އެމްޑީޕީގެ ޓިކެޓްގައި ފޭދޫ ދާއިރާގެ މަޖިލިސް ގޮނޑި އަށް ވާދަ ކުރުމަށް އެ ޕާޓީގެ ޓިކެޓް ހޯދަން ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެވަޑައިގަތުމުން، އަމިއްލަ ގޮތުން މިހާރު އިންތިހާބަށް ވާދަ ކުރައްވާ އިރު ވެސް އަލްހާން ފަހުމީގެ ކެމްޕޭނުގައި އެމްޑީޕީގެ ލޯގޯ ބޭނުން ކުރާ ކަމަށް ބުނެ އެ ޕާޓީގެ ބައެއް އާންމު މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ކާމިޔާބް ކުރި މުހައްމަދު ނިހާދުގެ ފޭދޫ ކެމްޕޭން ޖަގަހާގައ، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ބޭއްވި ބައްދަލުވުމެއްގައި ބައެއް މެމްބަރުން ވަނީ އެ މައްސަލާގައި ދެން ހަދަންވީ ގޮތަކާ ބެހޭ ގޮތުން ނަޝީދާ ތަކުރާރުކޮށް ސުވާލުކޮށްފަ އެވެ.
މެމްބަރުން ބުނީ އަލްހާން ގޭގެ އަށް ފޮނުވާ ސިޓީތަކާއި އެ ނޫން ވެސް ކެމްޕޭން މެޓީރިއަލްތަކުގައި އެމްޑީޕީގެ ލޯގޯ ބޭނުން ކުރާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެވޭނެ ކަމަށް ގަބޫލް ނުކުރާ ކަމަށް އެ މީހުން ބުންޏެވެ.
ނަޝީދު ވިދާޅުވީ "އަލްހާން އެމްޑީޕީގެ ލޯގޯ ބޭނުން ކުރައްވާ ކަމަށް ވަންޏާ އެއީ ގޯހެއް" ކަމަށާއި "އެެހެން ހައްދަވައިގެން ނުވާނެ" ކަމަށެވެ.
އެ މަނިކުފާން އިތުރަށް ވިދާޅުވީ ޕްރައިމަރީގައި ވާދަކޮށް، ޓިކެޓް ލިބިވަޑައިނުގަތީމާ، އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަކީ ވެސް ގަބޫލް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
"އެއީ ޕާޓީގެ ކެންޑިޑޭޓުންނެއް ނޫން. ޕާޓީގެ ކެންޑިޑޭޓުންނަކީ މެމްބަރުން ވޯޓް ލައިގެން ހޮވައި އަޣުލަބިއްޔަތު ލިބޭ ކެންޑިޑޭޓުން. މިހާރު އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ނިހާދު. އެހެންވީމާ އެ ކެންޑިޑޭޓާ އެކީ ބާރަށް ކުރިއަށް ދިއުން އަޅުގަނޑަށް އަބަދު ވެސް އިލްތިމާސް ކުރެވޭނީ،" ޕްރައިމަރީގައި އަލްހާނާ ވާދަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވި ނިހާދަށް ތާއީދު ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ. "ދެން އަޅުގަނޑުމެންނަށް ޝަރީއަތަށް ދިއުމާ އެކަހަލަ ކަންތައްތަކެއް ކުރެވިދާނެ. އެކަމަކު އަޅުގަނޑު ބޮޑަށް އެދެނީ ރައްޔިތުންނާ ގާތަށް ގޮސް މި ވާހަކަ ދެއްކޭތޯ ބެލުންހެން ބޮޑަށް ރަނގަޅީ މި ދަނޑިވަޅުގައި. އިންތިހާބަށް ދެން މާ ގިނަ ވަގުތެއް ވެސް ނެތް. އެކަމަކު އަޅުގަނޑުމެން އެކަންތައް ހަމައަކަށް ގެންނަން ޖެހޭނެ."
ނަޝިދު އަދި ވިދާޅުވީ އެ މައްސަލާގައި އިތުރަށް ދެން ކުރެވިދާނެ އެއް ގޮތަކީ، އެމްޑީޕީގެ ކެންޑިޑޭޓްގެ ފަރާތުންނާއި ދާއިރާގެ ފަރާތުން ހުރިހާ ގެއަކަށް ސިޓީ ފޮނުވައިގެންނާއި ގޭގެ އަށް ގޮސްގެން، އެ ޕާޓީގެ ކެންޑިޑޭޓަކީ ނިހާދުކަން ރައްޔިތުންނަށް ސާފުކޮށް ދިނުން ކަމަށެވެ.
"ދެން އަލްހާންގެ މައްސަލާގައި އަޅުގަނޑުމެން އަޅާ ފިޔަވަޅަކީ ބުނާނީ އެއީ ޕާޓީގެ މެމްބަރެއް ނޫނޭ. އެހެން ނޫންތޯ؟ އެއީ އަޅުގަނޑުމެންނަށް އެޅޭނެ ފިޔަވަޅަކީ. ދެން އަޅުގަނޑަކަށް ހިއެއް ނުވޭ އޭގެން [އަލްހާން އެމްޑީޕީގެ ލޯގޯ ބޭނުން ކުރެއްވުމަކުން] ނަތީޖާއެއް ނިކުންނާހެންނެއް،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކިފާނު ވިދާޅުވީ ފޭދޫގެ އެމްޑީޕީ ކެންޑިޑޭޓަކީ ނިހާދު ކަމަށާއި އެކަމެއް ބަދަލެއް ނުކުރެވޭނެ ކަމަށެވެ. އަދި މި މައްސަލާގައި އަލްހާން ކޯޓަށް ވަޑައިގެން އުޅުއްވިޔަސް، މިއީ ކޯޓުން ގޮތެއް ނިންމޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.