ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަކީ އެ ޕާޓީ އުފެދުނު ފަހުން 17 އަހަރުގެ ތެރޭގައިވެސް ބޭއްވޭ އެންމެ ވާދަވެރި އިންތިހާބެވެ. ބައިލައްކައެއްހާ މީހުނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އެ އިންތިހާބުގައި ވާދަކުރައްވަނީ ސަރުކާރުގެ ނުފޫޒު ގަދަ މިނިސްޓަރެއް ކަމަށްވާ އިކްނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އިންތި އެވެ.
ވޯޓުލުމަށް ދެ ކެންޑިޑޭޓުންވެސް މާދަމާ ވަޑައިގަންނަވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަަކަށް ކެމްޕެއިންގައި ދަތުރުކުރެއްވުމަށްފަހުއެވެ. ފާއިތުވި ތިން މަސްތެރޭގައި ދެ ކެންޑިޑޭޓުންނަށް އެކި ކަހަލަ ތުހްމަތުތައް ވަނީކޮށްފަ އެވެ. ދެ ކެންޑިޑޭޓުންގެ ކެމްޕެއިންޓީމުތަކުގެ އިސް މެމްބަރުންނާއި އާއްމު މެމްބަރުން ބަހުގެ ހަމަލާތައް ރައްދު ކުރީ ބޮޑެތި ތުހްމަތުތަކާއެކު އެވެ. މި ދެ ކެންޑިޑޭޓުންނާއެކު ސަންގު ޓީވީން ރޭ ކުރިއަށްގެންދިޔަ ބަހުސްގައި ދެ ކެންޑިޑޭޭޓުނަށް ކުރިމަތިވި ތުހްމަތުތަކަށް ޖަވާބުދާރީވާން ފުރުސަތުލިބުނެވެ. އަދި އެ ޖަވާބާ ގުޅިގެން ވާދަވެރި ކެންޑިޑޭޓަށް އެއަށް ރައްދުދޭންވެސް ފުރުސަތު ލިބުނެވެ. ސުވާލަކީ ތުހްމަތުތަކަށް ޖަވާބު ދިނުމާއި ރައްދު ދިނުމުން ބޮޑަށް ބޭޒާރުވީ ކޮން ކެންޑިޑޭޓެއް ހެއްޔެ؟
ފައްޔާޒުއަށް ނިސްބަތްކޮށް ކުރާ އެއް ތުހްމަތަކީ މުޅި ސަރުކާރުގެ ތެރޭގައި ބޯގަންވީލާގޭ މީހުންގެ ނުފޫޒާ ބާރު އޮތް ވާހަކަ އެވެ. އެއީ ކިހާވަރެއްގެ ހަގީގަތެއްތޯ މި ބަހުސްގައި ފައްޔާޒުއާ ސުވާލު ކުރެވުނެވެ. މިނިސްޓަރ ވިދާޅުވީ މުޅި ސަރުކާރުގައިވެސް ބޯގަންވީލާގޭ ތިއްބެވީ ދެ ބޭފުޅުން ކަމަށެވެ. އެއީ އެ ބޭފުޅާގެ އިތުރުން ފޮނަދޫ ދާއިރާގެ އެމްޑީޕީގެ ރައީސް ހުސެއިން އިސްމާއީލް ކަމަށެވެ. އެހެން ކަމުން މުޅި ސަރުކާރުގައި ބޯގަންވިލާގޭ މީހުން ތިބި ކަމަށް ބުނާ ވާހަކައިގެ މާނައެއް ނޭނގޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު މި އިންތިހާބަށް ކުރިމަތިލުމާއެކު އެންމެ ބޮޑު އެއް ތުހްމަތަކީ މި ސަރުކާރުއައިފަހުން އެމްޑީޕީގެ ކުރީގެ ރައީސް އަދި ފައްޔާޒުގެ ބޭބެ އިބްރާހިމް އިސްމާއިލްގެ މަންދު ކޮލަޖަށް ގެއްލުމުގެ ބޮޑު ބަދަލެއް ދީފައިވާ ކަމަށާއި އަދި ފައްޔާޒުގެ ހިއްސާވާ ކުންފުންޏަކަށް ބަދަލެއް ދީފައިވާ ކަމުގެ ތުހްމަތެވެ. އަދި އެކަން ކޮށްފައިވަނީ ފައްޔާޒުގެ ބާރާ ނުފޫޒު ކަމަށާއި އެހެން މީހަކަށް ގެއްލުމުގެ ބަދަލު ހޯދުމަކީ އެހާ ފަސޭހަކަަމަކަށް ނުވާކަމަށް ބުނެ ފައްޔާޒުއާ އިދިކޮޅު ޓީމުން ގެންދިޔައީ ފާޑުކިޔުން އަމާޒު ކުރަމުންނެވެ.
