Last Updated: November 24, 21:27
Sunday, November 24, 2024
ރިޕޯޓް

ޝާހިދުގެ ހިދުމަތްތައް، އޭނާގެ ގަލަމުން!

ރަށުގެ ތަރައްޤީ އާ ގުޅޭ ގޮތުން އަބަދުވެސް އަޅުގަނޑުގެ ޝައުޤުވެރިކަން ގުޅިފައި ވަނީ ތަރައްޤީގައި ރައްޔިތުން ބައިވެރިކޮށް، ރައްޔިތުން ބާރުވެރި ކުރެވޭނެ ގޮތެއް ހޯދުމަށެވެ. މި ވިސްނުމުގެ ތެރެއަށް އަޅުގަނޑު ގެންގޮސް ދިން ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ.

ޒަމާނުއްސުރެން މި ރާއްޖޭގައި އަޑުގަދަ މީހާގެ ރުއް ގިނަވާނެއެވެ. ރަށު ވިޔަފާރިވެރިޔާގެ ނުފޫޒު ނެތް އޮފީހެއް ރަށަކު ނުހުންނާނެ އެވެ. އިންސާނީ ގަދަރާއި ކަރާމާތާއި ނިކަމެތި މީހާ އަށް އޮންނަ އެއްޗެއް ނޫނެވެ. މާލެ އަށް އުފަން ނޫން ކޮންމެ މީހަކީ ރާއްޖެތެރޭ މީހެކެވެ.

ރާއްޖެތެރޭ މީހާގެ ބުރަ މަސައްކަތުން ހޯދާ ލާރިން މާލޭ ތަރައްޤީ ކުރާނެ އެވެ. މާލޭ ތަރައްޤީވާ ހަލުވި މިނުގައި ރާއްޖެތެރޭ މީހާގެ އުފަން ރަށް ފަޅުވަމުން ދާނެ އެވެ.

ދެން އެ ރަށުގައި ދިރިއުޅޭނީ ގޮތެއްނެތި ބާކީވެފައިވާ ނިކަމެތީންނެވެ. އެނިކަމެތީންގެ މައްޗަށް ނުފޫޒު ހިންގާނީ، ރަށު ވިޔަފާރިވެރިޔާއާއި، ރަށު ކަތީބާއި، ރުއް ގިނަ އަޑުގަދަ މީހާއެވެ. ކުރިންވިއްޔާ ބިރު ދައްކައިގެން ކޮންމެ 5 އަހަރަކުން ވޯޓު އަޅުވާނެއެވެ. މީހާރު ގަނެލާނީ ނިކަމެތި ރައްޔިތު މީހާގެ ނަފުސެވެ. ރައްޔިތު މީހާގެ ނިކަމެތިކަމުގެ ބޭނުން ސިޔާސީ ފަރާތްތަކުން އެދަނީ “ހަބޭހަށް” ހިފަމުންނެވެ.

ސ.އަތޮޅު މަދަރުސާގެ ގްރޭޑް 1 ގައި ކިޔަވަމުން ދަނިކޮށް އެ ސްކޫލުން އަޅުގަނޑު ކަނޑާފަ ގެއަށް ފޮނުވާލީ އަޅުގަނޑުގެ އެއްވެސް ކުށެއް އޮވެގެނެއް ނޫނެވެ. އަޅުގަނޑާއި އަޅުގަނޑުގެ ބޭބެ ސްކޫލުން ވަކި ކުރީ، ސްކޫލު މެނޭޖްމަންޓުން ދަރިވަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.

އެ ހިސާބުން އަޅުގަނޑުގެ ތައުލީމީ ހަޔާތް ނިމުނީ އެވެ. ނިކަމެތި އާއިލާއަކަށް އުފަންވީތީ އެވެ. ސްކޫލުން ވަކި ކުރިކަން އަންގައި ފޮނުވި ސިޓީ ކިޔަމުން ދިޔަ އިރު އަޅުގަނޑުގެ މަންމަގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަ ވެގެން ދިޔައީ މި ގައުމުގައި ގާއިމްކޮށްފައިވާ އަނިޔާވެރިކަމާއި، ބޭއިންސާފުން ކުރެވޭ ތަފާތު ކުރުންތަކާއި ދެކޮޅަށް ތެދުވަން އަޅުގަނޑަށް މަޖުބޫރުވި ކަމަކަށެވެ.

