Last Updated: November 27, 01:11
Wednesday, November 27, 2024
މުނިފޫހިފިލުވުން

"ކާންޗީ" އެޕްރީލް 25 ގައި

ބޮލީވުޑްގައި "ދަ ޝޯމަން" ގެ ނަމުން މަޝްހޫރުވެފައިވާ ޑައިރެކްޓަރު ސުބާޝް ގާއީގެ އާ ފިލްމް "ކާންޗީ" އަންނަ މަހުގެ 25 ގައި ރިލީޒް ކުރާ ގޮތަަށް ހަމަޖައްސައި، ފިލްމުގެ ފުރަތަމަ ޓްރެއިލާ ލޯންޗްކޮށްފި އެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ބޮލީވުޑަށް އަލަށް ތައާރަފްވާ މިޝްތީ އާއި ކަރްތިކް އާރިއަން އެވެ. އޭނާއަކީ "އާކާޝް ވާނީ" އިން ބެލުންތެރިންނަށް ފެނިގެން ދިޔަ އެކްޓަރެވެ.

މީގެ އިތުރުން "ކާންޗީ" ގެ މުހިއްމު ރޯލްތަކުން ރިޝީ ކަޕޫރާއި މިތުން ޗަކްރަބަތީ އަދި ރިޝާބް ސިންހާ ފަދަ ތަރިން ފެނިގެން ދާނެ އެވެ.

NHJH (1)

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ގާއީ ބޮޑު ސްރީނަށް ނިކުންނަަ އިރު، އޭނާ ބުނީ "ކާންޗީ" އަކީ "ޓިޕިކަލް ސުބާޝް ގާއ" ފިލްމަކަށް ވާނެ ކަމަަށެވެ. އޭނާގެ ފިލްމުތައް އާންމުކޮށް ބިނާކޮށްފައި ހުންނަނީ ބިޔަ އާއިލާތަކެއްގެ އަސަރު ގަދަ ހާދިސާތަކެއް ދައްކުވައިދޭ ގޮތަށެވެ.

"މި ފިލްމަކީ ހަމަ ޓިޕިކަލް ސުބާޝް ގާއީ ފިލްމެއް. އަދި މި ފިލްމަކީ އަހަންނަށް ވަރަށް މުހިއްމު ފިލްމެއް. މީގެ އިތުރަށް މި ފިލްމަކީ މިހާރުގެ ޒަމާނަށް ވަރަށް ފެތޭ ޕްލޮޓެއްގެ މައްޗަށް ހަދާފައިވާ ފިލްމެއް." ފިލްމް ޓްރެއިލާ ލޯންޗް ކުރުމަށް ފަހު، ގާއީ ބުންޏެވެ.

ގާއީ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2008 ވަނަ އަހަރު ރިލީޒް ކުރި، ސަލްމާން ހާނާއި ކެޓްރީނާ ކެއިފް ލީޑް ރޯލުން ފެނިގެން ދިޔަ "ޔުވްރާޖް" އެވެ. އެއީ ބޮޑު ފްލޮޕެކެވެ.

އޭނާގެ ފާހަގަކޮށްލެވޭ ކާމިޔާބް ފިލްމުތަކުގެ ތެރޭގައި "ޕަރްދޭސް"، "ތާލް" އަދި "ކަލްނަޔަކް" ފަދަ ފިލްމްތައް ހިމެނެ އެވެ.