މި ސުވާލާ ގުޅިގެން ޓީވީން ލައިވްކުރި އެ ބަހުސްގައި ފައްޔާޒު ވިދާޅުވީ މަންދު ކޮލަޖަށް ބަދަލުދީފައިވަނީ ސުޕްރީމް ކޯޓުން ނިންމި ހުކުމްތަކާ ގުޅިގެން ކަމަށެވެ. އަދި އެ ބަދަލު ދީފައިވަނީ ކުރީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ގެއްލުން ލިބިފައިވާ ކުންފުނިތަކަށް ބަދަލުދިނުމަށް މި ސަރުކާރުން ހަދާފައިވާ ސެޓެލްމަންޓް ކޮމެޓީއަކުން ނިންމައިގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އެއިން އެއްކިބާވެގެން ހުރީ ތިކަހަލަ ތުހްމަތު އައިސްދާނެ ކަމަށް ބެލެވިގެން. އެހެންވީމަ ތިޔަކަށް އަޅުގަނޑު ދަންނާވާނެ އެއްވެސް އެއްޗެއްނެތް. އަޅުގަނޑުގެ ބޭބެއަކަށް އިބްރާހިމް އިސްމާއިލް ވީތީވެ އެ މައްސަލައަކަށް ވަންޏާ އެ އޮތީވެފައި އެހެން ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާ ލިބުނު މީހުންގެ ތެރޭގައި ހިމެނޭ މީހެއް އޭނާ އަކީވެސް، " ފައްޔާޒު ވިދާޅުވި އެވެ.
ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން އެމްއެންބީސީ އިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް ބިގް އަށް 78 މިލިޔަން ރުފިޔާ ދީފައިވާ ކަމަށް ދައްކާ ވާހަކައާ ގުޅިގެން ވެސް ފައްޔާޒުއަށް ތުހްމަތުތައް އައިސްފައިވެ އެވެ. ނަމަވެސް ފައްޔާޒު ރޭ ވަނީ އެކަން ދޮގުކުރައްވާފައެވެ.
"78 މިލިއަން ރުފިޔާ ފައްޔާޒު ހިއްސާ އޮންނަ ކުންފުންޏަކަށް ލިބުނުކަމަށް ދައްކާ ވާހަކަތަކަކީ ކަނޑައެެޅިގެން ދޮގު ވާޙަކަތަކެއް. 2017 ވަނަ އަހަރު ކޯޓުން ކޮށްފައި އޮތް ހުކުމެއް އޭގެ ދެ އަހަރުފަހުން އެޕީލް މަރުހަލާ ނިމިފައި އޮއްވާ އޭރުގެ އެ ކުންފުނިން، ޕީއެސްއެެމުން އޭގެ ތެރެއިން 30 މިލިއަން ދިނީ. އެ ތިރީސް މިލިއަން ހަރަދުވީ 65 ގޮނޑިނަގަން. ވައްޑެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު)މެނަށް އެކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒުގެ އެ ޖަވާބަށް ރައްދު ދިނުމަށް އިންތިއަށް ލިބިވަޑައިގެންނެވުމުން 78 މިލިއަން ލިބިވަޑައިގެންނެވި ކަމަކަށް ދެން ވިދާޅެއްނުވެ އެވެ. އަދި ފައްޔާޒު ވިދާޅުވި ވާހަކައަކީ ދޮގެއް ކަމަށްވެސް އިންތިވިދާޅެއްނުވެ އެވެ. ނަމަވެސް އެ ބަދަލު މި ސަރުކާރުން ދިނުމަކީ އިއްތިފާހެއްތޯ ސުވާލު އުފެއްދި އެވެ.
އެހެން ނަމަވެސް ވިދާޅުވީ އިސްތިއުނާފުގެ މަރުހަލާ އޮއްވާ ދަށު ކޯޓުގެ ހުކުމާއެއްކޮން އެ ފައިސާ ދޫކޮށްފައިވާއިރު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކަށްފަހުވެސް ދީބާޖާ ކުންފުންނަށް ދޭން ޖެހުނު ފައިސާ އަދިވެސް ނުދޭ ކަމަށް އިންތި ވިދާޅުވި އެވެ. އިންތި ވިދާޅުވި ދީބާޖާ މައްސަލައަކީ އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކުރިން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިގައި ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓި މައްސަލައެވެ.
އިންތިގެ އެ ވާހަކައަށްވެސް ފައްޔާޒު ރައްދު ދެއްވި އެވެ. އެ މައްސަލައިގައި އިސްތިއުނާފުގެ މަރުހަލާއަށް ނުދެވުނީ އިސްތިއުނާފު ކުރަން އޮތް މުއްދަތު ހަމަވެފައިވާތީ ކަމަށެވެ.