މައުމޫނުގެ އަނިޔާވެރި ވެރިކަމުގައި ސިޔާސީ ކުށްވެރިންގެ ގޮތުގައި ޖަލައް ލެވުނު އެންމެންނަކީ، މައުމޫނުގެ އަނިޔާވެރިކަމާއި ދެކޮޅު ހަދަމުންގެން ދިޔަ ހިތްވަރު ގަދަ ދިވެހި ދަރީންނެވެ.

މައުމޫނުގެ އަނިޔާވެރިކަމާއި ދެކޮޅަށް އަޑުއުފުލުމަށް ލިބުނު އެއްމެ ވަރުގަދަ ހަތިޔާރަކަށްވީ، މާފުށީ ޖަލުގައި އީވާން ނަސީމު އަނިޔާވެރި ގޮތަކަށް މަރާލިކަން ފަޅާއެރުމުން، އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިންގެ މެދުގައި އުފެދިގެން ދިޔަ އެއްބައިވަންތަކަމެވެ.

އެކަކު އެނެކެއްގެ ކިބައިން ބާރު ލިބިގެން ހިންގަން ފެށި ހަރަކާތްތަކުގެ ތެރޭގައި އުފެއްދި ދިވެހި އޮބްޒާވަ ވެބްސައިޓް ވެގެން ދިޔައީ، ސަރުކާރުގެ އެތެރޭގެ ޚަބަރުތަކާއި، ރައްޔިތުންގެ މައްޗަށް މައުމޫނުގެ ސަރުކާރުން ހިންގާފައިވާ ލާއިންސާނީ އަމަލުތައް އެއްވެސް ހުރަހެއް ނެތި، މުޅި ދުނިޔެ އަށް ހާމަ ކުރަން ލިބިގެންދިޔަ ވަސީލަތަކަށެވެ.

އެ ދުވަސްވަރު އަޅުގަނޑު ވަޒީފާ އަދާ ކުރަމުން ދިޔައީ، ރިސޯޓުގައި ކަމުން ރިސޯޓްތަކުގެ މުވައްޒަފުންގެ ހައްގުތައް ހޯދުމަށްޓަކައި، ދިވެހިއޮބްޒާވާ މެދުވެރިކޮށް އަޅުގަނޑު ދިޔައީ އެ ސައިޓަށް ލިޔަމުންނެވެ.

މީގެ އިތުރުން ވެސް، އައްޑޫގެ ހާލަތާއި ގުޅޭ ގޮތުން އައްޑޫ އޮބްޒާވާ އަށް ލިޔަމުން ދިޔައީ، ސަންދާނު ނޫސް ލިޔުނު މީހުން ހައްޔަރުކޮށް އަނިޔާ ދެމުންގެން ދިޔަ ނާމާން ބިރުވެރި ދުވަސްވަރުގަ އެވެ.

އަނިޔާވެރިކަމާއި ދެކޮޅަށް ހިންގަމުންގެން ދިޔަ ހަރަކާތް އިތުރަށް ފުޅާކުރުމަށްޓަކައި އުފެއްދި ސިޔާސީ ޕާޓީ އެމްޑީޕީގެ މެމްބަރަކަށް އަޅުގަނޑުވީ 2003 ވަނަ އަހަރުގެ ގެ ފަހުކޮޅު އެވެ.

ޕާޓީ ފޯމު އަޅުގަނޑު ފޮނުވީ ސްރީލަންކާގައި ހުންނަ އެމްޑީޕީގެ އޮފީހަށެވެ. އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވުނީ ޖޫން 26، 2005 ގަ އެވެ.

ސ. މީދޫ ކައުންސިލަރެއްގެ ގޮތުގައި ސަރުކާރުން އަޅުގަނޑު ހަމަޖެއްސެވީ ޖޫން 1، 2009 ވަނަ ދުވަހު އެވެ.

ރަށު ކައުންސިލަރެއްގެ ގޮތުގައި ދެ އަހަރު މަސައްކަތް ކުރުމަށް ފަހު، ލާމަރުކަޒީ އުސޫލުން ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ފުރަތަމަ ފަހަރަށް ބޭއްވި ކައުންސިލް އިންތިޚާބުގައި، ހުޅުމީދޫ ތަމްސީލު ކުރާނެ މެމްބަރެއްގެ ގޮތުން ކައުންސިލަށް އަޅުގަނޑު އިންތިޚާބުވީ، އައްޑޫން އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓްގެ ގޮތުގަ އެވެ.

