ރައްޔިތުން ތަރައްގީއަށްޓަކައި ބޭނުން ވަނީ ފެނާއި ނަރުދަމާގެ ނިޒާމާއި ބޯހިޔާވަހިކަމާއި ބޭސްފަރުވާގެ އިތުރުން ދަތުރުފަތުރުގެ ނިޒާމް ކަމަށްވާއިރު މިއީ ބޮޑެތި ޖޮންޖެހުންތަކެއް ހުރި މަސައްކަތްތަކެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާދީއްތަ ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާ އަށް ކުރިމަތި ލައްވާފައިވާ އަދި މިހާރު ވެސް އެ ދާއިރާގެ ގޮޑި ފުރުއްވަމުން ގެންދަވާ އިލްޔާސް ލަބީބުގެ ކެމްޕޭން ރަސްމީކޮށް ހުޅުދޫގައި ފެށުމުގެ ގޮތުން ހުޅުދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ބައްދަލުވުމުގައި ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ކުރެވޭނީ ކައުންސިލްތައް ބާރުވެރިކޮށް ކައުންސިލްތަކަށް ރަށްރަށުގެ ގުދުރަތީ ވަސީލަތްތައް މިލްކުކޮށް ދީގެން ކަމަށެވެ.
އިލްޔާސް ލަބީބުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރުމަށް ކުރީގެ އެސްޓީއޯ ފިހާރަ ކުރިމަތީ ބޮޑު މަގުގައި ކުލަގަދަ ރަސްމިއްޔާތަކާ އެކު ބޭއްވުނު މި ބައްދަލުވުމުގައި ހުޅުދޫ އާއި މީދޫގައި ތިބި އެމްޑީޕީ އަށް ސަޕޯޓް ކުރާ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެ އެވެ.