އިންތިއަކީ ގާނޫނީ ވަކީލަކަށްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ދުވަހަކުވެސް މަޖިލީހަށް ބިލެއް ހުށަނާޅާތީ އެކަމަށް ބައެއް ފަރާތްތަކުން ފާޑުކިޔަ އެވެ. އެ ސުވާލު މި ބަހުސްގައި އަމާޒުވުމުން އިންތި އެކަމަށް ދެކޮޅެއް ނުހެއްދެވި އެވެ. ނަމަވެސް ވިދާޅުވީ ވަރަށް ގިނަ ބިލްތައް ޑްރާފްޓްކުރުމުގައި އެހީތެރިވެދެއްވާފައިވާނެ ކަމަށެވެ. އިންތިގެ އެެ ޖަވާބަށް ރައްދު ދެއްވަމުން ނިމިގެންދިޔަ ދައުރުގައި އެކަނި މަޖިލިސް މެމްބަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވީ އެ ބޭފުޅާގެ ދައުރުގައި ދެ ބިލެއް ހުށައަޅުއްވާފައިވާނެ ކަމަށެވެ.
ވަގު ކޯޓާއަށް ބިދޭސީން އެތެރެކުރީ ފައްޔާޒުގެ އަތެއް އޮވެގެންތަ؟
މި އިންތިހާބުގެ ކެމްޕެއިން ތެރޭގައި އިންތި ވަނީ އިކޮނިމިކް މިނިސްޓްރީން ގަވައިދާ ހިލާފަށް ބިދޭން އެތެރެކުރި މައްސަލައާ ގުޅިގެން ފައްޔާޒުއަށް ބޮޑު ތުހްމަތެއް ކުރަމުންނެވެ. އެއަށް ޖަވާބު ދާރީވަމުން ފައްޔާޒު ވިދާޅުވީ އިކޮމިކް މިނިސްޓްރީ ތެރެއިން އެކަން ހިނގާދިޔަކަން އެނގިވަޑައިގެންނެވުނުން އެ މައްސަލަ ފުލުހަށް ހުށައެޅުއްވީވެސް އެ މިނިސްޓްރީން ކަމަށެވެ. އަދި އެކަން ތަކުރާރުނުވާނެ ގޮތައް ފިޔަވަޅުއެޅުއްވި ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
"މި ކެޕެއިނަށް ނިކުތީމާ އާ ވާހަކައަކަށް ވެގެން އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓު އެ ވާހަކަ ދެއްކިކަމުގައިވީ ނަމަވެސް އަޅުގަނޑު މާކުރިން ރައްޔިތުންގެ މަޖިލިސް ކޮމެޓީއެއްގައި އޮންނާނީ އެ ވާހަކަ ދައްކާފައި، ޓީވީގައި އެވާހަކަ އަޅުގަނޑު އޮންނާނީ އެ ވާހަކަ ދައްކާފައި،"
މިނިސްޓަރުގެ ރައްދަށްފަހު އިންތިއަށް ޖަވާބު ދިނުމަށް އިންތިއަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދާޅުވީ އެކަން ހިނގާދިޔައީ އެ "މިނިސްޓްރީގެ ހަތަރު ފާރުން އެތެރޭގައި" ކަމަށާއި އެ މައްސަލަ އަދިވެސް ނުބެލި ކަމަށެވެ. ނަމަވެސް ބިދޭސީން އެގޮތައް ގެނައީ ފައްޔާޒުގެ އެންނެގުމަށް ކަމަށް އެނގޭނެ އެއްވެސް ހެއްކެތް އިންތިއެއް ނުދެެއްކެވި އެވެ.
"އަޅުގަނޑުމެން ކުންފުންޏަކީ ޕްރޮޖެކްޓްތައްދޭ ކުންފުންޏެއް ނޫން. މިހާތަނަށް ޕްރޮޖެކްޓެއް ލިބުނިއްޔާ ލިބުނީ ކޮން ކުންފުނިތަކަކަށްކަން އެބަ އިނގޭ. ސަރުކާރުގެ ޕްރޮޖެކްޓްތައް ނަންގަވައިގެން މުޅި ސަރުކާރު ހުއްޓިފައި އޮތީ ކޮން ކުންފުންޏެއް ތޯ އެބަ އިނގޭ. މިތަނަށް އަންނަ ރެނިއުބަލް އެނާޖީއާ ބެހޭ ކޮންމެ އެއްޗެއް ނަގަނީ ކޮން ކުންފުންޏަކުންކަން އެބަ އިނގޭ. އަޅުގަނޑަށް ކަޓް ދީފައި ހުރި މީހަކު ވިއްޔާ ގެންނަވަންވީ. ވާހަކަ އެކަނި ދައްކައިގެން ކަމަކުނުދާނެ. ޒިންމާ އެބަ އޮތް އެ ވާހަކަ ދައްކަވާ ބޭފުޅުންނަށް. ހަމައެއްޗެއް ދޫކޮށްލައްވާކަށް ނުވާނެ ސާބިތުކުރަންވާނެ. އަޅުގަނޑު އަނެއްކާވެސް ގޮވާލަން އެހެން ހުރި ކަންކަން ސާބިތުކުރައްވާށޭ،" ފައްޔާޒުގެ ތުހްމަތައް ވިދާޅުވި އެވެ.
