Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ރާއްޖޭގެ އިގުތިސާދުގެ މިސްރާބު ރަނގަޅު، ކަންބޮޑުވުމެއް ނެތް: އެގްޒިމް ބޭންކު

އެގްިޒިމް ބޭންކުގެ ޖެނެރަލް މެނޭޖަރ ނިރްމތު ވެދް ދިވެހި ނޫސްވެރިންނަށް މައުލޫމާތު ދެނީ.

ރާއްޖޭގެ އިގުތިސާދުގެ މިސްރާބު ފެންްނަނީ ރަނގަޅަށް ކަމަށާއި، ރާއްޖޭގައި ތަރައްޤީގެ މަޝްރޫއު މަޑުޖައްސާލަން ޖެހޭ ހާލަތެއް ނެތްކަމަށް އިންޑިޔާގެ އެގްޒިމް ބޭންކުން ބުނެފިއެވެ.

ރާއްޖޭގެ ތަރައްޤީގެ ތަފާތު މަޝްރޫއުތަކަށް މިހާތަނަށް 1.2 ބިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓު ދީފައިވާ އިންޑިއާގެ އެގްޒިމް ބޭންކުގެ ޖެނެރަލް މެނޭޖާ ނިމްރިތު ވެދް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށެވެ.

މުމްބާއީ ގައި ހުންނަ އެގްޒިމް ބޭންކުގެ މައި އޮފީހުގައި ދިވެހި ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ނިރްމިތު ވިދާޅުވީ ކޮވިޑުގެ ކުރިން ރާއްޖޭގެ އިގްތިސާދު ހުރި މިންވަރަށް އަލުން އާދެވިފައިވާކަމަށެވެ. އަދި މިހާރުވެސް ޓޫރިޒަމް އަންނަނީ ބޮޑުތަނުން ރަނގަޅުވަމުން ކަމަށް ނިރްމިތު ވިދާޅުވިއެވެ. އެހެންވެ ރާއްޖޭގެ އިގްތިސާދާއި މެދު އެ ބޭންކުގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ.

ނިރްމިތު ވިދާޅުވީ ދުނިޔޭގެ އިގްތިސަާދަށް ކުރާ އަސަރު ހުރިހާ ގައުމަކަށްވެސް ކުރާނެކަމަށާއި، އެގޮތުން މިހާރު ރަޝިޔާ އަދި ޔުކްރޭން ހަނގުރާމައިގެ އަސަރު މުޅި ދުނިޔޭގެ އިގްތިސާދަށްވެސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ކަންކަން ގާތުން ބަލަމުން އަންނަ އިރު އެފަދަ ކަންބޮޑުވުމެއް ނެތް ކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމް ކޮވިޑު އައުމުގެ ކުރީގެ ހާލަތަށް ވުރެ ރަނގަޅު އަދި މިހާރު ދަނީ އެއަށްވުރެވެސް ރަނގަޅުވަމުން، މީގެ ތިންމަހެއްހާ ދުވަސް ކުރިން ރާއްޖެއަށް ދިޔައިން، އެވާހަކަ ވަޒީރުގެ ފަރާތުންވެސް އިވުނީ، އެހެންވެ ކަންބޮޑުވުމެއްނެތް، ރާއްޖޭގެ ކަންކަން މިދަނީ ގާތުން." ނިރްމިތު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީގެ އެކި މަޝްރޫއުތަކަށް 1.2 ބިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓް ހަމަޖައްސާފައިވާ އިރު މިހާތަނަށް 133 މިލިއަން ޑޮލަރު ވަނީ ރާއްޖެއަށް ދޫކޮށްފައެވެ. އޭގެތެރެއިން ބޮޑު ބައެއް ދޫކޮށްފައިވަނީ އައްޑޫގެ މަގު ހެދުމަށާއި، މާލެ، ވިލިނގިލީ ތިލަފުށި ބްރިޖްގެ މަސައްކަތަށެވެ.

ރާއްޖޭގެ އިގްތިސާދު ހީނަރުވެ ރާއްޖޭގެ ހާލަތު ގޯސްވާން އިންޑިޔާއިން ދޫކޮށް ނުލާނެކަމަށް ނިރްމިތު ވިދާޅުވިއެވެ.

"ސްރީލަންކާއަކީ އަޅުގަނޑުމެންގެ އަވައްޓެރިއެއް، ލަންކާއަށްވެސް އިންޑިއާއިން މިދަނީ އެހީވަމުން، އެގައުމަށް ނިކަމެތިވާން އިންޑިއާ ދޫކޮށްނުލާނެ، އަދި އަމުދުން ރާއްޖެއަކީ އިންޑިއާ އާއި އެންމެ ގާތް އެންމެ އެކުވެރި ގައުމު، ރާއްޖެއަކީ އިންޑިއާއަށް ވަރަށް މުހިއްމު ގައުމެއް، އިންޑިއާ ސަރުކާރުން ރާއްޖެ ނިކަމެތިވާން ދޫކޮށެއް ނުލާނެ" ނިރްމިތު ވިދާޅުވިއެވެ.