ބޮޑު އީދު އައްޑޫގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް 3 މިލިއަން ރުފިޔާ ހަރަދު ކުރުމަށްވެސް ތައްޔާރަށް ހުންނެވިކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ބޮޑު ހަރަދެއްކޮށް މިއަދު އައްޑޫ ނޭޗަރ ޕާކުގައި ބޭއްވި ކައުންސިލްގެ ޖަލްސާގައި ނިޒާރު ވިދާޅުވީ އައްޑޫގައި ކުލަގަދަކޮށް އީދު ފާހަގަ ކުރަން ކައުންސިލުން ނިންމާފައިވާ އިރު ފައިސާ ހުރި ނަމަ މިކަމަށް 3 މިލިއަން ރުފިޔާ ހަރަދު ކުރަންވެސް ފަސްޖެހިވަޑައި ނުގަންނަވާ ކަމަށެވެ.
ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ އަކީ ކުލަގަދަކޮށ އީދު ފާހަގަ ކުރާތަނަކަށް ނުވާތީ މިފަހަރު އެކަން ބަދަލުކޮށް ކައުންސިލުން އިސްވެ އައްޑޫގައި ކުލަގަދަކޮށް އީދު ފާހަގަ ކުރަން ބޭނުން ކަމަށެވެ.
"މައްވޭހެއްތެނާ ތިން މިލިއަން ރުފިޔާ މިކަމަށް ހޭދަކެރާނެއި، އަދި އެއަށްވަނިއަސް ބޮަޑަށް އަދަދު ޖަހަފެއި މިކަން ކެރާނެއި، އެއީ އައްޑޫ ރައްތުންނަށްޓަކައި މިކަން ކެރާކަށް އަފިއްނަށް ލާރި ލިބޭފެހޭ ލާރި ތިބި ފެހޭ މަދައްކޮކަށް ނުން ހޭދަ ކެރާނެއި، އެކަމަކިއަސް ވޭހިށި ވަރަކުންތާ ވޭނެއި." އައްޑޫ ބަހުން ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ އީދު ފާހަގަ ކުރުމަށް 1.5 މިލިއަން ސްޕޮންސަރުން އަތުން ފައިސާ ހޯދުމަށް ނިންމާފައިވާ އިރު ކައުންސިލްގެ އާމްދަނީއިން ތިން ލައްކަ ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ތިން ލައްކަ ވަނީ ދެ ލައްކަ ރުފިޔާއަށް މަދުކޮށްފައެވެ.
ކައުންސިލްގެ ބައްދަލުވުމުގައި ނިޒާރު ވިދާޅުވީ ކައުންސިލުން ހޭދަ ކުރާ ފައިސާ އަކީ ވަގުތުން ވަގުތަށް ކުރަން ޖެހޭ ހަރަދު ކުރުމަށް ފާސް ކުރާ ފައިސާ ކަމަށެވެ. އަދި ސްޕޮންސަރުންގެ އަތުން ފައިސާ ލިބުމުން އެ ފައިސާ ކައުންސިލަށް ޖަމާ ކުރާނެކަމަށެވެ.
އައްޑޫގައި ކުލަ ގަދަކޮށް އީދު ފާހަގަ ކުރުމަށް ތަފާތު ފަންނާނުން ގެންނަން ހަމަޖެހިފައިވާ ކަމަށް މިއަދު ނިޒާރު ވިދާޅުވިއެވެ. އަދި މިފަހަރުގެ އީދު ވަރަށް ތަފާތުވާނެކަމަށް ނިޒާރު ވިދާޅުވިއެވެ.