Last Updated: November 24, 20:29
Sunday, November 24, 2024
ޚަބަރު

ހައްވަ އިތުރު ފަރުވާ އަށް މާލެ ފޮނުވާލަނީ

ހައްވަ ދުއްވި ސައިކަލް ވެއްޓިިފައި: އޭނާ މިރޭ ފަތިހު މާލެ ފޮނުވާލާނެ. ފޮޓޯ/ އައްޑޫ ލައިވް

ހިތަދޫގައި ރޭ ޖިޕެއްގައި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި އަނިޔާތަކެއް ލިބުނު އަންހެން މީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާ މިރޭ ފަތިހު މާލެ ގެންދަން ނިންމާފައިވާ ކަމަށް އާއިލާއިން ބުނެފި އެެވެ.

މަސްތުވެގެން އިން އުމުރުން 40 އަހަރުގެ މީހަކު ބާރު ސްޕީޑެއްގައި ދުއްވާފައި އައި ޖިޕެއް ކާރެއްގައި ޖެހި، ކާރު ފަހަތަށް ކަހާލި ވަގުތު އެ މަގުން ދަތުރު ކުރި ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ހިތަދޫ ސަބްދެލިގޭ، ހައްވާ އަހުމަދު، 34، ގެ ކަނާތު ފައި ފަލަ މަސްގަނޑާ ހަމައިން ބިންދައިގެން ގޮސް ބޮލަށާއި މޫނަށް އެކި ވަރުގެ ޒަހަމަތައް ވެފައިވެ އެވެ.

ހައްވަގެ ކޮއްކޮ ހުސައިން ޒުހައިރު ބުނީ ދައްތައަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު ހާލު އަދިވެސް ސީރިއަސް ކަމަށެވެ. އެކަމަކު ފްލައިޓުން ޖާގަ ނުލިބިގެން އިތުރު ފަރުވާ ދިނުމަށް މާލެ ގެންދެވިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ޒަރީރު ބުނީ މާލެ ގެންދާކަށް ފްލައިޓެއް ޗާޓަރުކޮށްގެން ހައްވަ މާލެ ގެންދަން އާއިލާގެ މީހުންގެ އަތުގައި އެހާ ފައިސާއެއް ނެތް ކަމަށެވެ. އެހެންވެ ފްލައިޓުން ޖާގައެއް ލިބެންދެން މަޑުކޮށްގެން ތިބީ ކަމަށް ޒުހައިރު ބުންޏެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ މިރޭ ފަތިހުގެ ވަގުތެއްގައި ހައްވަ މާލެ ފޮނުވަން ނިންމައިފައިވާ އިރު، އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

ހައްވަ އެކްސިޑެންޓްވީ ހިތަދޫގެ ދެކުނުން އިތުރަށް ނުގަވައިދު ފަޅިން ބާރަށް ދުއްވި ޖީޕެއް މަގުގެ އަނެއް ކޮޅުން އައި ކާރެއްގައި ޖެހި 91 ފޫޓަށް ފަހަތަށް ކަހާލައިގެން ގޮސް ހައްވަ ދުއްވި ސައިކަލެއްގައި ޖެހިގެނެވެ.

މި ހާދިސާ ހިނގި އިރު ސައިކަލުގައި އިނީ ހައްވަ އެކަންޏެވެ.

މި އެކްސިޑެންޓާ ގުޅިގެން ޖިޕް ދުއްވަން އިން މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ނެތް މީހާ ހައްޔަރުކޮށް، އޭނާ ޓެސްޓް ކުރި އިރު، މަސްތުވާއެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.