Last Updated: November 25, 14:49
Monday, November 25, 2024
ޚަބަރު

ދުންފަތުން ސިއްހަތަށާއި ވެއްޓަށް ގެއްލުންވޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ދުންފަތުގެ އިސްތިއުމާލު ކުރުމުން ސިއްހަތަށާއި ތިމާވެއްޓަށް ގެއްލުން ފޯރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބެއްގައެވެ.

ރައިސް ސޯލިހް ހިތާބުގައި ވިދާޅުވެފައިވަނީ، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މި އަހަރު ހިންގާ ހަރަކާތްތައް ދުނިޔޭގެ ފެންވަރުގައި ކުރިއަށް ގެންދަނީ، އިންސާނީ ދަރިފަސްކޮޅު މި ބިންމަތީގައި ދެމިއޮތުމަށް ނުރައްކާކުރާ ތިމާވެށީގެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިގެން ކަމަށެވެ.

ދުންފަތަކީ އޭގެ ބޭނުންކުރުމުން ޞިއްޙީ އެތައް މައްސަލަތަކެއް ކުރިމަތިވެ، އިންސާނާގެ ފުރާނައަށް ސީދާ ގޮތުން ނުރައްކާތައް ކުރިމަތިކުރުވާ އެއްޗެއް ކަމަށާއި، ހަމައެއާ އެކު ދުންފަތުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ ސިނާއީ މަރުޙަލާތަކުގައި، ތިމާވެއްޓަށް ލިބޭ ބޮޑެތި ގެއްލުންތަކަކީ ނުސީދާ ގޮތުން އިންސާނާގެ ފުރާނައަށް އެތައް ނުރައްކާތަކެއް ކުރިމަތިކުރުވާ ކަންތައްތަކެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ހިސާބުތައް ދައްކާ ގޮތުން، ސިނގިރޭޓް އުފެއްދުމަށްޓަކައި ކޮންމެ އަހަރަކު އެވްރެޖް ގޮތެއްގައި 600 މިލިއަން ގަސް ކަނޑައިލެވެއެވެ. ސިނގިރޭޓް އުފައްދާ ކާރުޚާނާތައް ހިންގުމުގެ ތެރޭގައި، ކޮންމެ އަހަރަކު 84 މިލިއަން ޓަނުގެ ކާބަންޑައި އޮކްސައިޑް ޖައްވުގެ ތެރެއަށް ދޫކުރެއެވެ. ހަމައެއާއެކު، ސިނގިރޭޓް އުފެއްދުމުގެ މަސައްކަތަށް އަހަރަކު އެވްރެޖް ގޮތެއްގައި، 22 ބިލިއަން ޓަނުގެ ފެން ބޭނުންކުރަންޖެހެއެވެ. ދުންފަތް ގަސް ހެއްދުމަށް އަހަރަކު، 3.5 މިލިއަން ހެކްޓަރުގެ ބިމުން ގަސްތައް ކަނޑައި ހަނަފަސްކުރެއެވެ. ސިނގިރޭޓް ބުއިމަށް ފަހު ބާކީވާ ފިލްޓަރުގެ 4.5 ޓްރިލިއަން އެތިކޮޅު، ރައްކާތެރި ގޮތުގައި ނައްތާނުލައި އެކި ތަންތަނަށް އުކައިލުމުން، އެވްރެޖްކޮށް އަހަރަކު 766 ޓަނުގެ ވިހަ ކުނި އުފެދެއެވެ. އޭގެ ސަބަބުން އެތައް ބައިވަރު ވިހަ ކެމިކަލްތައް، މި ބިމުގެ ވަޔާއި ފެނާއި ބިންގަނޑާ އެކުވެގެންދެއެވެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމުން ގެއްލުން ލިބެނީ އެތަކެތި ބޭނުންކުރާ މީހާއަށް އެކަނި ނޫންކަމަށެވެ. އަދި ވިދާޅުވީ ތިމާގެ އަމިއްލަ ސިއްހަތަށާއި އަނެކުންގެ ސިއްހަތަށް، އެނގި ހުރެ ގެއްލުން ދިނުމަކީ އެއްވެސް ހަމައަކުން ބަލާއިރު، އެކަކުވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.