މިއަދަކީ އަޅުގަނޑުގެ ކައުންސިލް ޓާމް ހަމަވާ ދުވަސްކަމަށްވުމާ އެކު، އަޅުގަނޑުގެ ދައުރުގައި، ދާއިރާ އަށާއި އުފަން ރަށަށް ކޮށްދެވުނީ ކޮން ކަމެއްތޯ ބަލާލުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ކުރުގޮތަކަށް މި ހުށަހަޅާލަނީ، ފާހަގަ ކުރެވޭ ބައެއް މުހިއް ކަންތައްތަކެވެ.

 

* ރައްޔިތުންނަށް މަތީ ދަރަޖައިގެ ޚިދުމަތް ދިނުން:

އެންމެ ދެ ކޮމްޕިއުޓަރާ ޕްރިންޓަރެއް ބަހައްޓައިގެން ޚިދުމަތްދެމުން ގެންދިޔަ އޮފީހުގެ މާހައުލު ޒަމާނާއި އެކަށޭނަ މިންވަރަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށުނީ ސެޕްޓެމްބަރު 1، 2009 ވަނަ ދުވަހު އެވެ.

އޭގެ ކުރިން ވެސް އަޅުގަނޑު އޮފީހާ ހަވާލުވެ ފުރަތަމަ މަސައްކަތެއްގެ ގޮތުން އޮފީހަށް އިތުރު ކޮމްޕިއުޓަރުތައް ހޯދާ އޮފީސް ނެޓްވޯކް ގާއިމް ކުރީމެވ

EDCX

އޮފީސް މަރާމާތުކޮށް ބޮޑު ކުރުމުގެ މަސައްކަތް ނިމުނު އިރު، މުޅި އޮފީސް އެއާކޮންޑިޝަންކޮށް، ކޮންމެ މުވައްޒަފެއްގެ މޭޒުމަތީގައި ނެޓުވާކުން ގުޅާލެވިފައިވާ ކޮމްޕިއުޓަރަކާއި، އެކްސްޓެންޝަން ފޯނެއް ބެހެއްޓުނެވެ.

މިއީ އަޅުގަނޑު އޮފީހާ ހަވާލުވުމަށް ފަހު އެކުލަވާލި އޮފީހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2009–2012 ގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ދާއިރާ ކަމަށްވާ "ރައްޔިތުންނަށް މަތީ ދަރަޖައެއްގެ ޚިދުމަތް ދިނުން" ހާސިލް ކުރުމަށް ކުރެވުނު ފުރަތަމަ މަސައްކަތެވެ.

ނަތީޖާއެއްގެ ގޮތުން މިނިސްޓްރީތަކުން އޮންލައިންކޮށް ދޭ ހުރިހާ ޚިދުމަތެއް ރަށު އޮފީހުން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއަ އެވެ.

މިގޮތުން ފުރަތަމަ ފަހަރަށް ރަށުގައި ތިބެގެން ކަނޑާއި އެއްގަމު އުޅަނދުގެ ލައިސަންސް ލިބުމުގެ ފަސޭހަކަން ރައްޔިތުންނަށް ލިބިގެން ދިޔަ އެވެ. ހަމަ އެއާ އެކު ޓްރޭޑް މިނިސްޓްރީން ދެއްވަމުން ގެންދެވާ ވިޔަފާރި އާ ގުޅޭ ހުރިހާ ޚިދުމަތެއްހެން ފަސޭހަކަމާ އެކު ރަށު އޮފީހުން ލިބެން ފެށި އެވެ.

* އައްޑޫ މީދޫ ފާމާސް ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުން:

ދަނޑުވެރިކަމަކީ، މީދޫއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް މަސައްކަތެވެ.

ނަމަވެސް ދަނޑުވެރިންގެ އުފެއްދުންތައް މާކެޓް ކުރެވޭނެ ގޮތެއް ނެތި، އުފައްދާ އެތިކޮޅު ނުއަގުގައި ވިއްކާލަން ޖެހުމުގެ ހިތްދަތިކަމުން ދަނޑުވެރީން ސަލާމަތް ކުރުމަށްޓަކައި، ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.

އެގޮތުން އެއްމެ ފުރަތަމަ ކަމެއްގެ ގޮތުގައި، އޭރު ރަށުގައި އެއްމެ ހަރަކާތްތެރި ޖަމިއްޔާ ކަމަށްވާ އެފްއެމްޑީ މެދުވެރިކޮށް ޝަންގްރިއްލާ އަށް ދަނޑުވެރިންގެ އުފެއްދުންތައް ވިއްކާލެވޭނެ ފަދަ އެއްބަސްވުމެއް އެކުލަވާލެވުނެވެ.

