ސ. ހިތަދޫ ސްކޫލުގެ އެޑްމިން އޮފިސަރެއްގެ މަގާމު ސައުދުﷲ ހަމީދަށް، އިއުލާން ކުރުމެއް ނެތި އެ ސްކޫލުން ދޭން އުޅުނު މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަަޅައިފި ކަމަށް އިތުބާރު ހުރި ގޮތަކަށް "އައްޑޫ ލައިވް" އަށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލަ އޭސީސީ އަށް ހުށަހަޅާފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އަދި މިކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން އޭސީސީ މިހާރު އަންނަނީ އިތުރަށް ބަލަމުން ކަމަށް ވެސް އެނގިފައިވެ އެވެ.
މި މައްސަލަ އޭސީސީ އަށް ވައްދާފައި ވަނީ، އިއުލާން ކުރުމެއް ނެތި، ސައުދަށް ވަޒީފާ ދޭން އުޅުނުކަން ހިތަދޫ ސްކޫލްގެ ބެލެނިވެރިންތަކަކަށް އެނގިގެން، މިއީ މަގާމުގެ ނުފޫޒާއި ކޮރަޕްޝަަނަށް މަގުފަހިވާ ގޮތަށް ކުރަން އުޅުނު ކަމެއް ކަމަށް ފެންނާތީ އެވެ.
އެހެންވެ މި މައްސަލަ އޭސީސީ އަށް ވެއްދުމުން، ސައުދަށް ދޭން އުޅުނު މަގާމުގެ ކަންތައްތައް މިހާރު ވަނީ މަޑު ޖައްސާލައިފަ އެވެ.
ސައުދަކީ ކުރީގެ ރައީސް މުހަައްމަދު ނަޝީދުގެ ސަރުކާރުން އައްޑު އަށް ކަރަަންޓް ދޭން އުފެއްދި ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) ގެ ޕަބްލިކް ރިލޭޝަންގައި ވެސް ދުވަސްކޮޅެއް ވަންދެން މަސައްކަތް ކުރި މީހެކެވެ. އަދި އޭނާއަކީ މިހާރު ވެސް އެމްޑީޕީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅޭ މީހެކެވެ.