ހިތަދޫގައި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) ގެ ލެވެލް އެކެއްގެ ކޯޗިން ކޯހެއް ބާއްވާ ގޮތަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފި އެވެ.
އެސޯސިއޭޝަންގެ އިސްއޮފިޝަލަކު މިއަދު ވިދާޅުވީ އެތްލެޓިކްސް ކޯޗިންގެ ބޭސިކް ކޯސް ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 11-20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ކޯހަށް 24 ފަރާތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އައްޑޫގައި މިދިޔަ އަހަރު ވަނީ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަން ޝިޕްގެ ނަމުގައި އެތްލެޓިކްސް މުބާރާތެއް ބާއްވައިފަ އެވެ.
އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އެތްލެޓިކްސް އެސޯސިއޭޝަންގެ ރައިސް މުހައްމަދު ޠޮލާލް (ޠޮލާ) ވިދާޅުވީ އައްޑުގައި އެތްލެޓިކްސް ކުރިއަރުވަން ނިންމާފައިވާ ކަމަށެވެ.
އަދި އައްޑޫން ފާހަގަކޮށްލެވޭ މޮޅު އެތްލީޓުން މާލެ ގެންގޮސްގެން އިތުރު ޓްރެއިނިން ދޭނެ ކަމަށެވެ. އެގޮތުން ފާހަނގަ ކުރެވުނު 4 އެތްލީޓަކު މާލެ ގެންގޮސް ޓްރެއިނިން ދިނުމަށްފަހު އޭގެ ތެރެއިން 3 އެތްލީޓަކަށް ވަނީ ރާއްޖޭން ބޭރުގައި ބޭއްވި ބައިނަލް އަގްވާމީ މުބާރާތްތަކުން ޖާގަ ލިބިފައެވެ.
އެތްލެޓިކްސް އެސޯސިއޭޝަނުން ބުނީ އައްޑޫގައި ބާއްވާ ކޯޗިން ކޯހުގައި އައްޑޫގެ ރަށްތައް ފިޔަވައި ރާއްޖޭގެ އެހެން ކަންކޮޅުތަކުން ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.