ކުރިއަށް އޮތް ތަނުގައި ވެސް ބޭނުމީ ފިލްމީ ދާއިރާ އިން ކުރިއަށް ދާން ކަމަށާއި މި ދާއިރާގައި ތަފާތު މަސައްކަތްތަކެއް ބެލުންތެރުންނާ ހަމައަށް ގެނެސް ދޭން ބޭނުންވާ ކަމަށް ޒުވާން އެކްޓަރު އަހުމަދު އާސިމް ބުނެފި އެވެ.
ޑްރާމާތަކުން އާންމުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ހޯދާފައިވާ ބަތަލު ބުނީ އޭނާ އަބަދުވެސް ކުރިއަށް ދާން ގަސްތު ކުރަނީ ފިލްމީ ދާއިރާ އިން ކަމަށެވެ.
އަދި ފަހަކަށް ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ސިޔާސީ ދާއިރާ އަށް ވަންނަމުން ދިޔަ ނަމަވެސް، އެފަދަ ހިޔާލެއް އޭނާގެ ނެތް ކަމަށް އެމްޑީޕީ އަށް ތާއީދު ކުރާ އާސިމް ބުންޏެވެ.
"ވައި ރޯޅި އަށް ވެސް ސިއްރުން" ފަދަ ޑްރާމާތަކުން އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް އަތުލައިގަތް އެކްޓަރު ބުނީ ދިވެގި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުން ކޮޕީ ކުރުން ހުއްޓާލައި، ކްރިއޭޓިވް އަމިއްލަ އުފެއްދުންތައް ހަދަން ވެސް މިހާރު އިސްކަން ދޭން ޖެހިފައިވާ ކަމަށެވެ.
އަދި އެފަދަ ފަންނުވެރިން މި ދާއިރާގައި ތިބިކަން ކައިވެނި ރޫޅިފައިވާ ދެ ކުދިންގެ ބައްޕަ ބުންޏެވެ.
އާސިމް ބުނީ އޭނާ މިހާތަނަަށް ކުުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހޭ އެއް ފިލްމަކީ މޫމިން ފުއާދު ޑައިރެކްޓް ކުރި "ލޫދިފާ" ކަމަށެވެ.
އޭނާގެ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި "އަޖައިބު"، "ދަރިންނަށްޓަަކައި،" އަދި "އެ ދަތުރު" ފަދަ ފިލްމްތައް ހިމެނެ އެވެ.
ގިނަ އަދަދެއްގެ ވީޑިއޯ ލަވަ ވެސް ކުޅެފައިވާ އާސިމް ބުނީ އޭނާ އަށް އެންމެ ފަސޭހައީ ބަތަލާއިންގެ ތެރެއިން ނިއުމާ މުހައްމަދާ އެކުގައި މަސައްކަތް ކުރަން ކަމަށެވެ. އަދި މަރިޔަމް ނިޝާ އާ އެކީ މަސައްކަތްކޮށްލަން ވަރަށް ބޮޑަށް ބޭނުންވި ކަމަށް ބުނާ އާސިމް ބޮލީވުޑުން އެންމެ ސަޕޯޓް ކުރާ ބަތަލާއަކީ ކާޖޮލް އެވެ.
އާސިމަކީ އެކްޓް ކުރުމުގެ އިތުރަށް ރާއްޖެ ޓީވީގައި ވެސް މަސައްކަތް ކުރާ މީހެކެވެ. އަދި އޭނާއަކީ ފިލްމު އެޑިޓަރެއް ވެސް މެ އެވެ.