Last Updated: December 3, 21:46
Tuesday, December 3, 2024
ޚަބަރު

އާސާރީ ބިނާތަކަށް ގެއްލުންވާކަމުގެ ޝަކުވާތަކެއް

ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީގެ އެކިއެކި މަސައްކަތްތައް ކުރިއަށް ގެންދާ އިރު އެ ތަންތަނުގައި ހުންނަ އާސާރީ ބިނާތަކަށް ގެއްލުންވާކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އެތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތަރައްގީގެ ގިނަ މަޝްރޫއުތަކުގެ ތެރެއިން، މަގު ކޮނުން ހިމެނޭ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާ އިރު ވަޅުލެވިފައިވާ އާސާރީ ބިނާތަކަށާއި ތަކެއްޗަށް ގެއްލުން ލިބެމުންދާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
އެހެންވެ އެފަދަ މަޝްރޫއުތަކުގެ މަސައްކަތް ކުރުމަށް ބިން ކޮންނަ އިރު، ފެންނަ ވަޅުލެވިފައި ހުންނަ އާސާރީ ބިނާތަކަށް ރައްކާތެރިވުމަށާއި އެފަދަ ތަކެތި ފެނިއްޖެ ނަމަ، ވަގުތުން އެކަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒަށް އަންގައި އެތަނުން ލަފާދޭ ގޮތަކަށް އެތަކެއްޗާ މެދު އަމަލުކުރަން އެދޭ ކަމަށް އީޕީއޭ އިން ބުންޏެވެ.

އެތަނުން ބުނީ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓް އީއައިއޭ) ހަދައި އީޕީއޭ އިން ތިމާވެށީގެ ކްލިއަރެންސް ލިބިގެން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މަސައްކަތް ކުރުމުގައި ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނާއި އަދި އެހެނިހެން ގާނޫނާއި ގަވައިދުތަކާ ޚިލާފު ނުވާނެހެން މަސައްކަތްތައް ކުރުމަށް ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ވެސް ދިނުމަށް އެދޭ ކަމަށެވެ.