Last Updated: November 24, 23:51
Sunday, November 24, 2024
ސިއްހަތު

ސެންޓް: އަންހެނުންގެ އެކުވެރިޔާ

އަންހެނުންނަށް ސެންޓަކީ އެ މީހުން އަޅާ ގަހަނާއެކޭ އެއްފަދަ އެއްޗެކެވެ. ސެންޓުން އެ މީހުންގެ ޝަހުސިއްޔަތާއި ޒީނަތްތެރި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަމަށް ސެންޓް ބޭނުން ކުރާ އަންހެނުން ގަބޫލު ކުރެ އެވެ. އަދި ސެންޓް ޖަހާލުމުން ހިތަށް އުފާވެރިކަމާއި ހަމަޖެހުން ލިބޭ ކަމަށް ވެސް ގިނަ އަންހެނުން އެއްބަސް ވެ އެވެ.

ސެންޓަށް "މެޖިކް ސްޕްރޭ"ގެ ނަން ދެވެނީ އެއަށް އެހެން މީހުން ދަމައި ގަންނަ ބާރު ލިބިފައި ވާތީ އެވެ.

އެގޮތުން ސެންޓް ޖެހުމުގައި ގެންގުޅެން ޖެހޭ އުސޫލުތަކާއި ހަމަތަކެއް ވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަންތައްތަކަކީ:

* ސެންޓު ޖަހާ އަންހެނުންގެ ތެރެއިން ގިނަ ބަޔަކު އަތުކުރީގެ ބަނޑުފުށުގައި ސެންޓް އުނގުޅަން ސަމާލުކަން ދެ އެވެ. މިއީ ހަގީގަތުގައި ވެސް ވަރަށް ފައިދާ ހުރި ކަމެކެވެ.

ސަބަބަކީ އަތުކުރީގައި ވިންދު ނުވަތަ ޕްރެޝާ ޕޮއިންޓް ހުންނަ ދިމާ ކަމަށް ވާތީ ސެންޓްގެ ވަސް ގިނަ އިރު ހުރެ އެވެ. ނަމަވެސް ބައެއް މީހުން ދެ އަތަށް ސެންޓް ޖަހާފައި ދެ އަތް ދެ އަތަށް ކާއްތާލަ އެވެ. އެ މީހުންނަށް މި ކުރެވޭ ކަންތަކުން ސެންޓުގެ ވަސް އަވަހަށް ކެނޑިގެން ދާނެކަން ނުވިސްނެ އެވެ.

* ބައެއް މީހުން ޖަހާ ސެންޓްގެ ވަސް އަވަހަށް ކެނޑެނީ އެ މީހުންނަށް ސެންޓާ ބެހޭ އެކަށީގެންވާ މައުލޫމާތު ނެތީމަ އެވެ. ސެންޓް ބޭނުންކުރާ ވަރަށް ގިނަ ބަޔަކު ސެންޓް ޖެހުމަށް ފަހު ފުޅީގެ މަތިގަނޑު ރަނގަޅަށް ޖެހިފައިވޭތޯއެއް ނުބަލަ އެވެ. ނުވަތަ މަތިގަނޑު ބާރަށް ޖަހަން ހަނދާން ނެތެ އެވެ.

ނަތީޖާ އަކީ އަގުބޮޑުކޮށް ގަންނަ ސެންޓް ފުޅީގެ ވަސްކޮޅު ވަޔަށް އަރައިގެން ދިއުމެވެ. އިރުގެ އަލި އެޅޭ ނަމަ ސެންޓުގެ ވަސްކޮޅު ވަޔަށް އަރައިގެން ދާނެ އެވެ.

އެހެންކަމުން އިރުގެ އަލި އެއްގޮތަކަށް ވެސް ނުލިބޭ ތަނެއްގައި ސެންޓް ބެހެއްޓުން މުހިއްމެވެ. އަދި ސެންޓް ފުޅީގެ މަތިގަނޑު ރަނގަޅަށް ޖަހާފައި ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހެ އެވެ.

jgb

* ސެންޓަކީ އޭގެ ވަހާ އެއްގޮތަކަށް އެއިން އަމިއްލަ ނަފްސު ވެސް ހިތްހަމަޖައްސައިދޭ އެއްޗެކެވެ. އަންހެނުން ހަމަގައިމު ވެސް ސެންޓް ޖަހަނީ މިސަބަބާ ހެދިކަން ޔަގީނެވެ. އަދި އެމީހުންނަށް އެންމެ މަގުބޫލު ސެންޓަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްލަން އަންހެނުން ފަސްނުޖެހެނީ ވެސް މި ސަބަބާ ހެދި އެވެ.

ހިތާމައަކީ ސެންޓު ޖަހާ ވަގުތުން ފެށިގެން އޭގެ ވަސް ކެނޑެމުން ގޮސް ދުވާލެއްގެ ހަތަރު ދަން ހުސްވާ އިރު ސެންޓްގެ ވަސް އެއްގޮތަކަށް ވެސް ނުހުންނަ ކަމެވެ.

ނަމަވެސް ޖަހާ ސެންޓުގެ ވަސް ވީހާވެސް ގިނަ އިރަށް ދެމެހެއްޓޭތޯ ސެންޓު ޖަހާ މީހުން މަސައްކަތް ކުރާނެ އެވެ. ސެންޓުގެ ވަސް ގިނަ އިރު ބަހައްޓަން ކުރެވިދާނެ އެއް ކަމަކީ އިރުއިރުކޮޅާ ސެންޓްކޮޅެއް ޖަހާ ސެންޓުގެ ވަސް އާ ކުރުމެވެ.

ފެންވަރައިގެން ހަށިގަނޑު ތެތްވެފައި ހުއްޓާ ސެންޓު ޖެހުމަކީ ވަސް ގިނައިރު ހުންނާނެ ކަމެކެވެ. ނަމަވެސް އަވީގައި ނުކުމެ ހިނގާލައިފި ނަމަ ވަރަށް އަވަހަށް ވަސް ކެނޑިގެން ދާނެ އެވެ.