ނަމަވެސް، ދިމާވި ގިނަ މައްސަލަތަކަކާއެކު ޝަންގިރިއްލާ އިން ޖަމިއްޔާ އާ އެކު ކުރަމުން ގެންދިޔަ މުއާމަލާތްތައް ހުއްޓާލި އެވެ. އޭގެ ފަހުން ޝަންގްރިއްލާއިން އެދުނީ ދަނޑުވެރީންގެ ކޯޕަރޭޓިވްއެއް އުފައްދައި، ހުރިހާ ދަނޑުވެރީންނަށް ފައިދާ ވާނެ ގޮތަކަށް އެ މަސައްކަތް ކުރުމަށެވެ.

nnbb

ކޯޕަރޭޓިވް އުފެއްދުމާ ގުޅޭ ގޮތުން ދަނޑުވެރިންނާއެކު ރަށު އޮފީހުގައި ނުވަ މަސް ދުވަސް ވަންދެން ހުއްޓުމެއް ނެތި ކުރިއަށް ގެންދި މަޝްވަރާތަކުގައި ކޯޕަރޭޓިވް އުފެއްދުމަށް އެއްބަސްވި 10 ދަނޑުވެރިންނާ އެކު އައްޑޫ މީދޫ ފާމާސް ކޯޕަރޭޓިވް ސޮސައިޓީ (އޭއެމްސީއެސް) އިފްތިތާހުކޮށް ފުރަތަމަ ސަޕްލައި އެގްރީމެންޓްގައި ޝަންގްރިއްލާ ވިލިގިލި ރިސޯޓާ އެކު ސޮއިކުރެވުނީ 2010 ވަނަ އަހަރުގެ މީދޫގައި ފާހަގަކުރި ދަނޑުވެރިންގެ ދުވަހު އެވެ.

މިއަދު އޭއެމް.ސީއެސް ވެފައިވަނީ ރާއްޖޭގައި ނަމޫނާ ކޯޕަރޭޓިވް އަކަށެވެ. ކޯޕަރޭޓިވްގެ ވިޔާފާރި ފުޅާ ކުރުމަށްޓަކައި، ކޯޕަރޭޓިވް އިން އެދުނު ބިން ވެސް ކައުންސިލްގެ ދައުރު ނިމިގެންދާ އިރު އެ ވަނީ ހަވާލު ކުރެވިފަ އެވެ. މިއީ ކޯޕަރޭޓިވް އަކަށް އައްޑޫން ދޫކުރެވުނު ފުރަތަމަ ބިންކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

* ކްލަބް ޖަމިއްޔާތައް ބާރުވެރި ކުރުވުން:

އަޅުގަނޑު އަބަދުވެސް ގަބޫލު ކުރަނީ ރަށުގެ ކްލަބު ޖަމިއްޔާ ޖަމާއަތްތަކަކީ ރަށުގެ ތަރައްޤީގައި ސަރުކާރުގެ އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށެވެ.

އެހެންކަމުން ރަށުގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ކުރެވެންހުރި ކަންކަމަކީ ކޮބައިތޯ ބަލައި، އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އެފްއެމްޑީ އާ ގުޅިގެން "ނަލަނަލަ މީދޫ" ޕްރޮގްރާމް ހިންގަން ފެށުނެވެ.

މި ޕްރޮގްރާމްގެ ދަށުން މީހުން އެއްވެ އުޅޭ އާއްމު ސަރަހައްދުތަކުގައި ޑަސްބިން ބަހައްޓައި ގޭގެއިން ކުނި އުކާލުމުގެ ޚިދުމަތް ތާވަލް ކުރެވިގެން ވަރަށް ފުރިހަމައަށް ދެވެން ފެށުނެވެ.

މިއާ އެކު ރަށުގެ ހޭޅިފަށް ސާފުކޮށް ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގަން ފެށުނެވެ. އެގޮތުން 2010 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައި ވަނީ ރަށުގެ ހުރިހާ މުއައްސަސާތަކާ ގުޅިގެން މުޅި ރައްޔިތުން ފާހަގަ ކުރި ދުވަހެއްގެ ގޮތުގަ އެވެ.

މިއީ ފަހުގެ ތާރީޚްގައި މީދޫގެ ގިނަ އަދަދެއްގެ ރައްޔިތުން އަމަލީ ގޮތުން ބައިވެރިވި އިޖްތިމާޢީ އެއްމެ ބޮޑު ހަރަކާތެވެ. މިއަދު މީދޫ ބަނދަރުމަތީން ފެންނަ ޕާކް ވަށައިގެން ޖަހާފައިވާ ފެތިރޯނު ގަސްތަކަކީ އެދުވަހު އިންދި ގަސްތަކެވެ.

