(ފެބްރުއަރީ 26، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ގަމުގައި ހިންގި ގާމެންޓް ފެކްޓްރީތައް
އައްޑޫގައި އެސްޓީއޯގެ ދައުރު ވަރަށް ބޮޑަށް ފުޅާވެގެން ދިޔަ ނަމަވެސް އެ ދުވަސްވަރު އާންމު ވިޔަފާރީގެ އިތުރަށް ގަމުގައި އެ ކުންފުނީގެ ހިއްސާވާ ގާމެންޓް ފެކްޓްރީތަކާ އެކު ފަސް ފެކްޓްރީ ހިންގަމުން ދިޔަ އެވެ.
ހޮންކޮންގުގެ ކުންފުންޏަކާ ގުޅިގެން ގަމުގައި ހުޅުވުނު ޖޭއެސްއެމް/އެސްޓީއޯގެ ސްވިޓަރު ވިޔާ ފެކްޓްރީ ހުޅުވުމުން މި ފެކްޓްރީގެ މެނޭޖްމަންޓް ބެލެހެއްޓީ އެސްޓީއޯ އިންނެވެ. އަދި ހަމަ އެ ދުވަސްވަރު ހުޅުވުނު ސިލްވަ ލައިން ގާމެންޓް ފެކްޓްރީގެ ކަންތައްތައް ވެސް ބެލެހެއްޓި އެވެ.
މުވައްޒަފުންގެ މުސާރަ އާއި ކެއުމާއި ދަތުރުފަތުރާއި ތިބޭނެ ގޭގެ ވެސް ހަމަޖެެއްސީ އެސްޓީއޯ އިންނެވެ. ބޭރުގެ މުވައްޒަފުންނާއި އޯވަޓައިމަށް ރޭގަނޑު ދަންފަޅީގައި ހޭލާ ތިބޭ ދިވެހިން ވެސް ތިބުމަށް ބޭނުން ކުރީ ގަމުގެ ގެތަކެވެ. އެއްގަމު ދަތުރުފަތުރުތަކަށް ބޭނުން ކުރަން ގެނެސްފައިވާ ބަހާއި ހުޅުދު އާއި މީދު އަށް ދަތުރު ކުރަން ޔޮޓް ދޯނިފަހަރު ދުއްވުމުގެ ކަންތައް ބެލެހެއްޓީ އެސްޓީއޯ އިންނެވެ.
ބޭރު މީހުންނާ އެކު 1984 ވަނަ އަހަރު 000،2 އެއްހާ މުވައްޒަފުން ފެކްޓްރީތަކުގައި މަސައްކަތް ކުރި އެވެ. މިއީ އެއް ފަހަރާ އައްޑޫގެ މިހާ ގިނަ ބަޔަކަށް ވަޒީފާ ލިބިގެން ދިޔަ ފުރަތަމަ ފަހަރެވެ.
އިނގިރޭސީން ގަމުން ފޭބުމަށް ފަހު ގަމުގެ ވަޒީފާތަކަށް ދިޔަ މީހުން ވަޒީފާ ގެއްލުމުން އަތޮޅުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވަނިކޮށެވެ. ވީމާ މިފަދަ ދުވަސްވަރެއްގައި ފެކްޓްރީތަކުން ވަޒީފާގެ ފުރުސަތު ހުުވާލުމުން މިކަމަށް މަރުހަބާ ނުކިޔާ އެކަކު ވެސް ނެތެވެ.
