Last Updated: November 24, 19:19
Sunday, November 24, 2024

ކުލީ އިމާރާތުގައި ފޭދޫ ކޯޓް ހިންގަން ފަށައިފި

ފޭދޫ މެޖިސްޓްރޭޓް ކޯޓް މިހާރު ހިންގާ އިމާރާތް. ފޮޓޯ/ އައްޑޫ ލައިވް

ދެ އަހަރު ދުވަސް ވަންދެން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓް އިމާރާތުގައި ފޭދޫ ކޯޓް ހިންގުމަށް ފަހު، ފޭދޫގެ ކުލީ އިމާރާތަކަށް މިއަދު ފޭދޫގެ ކޯޓް ބަދަލުކޮށްފި އެވެ.

އެ ކޯޓް މިހާރު ހިންގަނީ ކެނެރީހިޔާގަ އެވެ. އެއީ އައިލެންޑް ޓީވީ ފޭދޫ އޮފީހާއި ލިންކް ރޯޑްގައި ހުންނަ ވިމްލާ ގެސްޓް ހައުސް ގޯޅިތެރޭގައި ހުރި އިމާރާތެކެވެ.

ކޯޓް ހިންގާ އިމާރާތް ހުރީ އެ ގޯޅިތެރޭގައި ހަދާފައި ކެނެރީހިޔާ ގެ އެވެ. އެތަން ހުންނަނީ ފުދޭ ވަރަކަށް އެތެރޭގަ އެވެ.

ކޯޓްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަމިއްލަ ރަށަށް ކޯޓް ބަދަލުވުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.

އެހެން ނަމަވެސް އާ ތަނަކަށް މަސައްކަތް ބަދަލުވި އިރު، ބައެެއް ކަހަލަ ދަތިތައް ހުރިކަން ފާހަގަ ކުރެއްވި އެވެ. އޭގެ ތެރޭގައި ތަނަށް ބޭނުންވާ ފަރުނީޗަރު ފަދަ ތަކެތި ބޭނުންވާ ވަރަށް ނެތުން ހިމެނެ އެވެ.

"އެކަމަކު ވަރަށް އަވަހަށް އެކަން ހަމަޖެހޭނެ ކަަމަށް އުންމީދު މި ކުރަނީ،" އޭނާ ވިދާޅުވި އެވެ. "ފަރުނީޗަރު ބޭނުންވާ ވަރަށް ނެތުމުގެ އިތުރަށް، މުވައްޒަފުން މަސައްކަތް ކުރާ ބައިތައް ވެސް އަދި ޕާޓިޝަން ޖަހައި ވަކި ކުރެވިފައެއް ނެތް. އެހެން ހުރި ކަންކަން ހައްލުކޮށް ލެވުނީމަ ދެން ދަތި ކަމެއް ނެތި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ."

އަށް މުވައްޒަފުން މަސައްކަތް ކުރާ އަދި އައްޑޫގައި ދެވަނަ އަށް އެންމެ މަސައްކަތްކޮށް ބޮޑު، ފޭދޫ ކޯޓް މަރަދޫފޭދޫ ކޯޓް އިމާރާތަށް ބަދަލު ކުރީ ފެބްރުއަރީ 12، 2012 ގަ އެވެ.

އެއީ ފެބްރުއަރީ 8، 2012 ގައި ފޭދޫ މެޖިސްޓްރޭޓް ކޯޓް ބޭނުން ނުކުރެވޭ ވަރަށް އަންދާލުމާ ގުޅިގެންނެވެ.

އޭގެ ފަހުން ފޭދޫ ކޯޓްގެ އިތުރުން އަންދާލި މަރަދޫ ކޯޓް ވެސް ހިންގަނީ މަރަދޫފޭދޫ ކޯޓް އިމާރާތުގަ އެވެ. އެހެންވެ އެތަނަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވެ އެވެ.