ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިހާ އެއްޗަކަށް އާއެކޭ ބުނަން ތިބި އެތައް ހާސް ރައްޔިތުންނެއް
އޭރު މިރާއްޖޭގައި ތިއްބެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ، ނަޝީދު މީގެ ކުރިން ޖަލަށް ލުމުން އެކަމާ ދެކޮޅަށް މެދު ނުކެނޑި އަހަރުތަކެއް ވަންދެން މަގުތަކުގައި އާއްމުން މުޒާހަރާކުރިއެވެ. އެމަނިކުފާނުގެ ޖޯޝުން ފުރިގެންވާ ތަގޫރީރުތައް އަޑުއެހުމަށް އެއްވާ މީހުން ކެކެރިއަރާތަން ފެނިއްޖެ ނަމަ އެއީ ރާއްޖޭގެ އެކަކަށް އެންމެ ބޮޑު ތާއީދެއް އޮތް ރައީސް ކަމާމެދު މީހުން ޝައްކެތް ނުކުރާނެއެވެ. ހަމައެހެންމެ ނަޝީދުގެ ފޮޓޯ ދައްކައިގެން ނަޝީދުގެ ފަސްބައިގައި އެލިގެން މަޖިލީހަށް އިންތިހާބު މެމްބަރުންވެސް އެބަ ތިއްބެވެ.
އެހެން ނަމަވެސް އެއީ މާޒީ އެވެ. އެމްޑީޕީގެ އުޑުގަ ފިޔަޖަހަމުން ދިޔަ އެ އަލި ގަދަ ތަރި އޮއްސިއްޖެ ކަމަށް މީހުން ގަބޫލުކުރަން ފަށައިފި އެވެ. ނަޝީދުގެ އަދޭސްތަކާއި ނުސީދާ ކެމްޕެއިންތަކަށް ފަހުވެސް އެމަނިކުފާނު ބޭނުންވާ ގޮތާ ދިމާ އިދިކޮޅަށް އާއްމު މެމްބަރުން ގޮތް ނިންމަން ފަށައިފި އެވެ.
އިކޮނިމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް މެމްބަރުންގެ ބޮޑު ތާއީދަކާއެކު ޗެއާޕާސަން ކަމަށް އިންތިހާބުވުމަކީ ނަޝީދުގެ މިހާރުގެ ސައިޒު ފެނިގެންދާ ކަމެއްކަމަށް ސިޔާސީ މަޝްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މާނައަކީ ނަޝީދަށް އޮތް ތާއީދު އެއްކޮން ނެތިދިޔަ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް ނަޝީދަށް މީގެކުރިން އޮތް ބޮޑު ތާއީދު މިއަދު ނެތްކަން މި އިންތިހާބުން ވެސް އަނެއްކާ އެެނގުނު ކަމަށް މީހުން ގަބޫލުކުރެއެވެ.
މި އިންތިހާބާ ނަޝީދާ އޮތީ ކޮންގުޅުމެއް؟
އެމްޑީޕީގެ ޗެއާޕާސަން ކަމަށް މެމްބަރަކު ހޮވަން އިއްޔެ ބޭއްވި އިންތިހާބަކީ އެމްޑީޕީގެ ދިގު ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި އިންތިހާބެވެ. ފައްޔާޒު ޗެއާޕާސަން ކަމަށް އިންތިހާބުވުމަކީ ނަޝީދުގެ ތާއީދު އޮތްވަރު ދައްކަދޭ ކަމެއް ނޫން ކަމަށް ބަޔަކު ބުނެފާނެ އެވެ. އަދި ނަޝީދުގެ ތާއީދު ކުޑަވެފައިވާވަރު މި އިންތިހާބުގެ ނަތީޖާއިން އެނގިއްޖެ ކަމަށް ބުނާ ބުނުމަށް ދެކޮޅު ހަދާ މީހަކު މި އިންތިހާބާ ނަޝީދާ ގުޅުމެއް ނެތޭ ވެސް ބުނެދާނެއެވެ.
