މަދިރި އާލާވާ ތަންތަން ނައްތާލުމަށް "މަދިރި ހޯހޯ"ގެ ނަމުގައި ކެމްޕޭނެއް އިފްތިތާހު ކޮށްފިއެވެ.
އެޗް.ޕީ.އޭއިން އިސްނަގައިގެން ހުޅުމާލޭގައި މަދިރިއާލާވާ ތަންތަން ނައްތާލުމަށް ކުރިޔަށްގެންދާ ކެމްޕޭން "މަދިރި ހޯހޯ" ކެމްޕޭން އިފްތިތާހު ކޮށްދެއްވީ މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
ހުޅުމާލެ ރުއްގަނޑު އެކެއްގައި ފެށިގެން ދިޔަ މި ކެމްޕޭނަކީ އެޗްޕީއޭގެ ފަރާތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
މި ކެމްޕޭން އިފްތިތާޙް ކޮށް ދެއްކެވި ވާހަކަފުޅުގައި މޭޔަރު މުއިއްޒު ވިދާޅުވީ މާލެ ސިޓީ އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްވެސް ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެން ގުޅިގެން ނޫނީ ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމަކީ ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ ސްކޫލްތަކުން ޚާއްސަ ދުވަހެއްގައި ނުކުމެ ސާފުކޮށްލުމުން އެކަނި ހައްލު ކުރެވޭނެ ކަމެއް ނޫންކަމަށާއި، މިއީ ފަރުދީ ޒިންމާ އަދާކޮށް، އެންމެން އެކުގައި މެނުވީ ހައްލު ނުކުރެވޭނެ ކަމެއް ކަމަށެވެ.
”އަޅުގަނޑުމެން އިސްކަންދޭންވީ ފަރުދީ ޒިންމާއެއްވެސް އޮތްކަން ޤަބޫލު ކޮށްގެން، ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން އަތްފޯރާފަށުގައި ހުރި ތަންތަން އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެން ރައްކާތެރި ކަމާއި ސާފުތާހިރު ކަމުގައި ދެމެހެއްޓުމަށް“
މުއިއްޒު އިތުރަށް ވިދާޅުވީ މި ޕްރޮގްރާމްގެ ނަތީޖާ ހާސިލްވިކަމަށްވާނީ ފަރުދީ ޒިންމާ ނެގުމާއިއެކު ސާފުތާހިރުކަމަށް އިސްކަންދީގެން އެންމެން ގުޅިގެން މަސައްކަތް ކުރުމުންކަމަށެވެ.