ވޭޕްކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި އޭގެ ސަބަބުން ފުއްޕާމޭ ފަޅައިގެން ހިނގައިދާނެ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭހެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅު ދުވަހާ ގުޅުވައިގެން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު ކުރެއްވި ޓްވީޓެއްގައި ވަނީ ވޭޕްކުރާ މީހެއްގެ ފުއްޕާމޭ ފަޅައިގެން ގޮސް އެޅިފައި ހުރި ލޭ ފެންނަ ވީޑިއޯކޮޅެއް ވެސް ހިއްސާކުރައްވައިފަ އެވެ.
އެހެންވެ މިކަމުގެ ނުރައްކާތެރިކަން ފާހަގަކޮށް ޑރ. މުހައްމަދު އަލީ ވިދާޅުވީ ވޭޕްކުރުމަކީ އެއްގޮތަކަށް ވެސް "ކޫލް ކަމެއް ނޫން" ކަމަށެވެ.
މިއީ ވޭޕްކުރާ މީހެއްގެ ފުއްޕާމޭގެ ވަށައިގެން އިންނަ ދުލިފަށް ދޭތެރެއަށް ފުއްޕާމޭ ފަޅައިގެން ގޮސް އެޅިފައި ހުރި ލޭ.
ވޭޕުން ފުއްޕާމޭ ފަޅައިގެންދޭ!!
އެއީ ކޫލްއެއްޗެއްނޫން.#WorldNoTobaccoDay pic.twitter.com/td0qmlCh1G
— Dr. Mohamed Ali (@Moxamedalu) May 31, 2022
ފަހަކަށް އައިސް ވޭޕްކުރުމަކީ ދިވެހި ޒުވާނުންގެ މެދުގައި ވަރަށް އާންމުކަމެކެވެ. އަދި ވޭޕްކުރަން ބޭނުންކުރާ އެއްޗެހީގެ ވިޔަފާރި އަކީ ވެސް ރާއްޖޭގައި ފުޅާކޮށް ހިނގަމުންދާ ވިޔަފާރީއެކެވެ. ވޭޕްކުރުން ފަހަކަށް އައިސް އިތުރުވެފައި ވަނީ ސިނގިރެޓްގެ އަގު މިހާރު ބޮޑުވުމާ ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އަދި ވޭޕް އާންމުކޮށް ޕްރޮމޯޓް ވެސް ކުރަނީ ސިނގިރެޓަށް ވުރެ ރައްކާތެރި އެއްޗެއްގެ ގޮތުގަ އެވެ.