(މާޗް 2، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
އިންޑިއަން އެެއާލައިންގެ މި ދަތުރުތައް ހަމަނުޖެހުމުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން އެ ފަރާތްތަކުގެ ލަފާފުޅާ ވެސް އެކީ ވަރަށް އެކަށީގެންވާ ގޮތަކަށް އެއާލައިންތަކުން ދަތުރު ކުރުވާ ފަރާތް ފަރާތާ ގުޅަމުން ދިޔައީ ކަމަށް މުހައްމަދު ސައީދު ބުނުއްވި އެވެ.
މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ގަމާއި މާލެ އާ ދެމެދު މި ދަތުރުތައް ކޮށްދޭ ގޮތަށް އެއްބަސްވި އެވެ. ނަމަވެސް ހަމަ މި ދަނޑިވަޅުގައި އެއާ މޯލްޑިވްސްގެ ފްލައިޓްތައް ގަމަށް ދަތުރު ކުރަން ފަށައިފި އެވެ. އެއާ މޯލްޑިވްސްއަކީ ގައުމީ އެއާލައިނެވެ.
"އެ އެއާލައިނާ އެކު މިގޮތުން ކުރިއަށް ދާން އިތުރަށް އަޅުގަނޑު ވެސް މާ ބޮޑު މަސައްކަތެއް ނުކުރަން. މޯލްޑިވްސް އެއާވޭޒް އިން ލިއުމަކުން ޔަގީންކަން ދެއްވާފައި އޮވޭ ހުޅުލޭ އެއާޕޯޓަށް އަންނަ ޗާޓަރު ފްލައިޓްތަކުން ކަނެކްޝަން ލިބޭ ގޮތަށް އައްޑު އަށް (ގަމަށް) ދަތުރުކޮށް ދެއްވާނެ ކަމަށް. މިއީ ރަސްމީ ލިއުމެއް."
މި ލިއުމުގެ މައްޗަށް ބިނާކޮށް ހޮލިޑޭ ވިލެޖް މާކެޓް ކުރުމުގެ އިތުރު މަސައްކަތްތަކެއް ކުރެވުނެވެ. މިކަމަށް ވަރަށް ބޮޑު ހަރަދެެއް ވެސް ހިނގި އެވެ. އެހާމެ ބުރަ މަސައްކަތް ކުރެވުނެވެ. އެއަށް ފަހު ގަމާއި މާލެ އާ ދެމެދު ވައިގެ ދަތުރު ފެށި ގެސްޓުން ގެނެސް މި ވިޔަފާރި ރަނގަޅަށް ހިނގައިގަތްދާ ދުވަސްކޮޅެއްވީތަނާ އެއާ މޯލްޑިވްސް އިން އެންގެވީ އެއްބަސްވެފައިވާ އުސޫލާ އެއްގޮތަށް ދަތުރުތައްކޮށް ދެވެން ނެތް ވާހަކަ އެވެ.
ސަބަބެއް ކަމަށް އެންގެވީ ބައެއް ފްލައިޓްތައް ހުރުމުން ކަމަށެވެ. ނަމަވެސް ދަތުރު ކުރެވޭ ގޮތަށް ހުރި ފްލައިޓްތަކުން ވެސް ދަތުރުކޮށް ދޭން އެއްބަހެއް ނުވި ކަމަށް މުހައްމަދު ސައީދު ބުނުއްވި އެވެ. މިކަމާ ބެހޭ ގޮތުން އެތައް ފަހަރެއްގެ މަތިން އެއާ މޯލްޑިވްސްގެ އިސް ވެރިންނާ ވާހަކަ ދައްކައިގެން ވެސް އަލިމަގެއް ނުފެނުނެވެ.