މި އިންތިހާބުގައި ރައީސް ނަޝީދު ހުންނެވީ ކޮންފަޅިއެއްގައިކަން އޮޅޭނެ އެއްވެސް މީހަކު ނުހުންނާނެ އެވެ. އެކަން ސާފުވާނެވަރަށް އެމަނިކުފާނުގެ އާއިލާގެ މެމްބަރުންނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ކެމްޕެއިންކުރެއްވިއެވެ. އަދި މި އިންތިހާބުގައި ނަޝީދު ފައްޔާޒު ހޮވަން ބޭނުންނުވާނެވަރާއި ފައްޔާޒަށް ނަޝީދު ކޮރަޕްޝަނުގެ ތުހްމަތުތައް ކުރައްވަމުންދިޔަކަން އެންމެނަށްވެސް ވަނީ ފެނިފަ އެވެ. އަދި އޭގެ ކުރިން މި ސަރުކާރުގެ މިނިސްޓަރުކަމުން ފައްޔާޒު ވަކިކުރައްވަން މީގެ ކުރިން ނަޝީދު އުޅުއްވައިގެން ނާކާމިޔާބުވެވަޑައިގެންނެވިކަންވެސް އާއްމު މެމްބަރުންނަށް އެނގެ އެވެ. މި އިންތިހާބާ ނަޝީދު އާ ގުޅުމެއް ނެތްކަމަށް މިއަދު ބުނާ މީހުނަށް ނަޝީދުއާ މި އިންތިހާބާ ގުޅުންހުރި ވަރު ވޯޓުގެ ކުރިން މެމްބަރުން ގާތު ވިދާޅުވީ ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.
" އަޅުގަނޑުމެން ގާތު ބައެއް މީހުން އެބަ ބުނޭ މިއީ އިންތިހާބެެއް ނޫންހޭ ރައީސް ނަޝީދާ ގުޅުމެއް ނެތެއް ނޫންހޭ، އެއީ އަމިއްލަ ނަފުސަށް އޮޅުވާލަނީ މި އިންތިހާބަށް ކުރިމަތިލީ ސުރެ އަޅުގަނޑުމެނަށް އެބަ ފެނޭ އިދިކޮޅު ފަރާތުން ކަނޑައެޅިގެން ރައީސް ނަޝީދާ ދިމާލަށް އަންނަތަން. މި އިންތިހާބަށް ކުރިމަތިލީ ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގައިވެސް ރައީސް ނަޝީދަކީ އަސްލު ބްރޯ އޭ ބްރޯ ބްރޯ ކިޔާފައި އިންތިހާބަށް ކުރިމަތިލެެއްވީވެސް،" ކުޅުދުއްފުށީ ސިޓީގައި ބޭއްވި އިންތިގެ ކެމްޕެއިން ބައްދަލުވުމެއްގައި އިވާ ވިދާޅުވިއެވެ.
ފައްޔާޒުގެ އަމާޒަކީ ނަޝީދު ކަމަށް ވިދާޅުވެ އަންނަ އަހަރު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެކަން އީވާ އިއުލާން ކުރައްވާ މި އިންތިހާބާ ނަޝީދުގެ ސިޔާސީ ކުރިމަގާ ގުޅުވާލެއްވި އެވެ.
ފައްޔާޒު ހޮވިއްޖެ ނަމަ ނަޝީދު އެމްޑީޕީން ބާކީކުރާނެ ވާހަކަ އަކީ އިންތިގެ ކެމްޕެއިން ތެރެއިން އެންމެ ބާރަށް ދެކެވުނު ވާހަކަ އެވެ. ފައްޔާޒުގެ ޓީމުން ކުރާ މަސައްކަތަކީ ނަޝީދު ޕާޓީން ބޭރުންކުރުން ކަމާއި އެގޮތް ބޭނުންނުވާ މެމްބަރުންނަށް އިންތިއަށް ވޯޓު ދިނުމަށް އާދޭހާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރި ކެމްޕެއިންގައި އިންތިގެ ޓީމުން ގެންދިޔައީ ބުނަމުންނެވެ.
ނަޝީދު ވަނީ ފައްޔާޒުގެ ޓީމާއި ރައީސް ސޯލިހަށް ނިސްބަތްކުރައްވާ ބޮޑެތި ތުހްމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނަށް ދިން ހަމަލާގެ ތަހްގީގަށް ރައީސް ސޯލިހާއި ފައްޔާޒުގެ ޓީމްގެ މެމްބަރުން ހުރަސްއަޅުއްވާފައިކަމަށް އިންތިހާބަށް ދެތިން ދުވަސްވެފައިވަނިކޮންވެސް ވިދާޅުވެފަ އެވެ. ނަޝީދަށް ހަމަލާދިން މީހުންނަށް އިންކަމް ސަޕޯޓްސް ގޮތުގައި ފައިސާދިން ކަމަށް ބުނާ ވާހަކަތައްވެސް ބައެއް މީހުން ސޯޝަލް މީޑިޔާގައި ބަޔަކު ފަތުރަމުންދިޔަ އެވެ. އެމްޑީޕީގެ އާއްމު މެމްބަރުން ވޯޓުލާން ނިކުތީ ތިން މަހެއްހާ ދުވަސްވަންދެން ދެ ކެންޑިޑޭޓުން ކުރި ކެމްޕެއިންތަކަށްފަހު ނަޝީދު ބޭނުންފުޅުވާ ގޮތަކީ ކޮބައިކަން ރަނގަޅަށް އެނގިތިބެ އެވެ. ފައްޔާޒުއާ ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒް ފަހުމީ ދެކޮޅަށް ނިކުމެ ތިބި ޓީމްގެ މެމްބަރުންގެ އަތުގައިވަނީ ނަޝީދުގެ "ލޭހެކިފައި" ކަމަށް އެމަނިކުފާނު ވިދާޅުވިކަންވެސް އެނގިތިބެ އެވެ. އެހެން ފައްޔާޒުއަށް ދޭ ވޯޓަކީ ނަޝީދުގެ އަދޭހުގައި ކޮޅުފައިން ޖެހުންކަން ވޯޓުލީ ކޮންމެ މެމްބަރަކަށްވެސް އެނގޭނެއެވެ.
ފައްޔާޒުގެންދެވީ ނަޝީދުގެ ހުރިހާ ވާހަކައަކަށް ގޮންޖައްސަވަމުން
މި އިންތިހާބުގައި ފައްޔާޒު ކެމްޕެއިން ކުރައްވަމުން ގެންދެވީ ނަޝީދާއި އިންތިގެ ކެމްޕެއިންޓީމުން ދެއްކެވި ވާހަކަތައް ދޮގުކުރަމުންނެވެ. ފައްޔާޒުގެ ކެމްޕެއިން ޝިއާރުގައި ބުނަމުން ގެންދިޔައީ ނަޝީދުވެސް ހިމެނޭހެން ޕާޓީ ލީޑަރޝިޕުން ޕާޓީ ނުހިންގާ އޮތްވާހަކައެވެ. އެހެންވެ "ހިންގާލަން" އޭނާއަށް ވޯޓުދިނުމަށް އެދި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ފައްޔާޒު ދެއްކެވީ ނަޝީދުގެ ޓީމާ ދިމާ އިދިކޮޅު ވާހަކަތަކެވެ.
މިއަދުގެ ސަރުކާރަށް ނަޝީދު ކުރެއްވި ކޮރަޕްޝަނުގެ ތުހްމަތުތައް އެއީ ފިތުނައެއްކަމާއި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބުކޮށްދިނުމަށް އޭނާއަށް ވޯޓުދޭން ފައްޔާޒު ވަނީ އެދިވަޑައިގެންފަ އެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވަނިކޮށް ފައްޔާޒު ވަނީ ރައީސް ސޯލިހަށް އެމްޑީޕީގެ ޓިކެޓް ދިނުމަށް މިހުރީ "ގަދަކޮން ތާއީދުކޮށްގެން" ކަމަށް ޓީވީގައި ވިދާޅުވެފައިއެވެ. އެހެން ކަމުން މި އިންތިހާބުގައި އޭނާއަށް ވޯޓުދޭންވީ ރައީސް ސޯލިހަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭން ކަމަށް ފައްޔާޒު ގެންދެވީ ހަރުހަޑުން ވިދާޅުވަމުންނެވެ. ފައްޔާޒުއަކީ އެމްޑީޕީގެ ޓިކެޓް ރައީސް ނަޝީދަށް ދިނުމަށް ތާއީދުކުރާނެ މީހެއް ނޫންކަން ފާޅުގައި އިންތިހާބުގެ ކުރިން ފައްޔާޒު އޮތީ ވިދާޅުވެފަ އެވެ. އިއްޔެ ވޯޓުލާން ދިޔަ އެންމެނަށްވެސް އެކަން އޮތީ ސާފުވެފައެވެ.