ރަށުގައި ކުޅިވަރު ތަރައްޤީކޮށް ޒުވާނުންގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި، މީދޫ އެފްއެމްޑީ އަދި އެމްސީސީން ކުރިއަށް ގެންދިޔަ ހުރިހާ ހަރަކާތްތަކެއްގައި އޮފީހުން ވާނީ އެއްބާރުލުން ދީފަ އެވެ.

މިގޮތުން ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި، މީދޫ ފުޓުބޯޅަ ދަނޑުގައި ފުރަތަމަ ފަހަރަށް ލައިޓް ޖެހުމުގެ މަސައްކަތްކޮށް ނިންމާފައި ވަނީ 2011 ވަނަ އަހަރު އެފްއެމްޑީ އާއި އެމްސީސީގެ އެހީތެރިކަމާ އެކު، ރަށް ކުރިއަރުވާ ކޮމެޓީން ޚަރަދު ކުރި 50،000ރ. ގެ އިތުރުން ރަށު އޮފީހުން ޚަރަދުކޮށްގެންނެވެ.

ހަމައެ އާކު ދަނޑުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށްޓަކައި، ކައުންސިލުން ވަނީ 2013 ވަނަ އަހަރު ޗޭންޖިން ރޫމެއް އަޅައި، ދަނޑުގެ ލައިޓް ބަދަލު ކުރުމާއި ޓްރެކް އެޅުމުގެ މަސައްކަތް ފަށާފަ އެވެ.

މި މަސައްކަތްތަކަށް ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ކައުންސިލްގެ އާމްދަނީން ޚަރަދު ހިނގަ އެވެ. މީގެ އިތުރުން ވެސް ކުޅިވަރު އިތުރަށް ކުރިއެރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން 2012 ވަނަ އަހަރު އެމްސީސީން ބޭއްވި ވޮލީ މުބާރާތައް ކައުންސިލުން 10،000ރ. ގެ މާލީ އެހީތެރިކަން ވާނީ ފޯރުކޮށް ދީފަ އެވެ.

މީދޫ އޮފީސް ހިންގުމާ ހަވާލުވެ ހުރި އިސް މީހެއްގެ ގޮތުން އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަމުން ގޮސްފައި ވާނީ، ރަށުގެ ކްލަބު ޖަމިއްޔާ ޖަމާއަތްތައް ބާރުވެރިކޮށް، އެޖަމިއްޔާތައް މެދުވެރިކޮށް ރަށުގެ އިޖްތިމާއި ހަރަކާތްތަކާއި ކުޅިވަރުތައް ތަރައްޤީ ކުރުމަށެވެ.

އެގޮތުން މީދޫ ސޯޝަލް ސެންޓަރު އެއްބަސްވުމެއްގެ ދަށުން އެމް.ސީސީ އާ ހަވާލުކޮށް، މީދޫގެ އެއްމެ ތާރީޚީ އެއް އިމާރާތް ކަމަށްވާ ކާޑުގޭ ވީރާނާވެ ފަނާވަމުން ދަނިކޮށް މީދޫ އެކުވެރިންގެ ޗޭނާއި ހަވާލުކޮށްގެން، މިހާރު ކާޑުގޭގައި އެ ވަނީ ލައިބްރަރީގެ ޚިދުމަތް ދޭން ފަށާފަ އެވެ.

މީގެ އިތުރުން ޔޫއެންޑީޕީ އާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިޔަ އޮޓޯ ޕޮޓް ޕްރޮޖެކްޓް މީދޫ އެކުވެރިންގެ ޗޭނު ޖަމިއްޔާ އަށް ހޯދައި ދީ، ކާމިޔާބުކަމާ އެކު އެޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ރަށު އޮފީހުން ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ވާނީ ފޯރުކޮށް ދީފަ އެވެ. އަދި ޝަންގްރިއްލާ ރިސޯޓުގައި މަސައްކަތްކުރާ މީދޫ މުވައްޒަފުންގެ އިސް ނެގުމާ އެކު ކާޑުގޭ ގޯތި ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ޕާކެއް ވަނީ ހެދިފަ އެވެ.

