Last Updated: April 24, 10:25
Thursday, April 24, 2025
ޚަބަރު

މީދޫ ގޮނޑުދޮށް ހިމާޔަތްކުރުން ކުރިއަށް

އައްޑޫ މީދޫ ގޮނޑުދޮށް ހިމާޔަތްކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން މުހިއްމު މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް އެ މަޝްރޫއާ ހަވާލުވެފައިވާ އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ބެކް ފިލިން ގެ މަސައްކަތްތަކާއި ބެޑް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށެވެ.

"މި މަޝްރޫޢުގެ ދަށުން ބެކް ފިލިން އަދި ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ފުރިހަމަ ކުރުމާއި ބެކްފިލިންގެ މަސައްކަތްތަކަށް އަދި ޖިއޯ ބޭގްސްއަށް އެޅުމަށް 4،430 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 147 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ." އެމްޓީސީސީން ބުންޏެވެ.

ގިރުމުގެ މައްސަލަ ބޮޑުވެފައިވާ މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އެޕްރީލް 3 ގަ އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 4 މިލިއަން ރުފިޔާއަށެވެ.