ވަރުވާއަށް ދީފައި އޮތް ރަށެއްގެ އެއްބަސްވުން ވާރިސުންނަށް ބަދަލުކުރުމަށް ދެ މިނިސްޓަރުންނަށް އިންތި ގުޅުވި
ތިލަފަތުގެ ރަމްޒުގެ ސްލޯގަންގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ އިންތިއަށްވެސް ބައެއް ތުހްމަތުތަކާ ގުޅޭ ސުވާލުތައް ކުރިމަތިކުރުވާފަ އެވެ. އެގޮތުން އިންތިގެ ތިމާގެ ބޭފުޅެއްގެ އަވަހާރަވީއިރު އެ ބޭފުޅާއާއެކު ވަރުވާއަށް ދީފައިވާ ރަށެއްގެ ވާރިސުންނަށް ބަދަލުކުރުމަށް ގަވައިދަށް ބަދަލު ގެންނަން އިންތި މިނިސްޓަރު ފައްޔާޒުއަށާއި އޭރުގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ގުޅުވި ތޯ މި ބަހުސްގައި ސުވާލު ކުރި އެވެ. އިންތި ވަނީ އޭނާ ފައްޔާޒުއަށް ނުގުޅުއްވާ ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ޒަހާއަށް ގުޅުއްވައި އެ ގަވައިދު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެ އެ ވާހަކަ ދެއްކެވި ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން އެގޮތައް ބަދަލުވި ކަމަށްވެސް އިންތި ވަނީ ވިދާޅުވެފަ އެވެ.
"ޒަހާއަށް އަޅުގަނޑު ދެންނެވިން މިކަން މިހެން އެބަ ހިނގައޭ. އަވަހާރަވެއްޖެ އޭ އެރަށުގެ އޯނަރު. އެރަށް ލިޔުއްވައިގެން އުޅުއްވާ ފަރާތް. އެހެންވީމަ މިކަން ބައްލަވާ ދެއްވަންވާނެ އޭ. ކޮރަޕްޝަނުގެ އަމަލަކާ ގުޅުންވާ ކަމެއްވެސް ނެތް. ހައްގުތަކުގެ ވާހަކަ އަޅުގަނޑުމެން ސަރުކާރުންވީ ވައުދުތަކުގެ ވާހަކަ،" އިންތި ވިދާޅުވި އެވެ.
ފައްޔާޒަށް އެކަމުގައި ނުގުޅުއްވާ ކަމަށް ފުރަތަމަ ވިދާޅުވި ނަމަވެސް ފައްޔާޒު ވަނީ އިންތި ގުޅުއްވި ކަމަށާއި އެކަމުގެ ހެކި ފޯނުގައި އެބަ ހުރި ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ގަވައިދަކީ ބަދަލުވާން ޖެހޭ ކަމެއް ކަމަށްވެސް ފައްޔާޒުވެސް ވިދާޅުވި އެވެ. އޭގެ ކުރިން ބަދަލުވާ ގޮތައް ނޯންނާތީ ފައްޔާޒުގެ ބައްޕާފުޅު އަވަހާރަވުމުން އެ ބޭފުޅާގެ ރަށް ވާރިސުންނަށް ބަދަލުނުވި ކަމަށާއި އެކަން ހިނގީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް ފައްޔާޒު ފާހަގަ ކުރެއްވި އެވެ.
ވަޒީފާއެއް ހަމަޖައްސަން އިންތި ސަރުކާރުގެ ތެރެއިން މަސައްކަތް ކުރެއްވި
ފައްޔާޒު އާއި އިންތިގެ މި ތުހްމަތުތަކާއެކު ގިނަ ބަޔަކަށް އޭގެ ޖަވާބު މިހާރު ވަނީ ލިބިފަ އެވެ. އެހެން ކަމުން މާދަމާ އޮންނަ އިންތިހާބުގައި ޗެއާޕަސަންކަމަށް އެ ޕާޓީން ގެންނާނެ ބޭފުޅަކު ކަނޑައަޅާނެ އެވެ. މި އިންތިހާބު އެހާ ވާދަވެރިވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނެއް އުުފެދިފައި އޮތުމުންނެވެ.