މީގެ އިތުރުން ފުޓްބޯޅަ ދަނޑުގައި އިމާރާތްކުރި ޗޭންޖިން ރޫމާއި އޮފީސް އެ ވަނީ ރަށުގައި ކުޅިވަރުގައި އެއްމެ ހަރަކާތްތެރި ޖަމިއްޔާ ކަމަށްވާ އެމްސީސީ އާއި ހަވާލުކޮށްފަ އެވެ. ހަމައެކާ އެކު، އެމްސީސީގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި، އެ ޖަމިއްޔާގެ އޮފީސް އިމާރާތެއް އެޅުމަށްޓަކައި، ޖަމިއްޔާއިން އެދުނު ބިން ވެސް އެ ވަނީ ކައުންސިލުން ހަމަޖައްސައި ދީފަ އެވެ. މިއީ ޖަމިއްޔާއަކަށް އައްޑޫން ދޫކުރެވުނު ފުރަތަމަ ބިމެވެ.

ދެން 2009–2011 އަށް ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާ ގުޅިގެން ހިންގުނު މަދިރި މަދު ކުރުމުގެ ޕްރޮގްރާމްތަކަކީ ރައްޔިތުންގެ މެދުގައި، މަދިރީގެ ސަބަބުން ޖެހޭ ބަލިތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުވެ، އާއްމު ސާފުތާހިރު ކަމާއި، ދުޅަހެއުކަން އިތުރުވެގެން ދިޔަ ކާމިޔާބު ޕްރޮގްރާމްތަކެކެވެ.

މި ޕްރޮގްރާމް ހިންގުމަށްޓަކައި ބޭނުންވާ ފޮގް މެޝިނާއި ބޭހުގެ އިތުރުން ވެސް، ހޯދަން ޖެހުނު ހުރިހާ ތަކެއްޗެއް ހޯދާފައި ވާނީ ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާ އެކުގަ އެވެ.

* ތައުލީމު:

މީދުއަކީ ޒަމާނުއްސުރެން ދީނީ ތައުލީމަށް ލޯބި ކުރާ ބަޔަކު ދިރިއުޅެމުން އަންނަ ރަށެކެވެ. ވަކީ ޚާއްސަކޮށް މީދުއަކީ ޤުރުއާނަށް ލޯބިކުރި ރައްޔިތަކު ދިރިއުޅެފައިވާ ރަށެއްކަން މީދޫގެ ތާރީޚުން ފެންނާނެ އެވެ. ނަ

ނަމަވެސް ޒަމާންތަކެއް ވަންދެން، ގުރުއާނުގެ އިލްމަށް ދެވިފައިވާ އަހުމިއްޔަތު ކުޑަވެފައި ވަނިކޮށް އަމިއްލަ ފަރާތަކުން އިސް ނަގައިގެން މީދޫގައި ހިންގަންފެށި ޝަމްސުއްދީން ސެންޓަ ފޯ އިސްލާމިކް ސްޓަޑީޒް ވެގެން ގޮސްފައި ވަނީ މީދޫގެ ފަޚްރުވެރި ތާރީޚް އަލުން ހޯދުމަށް ކުރަމުން ދިޔަ މަސައްކަތައް ލިބުނު އިތުރު ހިތްވަރަކަށެވެ.

BBKI (7)

އެހެންކަމުން އެ ސެންޓަރުން އެދުނު ކޮންމެ ކަމަކަށް ކައުންސިލުންވަނީ ފުރިހަމަ އަށް އެއްބާރުލުންދީ، ސެންޓަރުގެ ޚިދުމަތް ފަށައިގަތުމަށްޓަކައި، ކުރީގެ މީދޫ ސްކޫލު ހިންގި އިމާރާތުން (ޝަރީފީ ޕްރީ ސްކޫލް) ކްލާސް ރޫމެއް ހަމަޖައްސައިދީ، އެ ސެންޓަރުގެ މައި އިދާރާއާއި ކްލާސް ރޫމްތައް އެޅުމަށް 10،000 އަކަ ފޫޓުގެ ބިމެއް މީދޫއިން ހިލޭ ހަމަޖައްސަދީފަ އެވެ.

ހަމައެހެންމެ މީދޫގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަ އެއްމެ ދުވަސްވީ މަކްތަބުލް އަސްރިއްޔާ ހިންގުމަށްޓަކައި އެ ފަރާތުން އެދުނު ބިންވެސް ކައުންސިލުން ހަމަޖައްސަވަ ދީފައި ވަނީ، މީދޫގެ ފަޚްރުވެރި މާޒީ ހޯދުމަށް މީދޫގެ ރައްޔިތުން ކުރަމުން ގެންދާ މަސައްކަތަށް ހިތްވަރުދީ، އެލަނޑުދަނޑީ ހާސިލް ކުރުމަށެވެ.

