Last Updated: November 24, 20:29
Sunday, November 24, 2024
ޚަބަރު

ސެކިއުރިޓީ އޮފިސަރުންގެ ކޯސް ފަށައިފި

މަދަނީ އެކިއެކި ދާއިރާތަކުގައި ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ނުވަތަ ސެކިއުރިޓީ ގާޑުންގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ސެކިއުރިޓީ ގާޑުން ތަމްރީނުކުރުމަށް ހިންގާ "ސެކިއުރިޓީ އޮފިސާސް ޓްރޭނިން ކޯސް ސެޓްފިކެޓް ލެވަލް 1" ގެ ފުރަތަމަ ކޯސް މިއަދު އައްޑޫގައި ފަށައިފިއެވެ.

މި ކޯސް ފެށުމުގެ ގޮތުން މިއަދު ހެނދުނު އެމްއެންޑީއެފް ސަދަން އޭރިއާ ހެޑްކުއޯޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުމީދޫ ބްރާންޗްގެ މެނޭޖަރު އަބްދުﷲ ސޯލިހެވެ.

ސެކިއުރިޓީ އޮފިސަސް ޓްރޭނިންގ ކޯހުގެ މަޤްސަދަކީ، ފަތުރުވެރިކަމާއި އެ ނޫން ވެސް އެހެނިހެން ސިނާޢަތްތަކާއި މަދަނީ އެކިއެކި ދާއިރާތަކުގެ ތަންތަނާއި މީހުންގެ ސަލާމަތްތެރިކަން ބަލަހައްޓާ ފަރާތްތަކަށް ބޭނުންވާ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމެވެ.

ތިން ހަފުތާގެ މުއްދަތަށް އެމްއެންޑީއެފް ސަދަން އޭރިއާ ހެޑްކްއޯޓަރުގައި ކުރިއަށް ގެންދާ މިކޯހުގައި ބައިވެރިވެފައި ވަނީ ފުވައްމުލަކުން 17 ބައިވެރިއަކާއި އައްޑޫން ހަ ބައިވެރިއެކެވެ.

JHJN (2)

އެމްއެންޑީއެފްގެ ޑިފެންސް އިންސްޓިޓިއުޓް ފޯރ ޓްރޭނިން އެންޑް އެޑިއުކޭޝަން (ޑައިޓް) އިން ކުރިއަށް ގެންދާ މި ކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ފަޔަ ސޭފްޓީ އެންޑް މެނޭޖްމަންޓް، ޑިފެންސް އެންޑް ރެސްޓްރެއިންޓްސް ޓެކްނީކްސް، ފަސްޓް އެއިޑް، ސެކިއުރިޓީ އިކުއިޕްމެންޓްސް، ފިޒިކަލް ޓްރޭނިން އެންޑް ވޯޓަމަންޝިޕް، ކޮމިއުނިކޭޝަން، ސެކިއުރިޓީ ޓެކްނީކްސް އެންޑް ޕްރޮސީޖަސް، އަދި ކޯޕަރޭޓް އެންވަޔަރަމަންޓް އާއި ކަސްޓަމަ ރިލޭޝަންސްގެ ބައިތަށް ހިމެނެ އެވެ.

މި ކޯސް ފުރިހަމަ ކުރާ ބައިވެރިންނަކީ ޒިންމާދާރު ރައްޔިތެއްގެ ކިބައިގައި ހުންނަން ޖެހޭ އަޚްލާޤީ ސިފަތައް ހުރި، ޤާނޫނުތަކާއި ޤަވާއިދުތަކަށް ކިޔަމަންވާ، އެހެން މީހުންނަށް އިޙްތިރާމް ކުރުމުގެ މަތިވެރި ސިފަ އަށަގަންނުވައި، ހަށިހެޔޮ ބަޔަކަށް ހެދުމަކީ މިކޯހުގެ ލަނޑުދަނޑިއެކެވެ.

އަދި ސެކިއުރިޓީ ބެލެހެއްޓުމުގެ ދާއިރާގައި ކުރިމަތިވާ އެކިއެކި ޙާދިސާތަކާއި ނުރައްކާތަކުގައި ހުނަރުވެރިކަމާއި ހުށިޔާރުކަމާ އެކު ކެރިގެން ކުރިމަތިލުމުގެ ޤާބިލްކަން އަށަގެންނެވުމާއި، ސެކިއުރިޓީ ބެލެހެއްޓުމުގެ ދާއިރާގައި މަދަނީން ޙަރަކާތްތެރިވާ އިރު އެނގެން ޖެހޭ ޤާނޫނާއި ޤަވާއިދުތަކަށް ހޭލުންތެރި ކުރުވުމާއި، ފަތުރުވެރިކަމާއި އެނޫންވެސް އެފަދަ ދާއިރާތަކުގެ ކޯޕަރޭޓް މާހައުލުގެ ސިފަތަކާއި އާދަތަކަށް ހޭލުންތެރި ކުރުވައި، އެފަދަ ދާއިރާތަކުގައި މުޢާމަލާތް ކުރަން ދަސްކޮށް ދިނުން މި ކޯހުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

އަދި ސެކިއުރިޓީ ބެލެހެއްޓުމުގެ ދާއިރާގައި ބޭނުން ކުރާ ބައެއް އަސާސީ އާލާތްތަކަށް ހޭލުންތެރި ކުރުވުމާއި ސެކިއުރިޓީ ބެލެހެއްޓުމުގެ ދާއިރާއިން ވާދަވެރި މާހައުލެއްގައި ވާދަކޮށް ކުރިއަށް ދިއުމުގެ ފުރުޞަތު ބައިވެރިންނަށް ފަހިކޮށް ދިނުމަކީ ވެސް މިކޯހުން ބައިވެރިންނަށް ޙާޞިލްކޮށް ދޭނެ ލަނޑުދަނޑިއެކެވެ.

ސެކިއުރިޓީ އޮފިސަސް ޓްރޭނިން ކޯހަކީ ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރަށް ތަނަވަސްކޮށް ދިނުމުގެ ގޮތުން ކުރިއަށްގެންދާ ކޯހެކެވެ.

މި ކޯހުން ދަސްވެނިވޭ ބައިވެރިން ވެގެންދާނީ މަދަނީ އެކިއެކި ދާއިރާތަކުގައި ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ނުވަތަ ސެކިއުރިޓީ ގާޑުންގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ޢިލްމާއި ޙިލްމު ލިބިފައިވާ، އަދި އެދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބެންޖެހޭ ހުނަރުތައް ލިބިފައިވާ ބަޔަކަށެވެ.

JHJN (1)

ސެކިއުރިޓީ އޮފިސަރސް ޓްރޭނިންގ ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރޭނިން އެންޑް އެޑިއުކޭޝަން (ޑައިޓް) ގެ ކޮމާންޑިންގ އޮފިސަރު މޭޖަ އަޙްމަދު ޝަރީފާއި އާއި ސަދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރު ކެޕްޓަން މުޙަންމަދު ޝުޖާޢު އާއި ގަން އިންޓަނޭޝަލް އެއަރޕޯޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އޮޕަރޭޝަން އޮފިސަރު މުޙައްމަދު ދީދީ އާއި ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް އަޙުމަދު މިހާދު އާއި ފޭދޫ ސްކޫލްގެ ޕްރިންސިޕަލް އަލީ މުސްތޮފާ އާއި ސަދަން އޭރިއާގެ އޮފިސަރުންނާއި އެހެނިހެން ސިފައިން ބައިވެރިވެ ވަޑައިގެންނެވި އެވެ.