ނަތީޖާއިން ފެނުނީ ނަޝީދު ބޭނުންފުޅުވި ގޮތާ ދެކޮޅަށް ގިނަ މެމްބަރުންތަކެއް ތިބިތަން
މި އިންތިހާބުން އިންތި މޮޅުވިނަމަ ބައެއް މީހުން ދެކޭ ގޮތުގައި އެއީ ސަރުކާރަށް ސަރުކާރު ހިންގައި ޕާޓީގެ މެންބަރުން ދިން ރަނގަޅު ފިލާވަޅަކަށްވީހެވެ. އަދި އެއީ ނަޝީދަށްކުރާ އަނިޔާގެ ނަތީޖާކަމަށް އިންތިގެ ޓީމުން ބުނީހެވެ. އެއަށްވުރެ ބޮޑަށް ނަޝީދަށް ޓިކެޓް ދޭން ބޭނުންވާ އާއްމު މެންބަރުން ފެނިއްޖެ ކަމަށްވެސް އެ ނަތީޖާ މާނަކުރީހެވެ. އެހެން ނަމަވެސް ނަތީޖާއިން ދެއްކީ ނަޝީދުގެ ޓީމާ ބޮޑު ފަރަގަކުން ފައްޔާޒު އިންތިހާބު ކާމިޔާބުކުރިތަނެވެ. މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އިމްތިޔާޒުގެ މައްޗަށް ފައްޔާޒު ކުރި ހޯއްދެވީ 7،000އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ. ވަގުތީ ނަތީޖާއިން ދައްކަނީ ވޯޓުގެ 58 ޕަސެންޓް ލިބިވަޑައިގަތީ ފައްޔާޒަށެވެ. އިންތި އަށް ލިބިވަޑައިގަތީ 42 ޕަސެންޓެވެ.
މީގެ ކުރިން ނަޝީދަށް ބޮޑު ތާއީދެއް ދިންތަންތަނަށް ބޮޑުތަނުން ފައްޔާޒު ކާމިޔާބުކުރި އެވެ. އެގޮތުން މާލެ ފިޔަވާ ތިން ސިޓީން ފައްޔާޒު ކުރި ހޯދުމަކީ ނަޝީދަށް ދިން ބޮޑު ފިލާވަޅެއްކަމަށް މީހުން ދެކެއެވެ.
ރައީސް ނަޝީދު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިންތިގެ ކެމްޕެއިން ތެރެއިން އިއުލާންކުރި ކުޅުދުއްފުށީގެ ނަތީޖާވެސް ފެނުނީ ނަޝީދަށް ހިތި ގޮތަކަށެވެ. ބޮޑުތަނުން ކުޅުދުއްފުށީ ސިޓީން ތާއީދުލިބުނީ ފައްޔާޒުއަށެވެ.
ނަޝީދުގެ ވަރަށް އަރިސްމީހުން ކަމަށް ދެކުނު ބައެއް މީހުންވެސް ނަޝީދުއާ ދެކޮޅަށް މި އިންތިހާބުގެ ތެރޭގައި ތިއްބެވިތަން ފެނުނެވެ. އޭގެ ތެރޭގައި އެންވަރުމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންނާއި ހެލްތް މިނިސްޓަރު އަހްމަދު ނަސީމްވެސް ހިމެނެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހާއި ޕާލަމަންޓް ގުރޫޕްގެ ތާއިދުވެސް ނަޝީދަށް މިހާރު ނެތް
ނަޝީދުގެ ތަރި އޮއްސުނީކަމަށް ސިޔާސީ މަޝްރަހްގައި ބުނާ ބުނުން ހަމައެކަނި ބިނާވަނީ އިއްޔެގެ އިންތިހާބަކަށް އެކަންޏެއްވެސް ނޫނެވެ. އޭގެ ކުރިންވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ތާއީދު ނަޝީދަށް ގެއްލިފައެވެ. އެ ތާއީދު އޮތީ ރައީސް ސޯލިހަށްކަން ސާފުކޮށް ވަނީ ފެނިގެންގޮސްފަ އެވެ. މިއަދު ނަޝީދު ވިދާޅުވިހާ ގޮތަކަށް ކަންކުރައްވަން ނުވަތަ ނަޝީދުގެ ފެކްޝަނުގައި ޕާލަމަންޓް ގުރޫޕްގައި ތިއްބެވީ އިނގިލިން ގުނާލެވޭހާ މަދު މެންބަރުންކޮޅެކެވެ.