"މި ހިސާބަށް ކަންތައް ދިޔަ އިރު ހޮޓަލުގައި ތިބި 70 ވަރަކަށް ގެސްޓުން. އެއް ދުވަހަކު މެންދުރު 12 ޖަހާއެހާކަށްހާ އިރު މި އަންގަނީ ހަމަ އެ ދުވަހު އެންމެން ނުފުރުވައިފި ނަމަ، އޭރު ތިބި ގެސްޓުން މާލެ ގެންގޮސް ނުދެވޭނެ ކަމަށް. މި އެންގެވުމާ ގުޅިގެން ތަނުގައި ތިބިހާ ގެސްޓުން އެ ދުވަހު މެންދުރު ފަހު ފުރުވާލަން ޖެހުނީ. މިހެން ދިމާވި އިރު ބައެއް މީހުން (ތިބީ) ހޮލިޑޭގެ މުއްދަތު ފާއިތުވެފައި." މުހައްމަދު ސައީދު ބުނުއްވި އެވެ.
އެއާ މޯލްޑިވްސް އިން ކުއްލިއަކަށް މި ގޮތަށް ނިންމި އިރު ޗުއްޓީ އަށް ގޮސް ތިބި ބައެއް ފަތުރުވެރިން ފުރަން ހަމަޖައްސާފައި އޮތް މުއްދަތު ވެސް ނުޖެހެ އެވެ.
"އެކަމަކު އަތިރި މައްޗާއި މޫދާއި އެކި ތަންތާނގައި ވެސް ގެސްޓުން އުޅެނިކޮށް ގެނެސް ގަދަކަމުންނާ އެކު ފުރުވަން ޖެހުނު. އޭގެ ސަބަބުން އެ މީހުން ހޮޓަލުގައި ތިބުމުގެ އަގު ވެސް ނުލިބުނު. ޓިކެޓްގެ އަގު ވެސް ނުދޭ. އަދި އޭގެ އިތުރަށް އެގައުމުތަކުގެ ކޯޓްތަކަށް މައްސަލަ ހުށަހަޅައި ޝަރީއަތުން އެ މީހުންނަށް ދޭން ޖެހުނު ބަދަލުގެ އަގު ދޭން ޖެހުނު. މި ސްޓޭޖްގައި ގެސްޓުންނާ މެދު އެހާ އިހާނެތިކޮށް ކަން ކުރެވުމުގެ ސަބަބުން މާކެޓްގައި މި ކުންފުނީގެ އަގު ވެއްޓުނު. އެ މީހުންގެ ދަތުރުތަކުގެ (ގަމުން މާލެ އަށް) ޓިކެޓަށް ދައްކަން ޖެހޭ ފައިސާ އެތައް ފަހަރަކު އިންކާރުކޮށްފައި ވެސް އެއާ މޯލްޑިވްސް އަށް ދައްކަން ޖެހުނު. މި ހިސާބަށް ދިޔަ އިރު ގާތްގަނޑަކަށް 18 ވަރަކަށް ލައްކަ ރުފިޔާ އަޅުގަނޑުގެ އަތުން މިކަމަށް ހަރަދުވެފައިވޭ. މި ހުރިހާ ހިސާބުތަކެއް ވެސް ވާނީ ކަމާ ބެހޭ (ސަރުކާރުގެ) ހުރިހާ ފަރާތްތަކަަށް ފޮނުވިފައި."
މި ހިސާބަށް ކަންތައް ދިޔައީމާ މިކަމަށް އެޅޭ ހުރަސްތަކެއް އެބަހުރި ކަމަށް މުހައްމަދު ސައީދު ވެސް ޔަގީންވެލެއްވި ކަމަށް ބުނުއްވި އެވެ.
މި ވިޔަފާރިއަށް ކިތަންމެ ބޮޑު ހަރަދެއް ކުރެވިފައިވީ ނަމަވެސް, ކަން މި ވީ ގޮތުން އަލުން އިތުރަށް ހަރަދުކޮށްގެން ނޫނީ ކުރިއަށް ދެވޭކަށް ނެތެވެ. ވީމާ އިތުރު ފައިސާ ހޭދަކޮށްގެން އަނެއްކާވެސް ކުރިއަށް ދިއުމަށް ގަސްތު ކުރީ އެވެ. (ނުނިމޭ)
ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.
"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސްކުރަމެވެ.