Last Updated: November 24, 23:51
Sunday, November 24, 2024
ވިޔަފާރި

އިޓަލީގެ ރަހަތައް ހިތަދޫން

ހިތަދޫ ބޮޑުމަގުގައި ހުންނަ "މާސްޓާ ވީޑިއޯ" ކައިރީ ބޭރު ބަޔަކު ތަނެއް ހަދަމުންދާ ކަމުގެ އަޑުވަނީ އިވިފައެވެ. ނަމަވެސް އެއީ ކޮންބައެއް ކަމާއި އެމީހުން ހަދަން އުޅެނީ ކޯއްޗެއްކަން އެނގުނީ އިއްޔެ ހުޅުވި "ޕޮމޮދޯރޯ" ރެސްޓޯރެންޓްއަށް ވަދެ ހަބަރު ބެލުމުންނެވެ.

ރެސްޓޯރެންޓްގެ ތެރެއަށް ވަނުމާއި އެކު މަރުހަބަކީ ޔޫރަޕްގެ އަންހެނެކެވެ. އަހަރެމެން ފެނުމާއި އެކު މަރުހަބާ ކިއުމަށްފަހު ބޭނުންވަނީ ކޯއްޗެއްތޯ ސުވާލުކުރިއެވެ. އޭނާގެ ހަރަކާތްތައް އަވަސްވެފައި، މީހާގެ މޫނުމަތިން އަބަދުވެސް ފެންނަނީ ހިނިތުންވުމެވެ. ހިތް ހެޔޮކަމާއި އެކު އަބަދުމެ ހުންނަނީ ހެވިފައެވެ.

އެތަނުގައި ބަހައްޓާފައި ހުރި ރެކްގެ ތެރޭގައި ތަފާތު ބާވަތްތަކުގެ ޕިއްޒާ އާއި ލަޒާނިއާގެ ޑިސްޕްލޭއަށް އަރުވާލާފައި ހުއްޓެވެ. މުޅިންވެސް އައްޑޫން ނުފެންނަ ތަފާތު ކާނާއެވެ.

ޕިއްޒާއަކަށް އޯޑަރު ދިނުމަށްފަހު، އިށީނުމާއި އެކު ދެން ބޭނުމީ ކޯއްޗެއްތޯ ސުވާލުކުރުމަށް އަންހެން މީހާ އައުމުން އޭނާގެ ނަމާއި ތަނާއި ގުޅޭ މައުލޫމާތައް އެދި އަހަރެމެން ތައާރަފްވުމުން ބޮޑު "ހިގަނޑެއް" ޖަހާލާ ގޮޑިއެއް ގެނެސް އިށީދެއްޖެއެވެ.

މިހާ ހިސާބުން އަސްލު ޕޮމޮދޯރޯގެ ވާހަކައަށް ދަމާ ހިނގާށެވެ.

h3

"އަޅުގަނޑުގެ ނަމަކީ، ލައުރާ އަޅުގަނޑަކީ އިޓަލީމީހެއް، އަޅުގަނޑުގެ ފިރިމީހާ މެކްސް ރާއްޖެގައި އުޅޭތާ 8 އަހަރުވެދާނެ. އޭނަ އާއި ދުރުގައި ނުހުންނަން ރާއްޖެއައީ. މީވަރަށް ރީތި ތަނެއް" ހެމުން ހެމުން ލައުރާ ފެށިއެވެ.

ލައުރާ ބުނީ އޭނާ ރާއްޖެ އައިސް ފިރިމީހާއާއި އެކު ވަގުތު ހޭދަކުރަން ބޭނުންވާއިރު ކޮންމެވެސް މަސައްކަތެއް ކުރަން ބޭނުންވި ކަމަށެވެ. އެހެންވެ ރެސްޓޯރެންޓެއް ހެދުމުގެ ވިސްނުމުގައި ލ އަތޮޅާއި އައްޑޫ ބެލުމަށްފަހު އެންމެ ހިތްހަމަޖެހުނީ އައްޑުގައި ތަނެއް ހަދާށެވެ.