ނަޝީދަށް މިހާރު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕު ބޭނުންކުރައްވައިގެން ކަމެއް ނުކުރެއްވޭނެކަން އެންމެ ބޮޑަށް ފެނުނީ މިނިސްޓަރު ފައްޔާޒު މަގާމުން ވަކިކުރަން މަޖިލީހަށް ހުށައަޅަން ސޮއި ހަމަނުވި ހިސާބުންނެވެ. އޭގެ ފަހުން ގައުމީ މަޖިލިސްވެސް ނަޝީދަށް ވަނީ ގެއްލިފަ އެވެ. މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ އާ ގައުމީ މަޖިލިސް އިންތިހާބު ކުރެވުނީ ރައީސް ނަޝީދާ ރައީސް ސޯލިހްގެ ދެ ފެކްޝަނުގެ ތަޅާފޮޅުންގަނޑުތެރެއިންނެވެ. އެ އިންތިހާބުގައި ފެނުނީ ނަޝީދު ތާއީދުކުރެއްވި ގިނަ މެމްބަރުންނަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުނުތަނެވެ. ގައުމީ މަޖިލީހުގައި ނަޝީދުގެ ފެކްޝަނަށް ތާއީދުނެތްކަން އެންމެ ބޮޑަށް ފާޅުވީ އިއްޔެ ބޭއްވި އިންތިހާބު ފަސްކުރުމަށް ނަޝީދުގެ ފެކްޝަނުން ދެކޮޅު ހަދަމުންދަނިކޮށް ގައުމީ މަޖިލީހުން އެ އިންތިހާބު ފަސްކުރަން ލިބުނު ތާއީދުންނެވެ.
އެއްއިރެއްގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ އަދި ތާއީދު ބޮޑު ލީޑަރުން ތާއީދުކުޑަވެ ޕާޓީ ތެރެއިން އެހެން ބޭފުޅުންގެ ތާއީދު ބޮޑުވުމަކީ ހަމައެކަނި އެމްޑީޕީ ތެރެއިން ހިނގާކަމެއް ނޫނެވެ. ނަޝީދުގެ ތަރިއޮއްސިއްޖެ ކަމަށް ފައްޔާޒުގެ ޓީމުންވެސް ގަބޫލުކުރާކަން އެނގެނީ އިންތިހާބުން މޮޅުވުމާއެކު ފައްޔާޒު ވިދާޅުވި ބަސްފުޅުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުން ރައްޔިތުންގެ އެ ނިންމުމަކީ މިހާރުގެ ސަރުކާރު ދެ ވަނަ ދައުރަކަށް އިންތިހާބުކުރަން މެމްބަރުން ނިންމި ނިންމުމެކެވެ. މާނައަކީ ރައީސް ނަޝީދަށް ފުރުސަތުދޭން މެމްބަރުން ބޭނުންނުވާކަން މި ނަތީޖާއިން އެނގިއްޖެ ކަމާއި މެމްބަރުން ބޭނުންވަނީ ރައީސް ސޯލިހާއެކު ކުރިއަށްދާންކަން މި ވޯޓުން އެނގިޖެ ކަމަށެވެ.

الحمد لله
އެމްޑީޕީގެ މެންބަރުން މިއަދު މިދިން ވޯޓަކީ މިޕާޓީއާ ސަރުކާރާ އެއްކޮށް ގޮސް 2023 ކާމިޔާބު ކޮށް މެންބަރުން އެދުނު ގޮތަށް މިޕާޓީ ހިންގާލަން ދިން ވޯޓެއް. މިކަމުގައި ދެގޮތެއް ނުވެ ހުންނާނަން.

ވޯޓަށްނުކުމުވަޑައިގަތް މެމްބަރުންނާ އަޅުގަނޑުގެ #MDPHingaalan ޓީމަށް ޝުކުރިއްޔާ.
— Fayyaz Ismail (@faya_i) May 14, 2022

ނަޝީދަށް އޮތް ތާއީދު ފެނުމުން އެމްޑީޕީގައި ތިބި ނަޝީދުގެ އާއްމު މެމްބަރުން އެކަން ބަލައިގަންފި އެވެ. އަދި އެމްޑީޕީ ތެރޭގައި ދެން ތިބުމުގެ ބޭނުމެއް ނެތްކަމަށް ވެސް ބައެއް މެމްބަރުން ވަނީ މި އިންތިހާބުގެ ނަތީޖާއަށްފަހު ބުނެފަ އެވެ.
އެހެން ކަމުން މި ނނަތީޖާއަށްފަހު ނަޝީދު ޕްރައިމަރީގައި ވާދަކުރެއްވުމާމެދު ދެވަނަ ވިސްނުމަކުން ވިސްނުމަކީ އެކަށީގެންވާކަމެއް ކަމަށް ބައެއް މީހުންދެކެއެވެ.