މި ފެކްޓްރީތަކުގެ އާންމު މުސާރައަކީ 300ރ. ކަމުގައި ވިޔަސް ދަތުރާއި ކެއުމާއި އޯވަޓައިމް ވެސް ލިބޭތީ މުވައްޒަފުން ތިބީ ރުހިގެންނެވެ. އެ ނޫން އެހެން ގޮތެއް ވެސް ނެތުމާ އެކީގަ އެވެ. ރަނގަޅު އާއިލާތަކުން ބޮޑު ހަރަދުކޮށްގެން ކިޔެވި އަދި ގެއިން ބޭރަށް ނުނެރެ ތިބި އަންހެން ދަރިން ވެސް މި މަސައްކަތަށް ދޫކޮށްލީ އެވެ. މިފަދަަ ވަގުތެއްގައި ފުރުސަތަކަށް ފަރުވާކުޑަކޮށްލުމަކީ ރަހުމަތަށް ފުރަގަސް ދިނުން ފަދަ ކަމެއް ކަމުގައި ބެލެވުނެވެ.
ކޮންމެ ފެކްޓްރީއެއްގައި ވެސް ދެބައި ކުޅަ އެއް ބަޔަށް ވުރެ ގިނައިން ތިބީ ސްރީ ލަންކާގެ އަންހެނުންނެވެ. ދިވެހިންނަށް ވުރެ މީ މީހުނެގް މުސާރަ ބޮޑެވެ. ކޮންމެ ހުކުރު ދުވަހަކު ޗުއްޓީ ލިބުމުން ލަންކާ އަންހެނުން ރަށްރަށަށް ޒިޔާރަތްކޮށް ވިޔަފާރިކޮށް ހެދި އެވެ.
މިހާ ގިނަ ބަޔަކަށް އެއްފަހަރާ ވަޒީފާ ލިބުމާއި މި ފެކްޓްރީތައް ހިންގުމަށް ބޭނުންވާ ކަންކަމަށް ކުރި ހަރަދުގެ ސަބަބުން އަތޮޅަށް ވަރަށް ގިނަ ފައިސާ ވަންނަން ފެށި އެވެ. އަތޮޅުތެރެ ތިޔާގިވެ، ވިޔަފާރީގެ ކުރިއެރުންތައް އަންނަން ފެށި އެވެ. މަރުވުމަކަށް ފަހު، އަލުން ދިރުންފަަދައަކުން މަސްރަހް ބަދަލު ވެގެން ދިޔަ އެވެ.
ވަކީން ހާއްސަކޮށް ގިނަ އަދަދެެއްގެ ޒުވާން އަންހެން ކުދިންނަށް ވަޒީފާގެ ފުރުސަތު ލިބިގެން ދިޔަ ގާމެންޓް ފެކްޓްރީތަކެއް އެސްޓީއޯގެ މެނޭޖްމަންޓުގެ ދަށުން ހިންގަން ފެށުމަކީ އެ ކުންފުނީގެ ޒުވާން ޗެއާމަން އިލްޔާސް އިބްރާހީމް ދެކެ އެ ކުދިން ލޯބިވީ ކަމެކެވެ. ހުދު އަމިއްލަފުޅަށް ފެކްޓްރީތަކަށް ވަޑައިގެން ވަކިވަކި އަންހެން ކުދިން ފާހަގަ ކުރައްވައި، އަޅާލެއްވުން ވެގެން ދިޔައީ މި ލޯބި އިތުރުވެގެން ދިޔަ ކަމަކަށެވެ.
ގަމުގައި އެސްޓީއޯގެ ވިޔަފާރި އާއި ފެކްޓްރީތަކުގެ މަސައްކަތް ހިނގައި ގަތުމަށް އުފެދުނު އެއްގަމު ދަތުރަށްޓަކައި ގަމާއި ފޭދޫ ފާލަމަކުން ގުޅުވާލެވުނެވެ. އެއީ 1970 ގެ ކުރީކޮޅު ފާލަންތަކަކަށް ގުޅާލެވުނު އަތޮޅުގެ ދެކުނު ފަޅީގެ ރަށްރަށުގެ ސިލްސިލާ އަށް އިތުރު ނުކުރެވި އޮތް ގަން ވެސް މިފާލަމުގެ ސަބަބުން ގުޅުވާލެވުނީ އެވެ. (ނުނިމޭ)
——————————————————————————————
ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.
"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސްކުރަމެވެ.
—————————————————————————————–