ފެބްރުއަރީ މަހުގެ ކަރަންޓް ބިލް ލިބުނު މީގެ ކުރިއާ ހިލާފަށް ކަރަންޓް ބިލް ބޮޑުވެފައިވާ ކަމަށް ބުނެ ބައެއް އާންމުން ކަންބޮޑުުވުން ފާޅު ކުރަން ފަށައިފި އެވެ.
"އައްޑޫ ލައިވް" އާ މިއަދު ވާހަކަ ދެއްކި މީހަކު ބުނީ އޭނާގެ ގޭގައި މީގެ ކުރިއެކޭ އެއްގޮތަށް ފެބްރުއަރީ މަހުގައި ވެސް ކަރަންޓް ބޭނުން ކުރީ ހަމަ އެއްވަރަަކަ ކަމަށެވެ.
"އަނެއްކާ ކަރަންޓުން ބޭނުން ކުރާ އެއްޗެއް ގެއަށް އިތުރުވީކީ ވެސް ނޫން. ހަމަ އެހެންޏާ ވެސް ބޭނުން ކުރާ ވަރަށް ކަރަންޓް ފެބްރުއަރީ މަހު ވެސް ބޭނުން ކުރީ،" އެ މީހާ ބުންޏެވެ. "އެކަމަކު އާދަޔާހިލާފަށް މި ފަހަރު ކަރަންޓް ބިލް ބޮޑު. ނޭނގޭ އެއްގޮތަކަށް ވެސް ވެގެން މި އުޅޭ ގޮތެއް."
މިކަމާ ކަންބޮޑުވުން ފާޅު ކުރި އެހެން މީހަކު ވެސް ބުނީ އާންމުކޮށް އެ ގޭ ކަރަންޓް ބިލަށް އަރާ ވަރަށް ވުރެ، 200ރ. މި ފަހަރު އިތުރު ކަމަށެވެ.
"އެކަމަކު އެހެން މަސްމަހެކޭ އެއްްވަރަަކަށް ބޭނުން ކުރެވިފައި ހުންނާނީ. އަނެއްކާ ފެބްރުއަރީ މަހުގެ އެތައް ދުވަހަކު ކަރަންޓް ކަނޑާފައި ވެސް އެބަ ހުރި އިންޖީނު ގެއިން އެތައް ގަޑިއިރެއް ވަންދެެން. އެހެންވީމާ ކަރަންޓް ބިލް ކުޑަ ނޫންތޯ ވާން ޖެހޭނީ. އެެކަމަކު އޭގެ ބަދަލުގައި ބިލް ބޮޑު މި ވީ،" އޭނާ ބުންޏެވެ.
ބައެއް މީހުން ބުނި ގޮތުގައި ކަރަންޓް ބިލް ބޮޑުވާން ޖެހުނު ސަބަބެއް ފެނަކައިން ސާފުކޮށް ދޭން ޖެހެ އެވެ. އަދި ކަރަންޓުގެ އަގަށް އެއްވެސް ބަދަލެއް އައިސްފައިވާ ނަމަ އެކަން ފެނަކަ އިން ސާފުކޮށް ދޭން ޖެހޭނެ ކަމަށް ބައެއް މީހުން ބުންޏެވެ.
"އަނެއްކާ އަޅުގަނޑުމެންނަށް ބައެއް ފަހަރު ތަޖުރިބާ ކުރެވިފައި އެބަ ހުރި ރީޑިން ނެގުމުގައި މިސްޓޭކެއް ހެދިގެން ވެސް ބިލް ބޮޑުވެގެން ވެސް ގޮސްފައި،" މީހަކު ބުންޏެވެ.
މިކަމާ ބެހޭ ގޮތުން އައްޑޫ ފެނަކަ ޔުނިޓްގެ އިސްވެރިޔާ އަބްހަރީ ޒުހައިރު މިއަދު ވިދާޅުވީ ކަރަންޓްގެ އަގަށް އެއްވެސް ބަދަލެއް އައިސްފައި ނެތް ކަމަށެވެ. އަދި ރީޑިން ނެގުމުއި މިސްޓޭކްސް ހެދިގެން ވެސް އެއްްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިލް ހަދާނީ ކޮންމެ ތަނެއްގައި ވެސް ހުންނަ މީޓަރުން ރީޑިން ނަގާފައި. އޭގައި މައްސަލައެއް އުޅެގެން މިހާތަނަށް ނެތް ޝަކުވާއެއް އައިސްފައެއް. އަނެއްކާ ކަރަންޓުގެ އަގަށް ވެސް އެއްވެސް ބަދަލެއް ގެނެސްފައެއް ނެތް،" ޒުހޭރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކަރަންޓް ބިލް ފެބްރުއަރީ މަހު މާ ބޮޑަށް ބޮޑުވެގެން އުޅޭ ކަމަށް އާންމުންނަށް އިހުސާސް ކުރެވެނީ، ފާއިތުވި ދުވަސްތަކަކީ ވަރަށް ބޮޑަށް ހޫނު ދުވަސްވަރަކަށްވެފައި، އާންމުކޮށް ކަރަންޓް ބޭނުން ކުރާ ވަރަށް ވުރެ އިތުރަށް ބޭނުން ނުކުރެވޭ ކަމަށް އިހުސާސް ކުރެވޭތީ ކަމަށް ވެދާނެ ކަމަށެވެ.
"އަދި އެހެން ނޫނަސް އާންމުކޮށް އިރުވައި މޫސުމަކީ ހުރިހާ ތަނެއްގެ ކަރަންޓް ބިލް ބޮޑުވާ ދުވަސްވަރެއް،" ޒުހޭރު ވިދާޅުވި އެވެ.