އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އިންތިހާބުތަކާ ގުޅުވައިގެން ސަރުކާރުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ރައްޔިތުން ކަންބޮޑުވާ ހައްސާސް މައްސަލައެއް ކަމަށެވެ. އެގޮތުން ބައި އިލެކްޝަންތަކާއި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވެސް ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އާދަމް ޝަރީފްގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އިންތިހާބުތަކަށް ނުފޫޒު ފޯރުވޭ ގޮތަށް ސަރުކާރުން ބޮޑެތި މަޝްރޫއުތައް އިއުލާންކޮށްފައިވާ ކަމަށާއި ދެކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއަކީ މީގެ މިސާލެއް ކަމަށެވެ. އަދި އިންތިހާބުތަކުގައި ސަރުކާރުން ބޭނުންވާ މީހަކު ހޮވުމަށް މަގުފަހިވާ ގޮތަށް އެސްއެމްއީ ލޯނު ދޫކުރަމުންދާ ކަމުގެ ތުހުމަތު އާންމު ރައްޔިތުންނާއި އެމްޑީޕީ އަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ކުރަމުންދާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
"ވީމާ އިންތިހާބުތަކާ ގުޅުވައިގެން ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ސަރުކާރުން ބޭނުން ކުރުމާއި، އިންތިހާބުތަކަށް ނުފޫޒު ފޯރާގޮތަށް މަޝްރޫއުތައް އިއުލާން ކުރުމާއި، ލޯނު ދިނުމާއި މަގާމުތައް ބެހުމާބެހޭ މައްސަލަތައް ރައްޔިތުންނަށް ހާމަވާނެ ގޮތެއްގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަކުން ބައްލަވައި ދެއްވުން އެދެމެވެ" އާދަމް ޝަރީފްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.