ރާއްޖޭގެ އެންމެ ޒަމާންވީ ގަބުރުސްތާން ކަމަށް އައްޑޫ މީދޫ ކޯގަންގު ގަބުރުސްތާނުގައި ވަކި ތަރުހީބެއް ނެތި މީހުން ވަޅުލުމުގެ ކަންކަން މިހާރު ކުރާތީ އެތަނަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން މީހުން ވަޅުލަން ހާއްސަ ދިމާއެއް ކަނޑަޅައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އައްޑޫ މޭޔަރު އަލީ ނިޒާރު ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ބުނީ މީގެ ފަހުން ދެން ކޯގަންގު ގަބުރުސްތާނުގައި މީހުން ވަޅުލާނީ އަލަށް ކަނޑައެޅި ސަރައްދުގައި ކަމަށެވެ. ތިރީގައި އިން ފޮޓޯގައި އޮރެންޖް ކުލައިން ފާހަގަކޮށްފައި ވަނި އެ ސަރަހައްދެވެ.
ކައުންސިލުން ބުނި ގޮތުގައި ވަކި ތަރުހީބެއް ތިބެ ނެތި އެ ގަދީމީ ގަބުރުސްތާނުގައި މީހުން ވަޅުލުމުގެ ކަންކަން ކުރާތީ އެތަނުގައި ހުރި ޒަމާންވީ ކީލަތަކާއި ހިރިގާތައް ހަލާކުވުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން މަހާނާތަކުގެ ތެރެއަށް ގިނަ މީހުން ވަނުމުގެ ސަބަބުން ވެސް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ބުންޏެވެ.
ކޯގަންނު ގަބުރުސްތާނަކީ ރާއްޖޭގެ އެންމެ ދުވަސްވީ ގަދީމީ ގަބުރުސްތާނަށްވުމާ އެކީ އެތަނަކީ ހިމާޔަތް ވެސް ކޮށްފައިވާ ތަނެކެވެ. އަދި އެ ތަނަކީ ވޯލްޑް މޮނިއުމަންޓް ފަންޑްގެ ވޮޗްލިސްޓް ވެސް މި އަހަރު ހިމަނާފައިވާ ތަނެކެވެ. މީގެ އިތުރުން އެ ތަނުގައި ހިރިގަލުން ހަދާފައި ހުރި ފަނޑިޔާރު މިސްކިތަކީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ރާއްޖޭން ހިމެނުމަށް ހުޝައަޅާފައިވާ މިސްކިތްތަކުގެ ތެރޭގައި ވެސް ހިމެނޭ މިސްކިތެކެވެ.
Koagannu Mosques and Cemetery in Maldives is on the 2022 #WorldMonumentsWatch ! A historic waterfront cemetery with distinct coral-stone architecture is threatened by rapidly rising seas and highlights the urgency for adaptive preservation solutions.https://t.co/1S8ZxojIZA pic.twitter.com/eiRb4Gzouj
— World Monuments Fund (@WorldMonuments) March 1, 2022
ނުވަސަތޭކައެއްހާ ދިގު މާޒީއެއް އޮތް ކޯގަންނު ޤަބުރުސްތާނަކީ އިހުޒަމާނުގެ މަހާނަގާތައް އެއްތާކުން އެންމެ ގިނައިން ފެންނަން ހުރި ޤަބުރުސްތާނެވެ. އެތަނުގައި 1،500 އަށް ވުރެ ގިނަ މަހާނަގާ ހުރި އިރު، އޭގެ ތެރޭގައި ހާފިޒުންނާއި ކުރީގެ ދަންނަބޭކަލުންގެ މަހާނަ ގާތައް ވެސް ހިމެނެ އެވެ.