ކުރިއަށް އޮތް ތަނުގައި ވެސް ދެމި ހުންނާނީ ރަށަށް ހިދުމަތް ކުރުމުގައި ކަމަށާއި އައްޑޫގައި ޓޫރިޒަމް މިހާރަށް ވުރެ ހަރުދަނާކޮށް ފުޅާކޮށް ތަރައްގީ ކުރަން މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ ފުރަތަމަ ދައުރުގައި ހިތަދޫ ދެކުނު ދާއިރާ ތަމްސީލް ކުރެއްވި ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ދެވަނަ ސިޓީ ކައުންސިލް ހުވާ ކުރުމަށް ރޭ ހިތަދޫ ޝަރައްފުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، "އައްޑޫ ލައިވް" އަށް ފަހުމީ ވިދާޅުވީ "ބޭނުން ވަނީ ރަށަށް ހިދުމަތް ކުރުމުގައި ދެމި ހުންނަން" ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑު ރަށުގައި ހުރެގެން ރަށަށް އަދިވެސް ހިދުމަތްކޮށް ދެވޭތޯ ބަލާނަން. އައްޑޫގައި އަދިވެސް ވަޒީފާގެ ފުރުސަތުތައް ވެސް ވަރަށް ކުޑަ. އެކަމަކު ވެސް މި ތަނުން ނުގޮސް ހިދުމަތްކޮށް ދެވޭނެ ގޮތެއް ހޯދާނަން،" އޭނާ ވިދާޅުވި އެވެ.
ފަހުމީގެ ޝައުގުވެރިކަން ހުރީ ކޮން ދާއިރާއަކުން ހިދުމަތް ކުރެއްވުންތޯ ސުވާލް ކުރުމުން ވިދާޅުވީ "އައްޑުއަކީ ޓޫރިޒަމް މިހާރަށް ވުރެ ބޮޑަށް ތަރައްގީ ކުރެވޭނެ ތަނެއް" ކަމަށެވެ.
"މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ޓޫރިސްޓުން އައްޑު އަށް ދަތުރު ކުރަން ޖެހޭ ހޭދަ ވަރަށް ބޮޑުވުން. އެހެންވެ ޑޮމެސްޓިކް އެއާލައިންތަކުން މިކަމަށް ހައްލެއް ހޯދައި ދޭން ޖެހޭ. އިރާދަކުރެއްވިއްޔާ އެ ދިމާއަށް އަޅުގަނޑު ވަރަށް ބޮޑަށް ފޯކަސްކޮށްގެން މަސައްކަތްތަކެއް ކުރެވޭތޯ ބަލާނަން،" އޭނާ ވިދާޅުވި އެވެ. "އަދި ހަމަ މިއާ އެކު އައްޑޫގެ އެއާޕޯޓް ވެސް ވީހާ ވެސް އަވަހަަކަށް ތަރައްހީ ކުރެވި އިންޓަނެޝަނަލް ފްލައިޓްތައް އެތަނަށް އޮޕަރޭޓް ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް."
ފަހުމީ ކައުންސިލްގެ ދެކުނު ދާއިރާގެ ގޮނޑި އަށް އެމްޑީޕީ ޕްރައިމެރީގައި ވެސް ވާދަ ކުރެއްވި އެވެ. އެހެން ނަމަވެސް އޭނާ އަަލުން އެ މަގާމަށް ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.
"އަޅުގަނޑަށް ޕްރައިމެރީގައި މަސައްކަތް ކުރަން ޖެހޭ ވަރަށް ނުކުރެވުނީ ހަގީގަތުގައި. އެކަން އެގޮތަށް ދިމާވި ހާލަތު ވެސް އޭރު ތަން ދިން ގޮތުން. އަޅުގަނޑަށް ޕްރައިމެރީ ކާމިޔާބް ކުރަން، އެކަށީގެންވާ މަަސައްކަތެއް ކުރެވުނު ނަމަ، ރައްޔިތުންގެ ވޯޓް އަޅުގަނޑަށް ލިބޭނެ،" ފަހުމީ ވިދާޅުވި އެވެ. "އަދި އަޅުގަނޑު ގަބޫލެއް ވެސް ނުކުރަން އަޅުގަނޑު ނުހޮވުނީ ރައްޔިތުން އަަޅުގަނޑު ކައުންސިލްގައި ކުރި މަސައްކަތް ބަލައި ނުގަތީ ކަމަށް ވެސް."
އޭނާ ވިދާޅުވީ ފާއިތުވި ތިން އަހަރު ކައުންސިލްގައި އެކަށީގެންވާ ދައުރެއް، ގޮންޖެހުންތަކަކާ އެކު ވެސް އަދާ ކުރެއްވުނު ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.
"އެހެންވެ އަޅުގަނޑު ރެގްރެޓް ކުރާނެ ކަމެއް ނެތް އިދާރަކުރެއްވިއްޔާ،" ފަހުމީ ވިދާޅުވި އެވެ.