އިޓަލީގައި ޑޮކްޓަރެއްގެ ގޮތުގަައި ހަރަކާތްތެރިވި ލައުރާ، ވަޒީފާ ދޫކޮށް ރާއްޖެއަށް ބަދަލުވީ ރާއްޖޭގެ ހަގީގީ ރީތި ކަމާއި ހެދިއެވެ.

"އަޅުގަނޑަކަށް ނޭގެ ކިހާވަރެއްގެ ފައިދާއެއް މިކަމުން ލިބޭނެކަމަށް. އެފަދަ އެއްވެސް ދިރާސާއެއް ނުކުރަން، ހަމަ މިކަން ކުރަން ބޭނުންވެގެން ތަނެއް ހުޅުވީ. ފިރިމީހާއާއި ދެމީހުން ކޮންމެ ވެސް ކަމެއް ކުރަން"

ލައުރާ ބުނީ އިޓަލީގައި ހުރި އިރު އޭނާ އަބަދުވެސް ކައްކަން ޝައުގުވެރިވާކަމަށެވެ. އަދި ކެއްކުމުގެ ތަޖްރިބާ ހޯދާފައިވާކަމަށެވެ.

އިޓަލީ ބަހުން "ޕޮމޮދޯރޯ" އަކީ ޓޮމާޓޯއެވެ. ލައުރާ ބުނީ އިޓަލީގައި ޓޮމާޓޯ ނެތި އެއްވެސް ކާނާއެއް އެމީހުން ނަހަދާކަމަށެވެ. އެހެންވެ މިތަނަށް "ޕޮމޮދޯރޯ" ކިޔަން ނިންމީކަމަށެވެ.

h2

ލައުރާ ބުނީ އޭނާގެ ފިރިމީހާ މެކްސް ރާއްޖޭގައި ހޭދަކުރި 8 އަހަރު ހެދަކޮށްފައިވަނީ ޑައިވް ކުރުމާއި، ސަފާރީ ހިންގުމުގަިއ ކަމަށެވެ. އަދި މިއަދު އައްޑޫގައި "އިޓަލީގެ ރަހަ" ލިބިދޭ ތަނެއް ހުޅުވުމުން ވަރަށް އުފާވާކަމަށެވެ.

އަދި މިތަނަކީ ފައިދާވާނެ ކަމަށް ބަލައިގެން ހުޅުވި ތަނެއް ނޫންކަމަށް ލައުރާ ބުންޏެވެ. ނަމަވެސް އެތަނުން އިޓަލީގެ މަޝްހޫރު ކޮފީ އާއި ޕިއްޒާ ފަދަ ތަފާތު ކަނާ އަބަދުވެސް ފޯރުކޮށްދޭނެކަމަށެވެ.

ތަނުގައި ލައުރާއާއި މެކްސްއަށް އެހީވުމަށް އިންޑިއާގެ މީހަކާއި ބަންގްލަދޭޝްގެ ތިން ވޭޓަރުން ގެންގުޅެއެވެ. އަދި އިންޑިއާ މީހާއަށް އިޓަލީގެ ކެއްކުން ދަސްކޮށް ދެމުން އަންނަކަމަށް ލައުރާ ބުންޏެވެ.

އިއްޔެ މެންދުރު 11 ޖެހި އިރު އެތަން ހުޅުވި ފަހުން ގިނަ ބަޔަކު ވަނީ އެތަނުގެ ޕިއްޒާގެ ރަހަތައް ބަލާފައެވެ. ލައުރާބުނީ ގިނަ ކަސްޓަމަރުން ތިބީ ހިތްހަމަ ޖެހިފައިކަމަށެވެ.

ރާއްޖޭގެ ރީތިކަން ދެކިލަން އައި ލައުރާ އާއި މެކްސްގެ އިޓަލީ ރަހަތައް "ޕޮމޮދޯރޯ"އަށް ވަޑައިގެން އަޖުމަ ބައްލަވާ ލައްވާށެވެ. ހަމަގައިމުވެސް އަހަންނަަށް މިތަން ވަރަށް ތަފާތެވެ.