ތައުލީމަށް މަގު ފަހިވެފައިވާ ރަށެއްގެ ގޮތުގައި މީދޫ ތަރައްޤީ ކުރުމަށް ރައީސް ނަޝީދު ކަނޑައެޅުއްވި ޕްލޭންގެ ދަށުން، ހުޅުމީދޫ ސިއްހީ މަރުކަޒު ކުރިން ހުރި ބިން، އެސްޓީއޯ އާ ހަވާލުކޮށް، މީހާރު އެވަނީ ހައިބަތު ބޮޑު އިމާރާތެއް ބިނާކުރެވި، އެތަނުގައި ވިލާ ކޮލެޖްގެ ކެމްޕަސް ހުޅުވާފަ އެވެ.

މީގެ އިތުރުން ދުރު މުސްތަޤުބަލަށް އަމާޒުކޮށްގެން އިސްލާމިކް ޔުނިވާސިޓީއެއް މީދޫގައި ބިނާ ކުރުމަށް ނަޝީދުގެ ސަރުކާރުން އެކުލަވާލި ޕްލޭނާއި އެއް ގޮތަށް ގައުމީ ޔުނިވާސިޓީން އެދުނު މިންވަރުގެ ބޮޑު ބިމެއް 2010 ވަނަ އަހަރު ޔުނިވާސިޓީ އާ ވާނީ ހަވާލުކޮށްފަ އެވެ.

ހަމަ އެއާއެކު، މެދު ކެނޑުމެއް ނެތި ޕްރީ ސްކޫލްތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިދާރީ ޚަރަދު ހަމަޖެއްސުމަށް ދޭން ޖެހޭ ފައިސާގެ އެހީތެރިކަން ފޯރުކޮށް ދެމުން ދާއިރު، ހުރިހާ ލެވެލްތަކުގެ ސްކޫލްތަކުން އެދޭ ކޮންމެ ކަމަކަށް، ކައުންސިލްގެ މާލީ ތަނަވަސްކަން ހުރި މިންވަރުން ވަނީ އެހީތެރިކަން ފޯރުކޮށް ދީފަ އެވެ.

* އުމްރާނީ ތަރައްޤީ:

އެއްވެސް ޝައްކެތްނެތް ގޮތުގައި 2011 ވަނަ އަހަރު އައްޑޫގައި ބޭއްވުނު 17 ވަނަ ސާކް ސަމިޓްވެގެން ގޮސްފައި ވަނީ، އައްޑޫގެ ތަރައްޤީ އަށް އައު ސަފުހާތަކެއް ހުޅުވިގެން ދިޔަ ސަމިޓަކަށެވެ.

ސަމިޓް ބޭއްވުމަށްޓަކައި ވަމުންދިޔަ ތައްޔާރީތަކުގެ ތެރޭގައި ހުޅުމީދޫގައި ބޮޑެތި ހަރަކާތްތަކެއް ރޭވިފައި ނެތަސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްޓޭޓް ބެންކުއެޓް ހުޅުމީދޫގައި ބޭއްވުމަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން، ސަރުކާރު މެދުވެރިކޮށް ކުރެވެން ހުރީ ކޮންކޮން ކަމެއްތޯ ބަލައި، ސަރުކާރާއި ކައުންސިލަށް ހުށަހަޅައިގެން ކުރުވަން މަސައްކަތް ކުރީމެވެ.

DSRE (41)

އެގޮތުން މީދޫ ބަނދަރުމަތި ޕާކްގެ ވަށާ ފާރު ރާނާ ބަނދަރު ސަރަހައްދުގެ މަގުތައް ޕްރޮފައިލްކޮށް، މީދޫ މޮނިއުމެންޓް ބިނާކޮށް، ހުޅުމީދޫގެ ބޮޑު މަގާއި، މައި ހުރަސް ދެ މަގުގެ ހުރިހާ ގެތަކުގެ މަގު ފާރުގައި ސިމެންތި ޖަހާ ކުލަ ލާފައި ވަނީ، ސާކް ބިއުޓިފިކޭޝަން ބަޖެޓްގެ ގޮތުގައި ސަރުކާރުން ކައުންސިލަށް ދެއްވި 10 މިލިޔަން ރުފިޔާގެ ތެރެއިންނެވެ.

