގެ ހައްގަށް އަރައިގަންނަ ހިސާބަށް ދިޔުމުން އެވަގުތު ދައުލަތް ހިންގަން ހުންނަ މީހެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށެވެ. އެގޮތުން މައުމޫންއާ ދެކޮޅަށް ވެސް ފިޔަވަޅު އެޅީ އެގޮތުގެ މަތީން ކަމަށް ޔާމީން ވިދާޅުވި އެވެ.