މި ދެންނެވި 10 މިލިޔަން ރުފިޔާގެ ތެރެއިން ފަސް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހުޅުމީދު އަށް ޚަރަދު ކުރެވުނީ، ހުޅުމީދޫ އެކަހެރި ކޮށްފައި އޮންނަ އޮތުން ބަދަލު ކުރުމަށް ހުރިހާ ލެވެލްއެއްގައި އަޅުގަނޑުށް ވަކާލާތު ކުރެވުނީމަ އެވެ.

މީގެ އިތުރުން ސްޓޭޓް ޑިނާރ ބޭއްވުމަށް ސ. އަތޮޅު މަދަރުސާގައި ބިނާކުރި ހޯލާއި، ސްކޫލްގައި ހުރި ކުދި ކުދި މަރާމާތު ތަކާއި، މީދޫ ފާލަމާއި ބަނދަރު ތޮށި މަރާމާތު ކުރުމުގެ އިތުރުން ބޮޑު މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫ އަށް ޚަރަދު ކޮށްފައި ވަނީ ސާކް ބެޖެޓުންނެވެ.

* އައްޑޫ ސިޓީ ކައުންސިލުން ޚަރަދު ކޮށްގެން 2011-2013 އަށް ހިންގުނު ޕްރޮޖެކްޓްތައް:

– ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ވަށާ ފާރު ރާނާއި ފެންސް ޖެހުން

– ހުޅުދޫ ބަނދަރު ތޮށިގަނޑު މަރާމާތު ކުރުން

– ހުޅުދޫ ގިރާ ސަރަހައްދުގެ ތޮށިގަނޑު މަރާމާތު ކުރުން

– މީދޫ ފުޓްބޯޅަ ދަނޑުގެ ޗޭންޖިން ރޫމް

– މީދޫ ފުޓްބޯޅަ ދަނޑުގެ ލައިޓް ޖެހުމާއި ޓްރެކް އެޅުން

– އިސްމެހެލާ ހެރަ ޗެނަލްގެ މަސައްކަތައް ދިން އެހީ

– ސާކް ބިއުޓިފިކޭޝަން ޕްރޮޖެކްޓްސް

މި ހުރިހާ މަޝްރޫއުތަކަށް ފާއިތުވި ތިން އަހަރު ޖުމްލަ 9.6 މިލިޔަން ރުފިޔާ ކައުންސިލުން ޚަރަދުކޮށްފައިވާ އިރު، އަހަރެއްގެ މައްޗަށް ހުޅުމީދޫން ކައުންސިލްގެ އާމްދަނީ އަށް ހިއްސާ ކުރަނީ އެންމެ 400،000ރ. އެވެ.

އެހެން ކަމުން ލާމަރުކަޒު ކުރުމާއި އަޅުވެތި ކުރުމުގެ ސިޔާސަތާ ދެކޮޅަށް، އަޅުގަނޑު މީދޫ ކައުންސިލަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރި ދެ އަހަރާއި (2009–2011) އަދި ހުޅުމީދޫ ދާއިރާއިން ތިން އަހަރަށް (2011-2014) އިންތިޚާބުވި ސިޓީ ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ އުފަން ރަށާއި، އިންތިޚާބުވީ ދާއިރާއަށް ކުރިއެރުމާއި ތަރައްޤީ ހޯދައި ދިނުމަށް ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ހިތްހަމަޖެހުނު ނަމަވެސް، ރައްޔިތުން އެއްމެ އުއްމީދު ކުރި މިންވަރަށް މަސައްކަތްތައް ކުރެވިފައި ނުވާކަން އަޅުގަނޑު ގަބޫލު ކުރަމެވެ.

ރައްޔިތުންގެ އުއްމީދުތައް ހާސިލް ކުރެވޭނީ، ރައްޔިތުން އިންތިޚާބު ކުރާ ކައުންސިލްތަކަށް، ޤާނޫނީ ބާރު ފުރިހަމައަށް ލިބިގެންނެވެ. އަޅުވެތިކަމުން ސަލާމަތްވެގެންނެވެ. މިނިވަން ރައްޔިތު މީހާ ހޯދިގެންނެވެ.

ނޯޓް: މިއީ އައްޑޫ ސިޓީ ކައުންސިލްގެ ފުރަތަމަ ދައުރުގައި ހުޅުމީދޫ ދާއިރާގެ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދު އޭނާގެ ބްލޮގް "ވެލްކަމް ޓް ޝާހިދު ލައިވް" ގައި ހިއްސާކޮށްފައިވާ ލިއުމެކެވެ.