ސ. ހުޅުދޫ ޒުވާނުންގެ މަރުކަޒުގެ ގޯތި ތެރޭގައި އޮންނަ ފުޓްބޯޅަ ދަނޑަށް އެހީތެރިކަން ފޯރުކޮށް ދޭން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ނިންމައިފި އެވެ.
އެ ކުންފުނިން މިގޮތަށް ނިންމީ މިއަދު އެ ރަށުގެ މަގެއް ހެދުން އިފުތިތާހު ކުރަން، އެމްއާރްޑީސީގެ އިސް ވެރިންގެ ޓީމެއް ހުޅުދު އަށް ވަޑައިގަތުމުން ހުޅުމީދޫ ކަައުންސިލަރު އަލީ މުހައްމަދު (އައްދު) ގެ އެދިވަޑައިގަތުމަކަށެވެ.
އެ ކުންފުނީގެ ވެރިން ވަނީ އެ ތަނަށް ގޮސް، ތަން ވެސް ބައްލަވާލައިފަ އެވެ.
އެމްއާރްޑީސީގެ ޗެއާމް ހާލިދު އަބްދުﷲ ވިދާޅުވީ އައްދުގެ އިތުރަށް ރަށުގެ ޒުވާނުން އެދުނު ގޮތަށް، ޒުވާނުންގެ މަރުކަޒުގެ ދަނޑަށް ވެލި އަޅައިދީ، އެތަން އެއްވަރުކޮށް ރަނގަޅު ފުޓްސަލް ދަނޑެއް ހަދައި ދެއްވާނެ ކަމަށެވެ.
އައްދު ވިދާޅުވީ އެކަމަށް ބޭނުންވާ ވެލި ހުޅުދޫން ނެގެން އޮތް ކަމަށާއި ވެލި ނަގަން ނިންމާފައިވާ ސަރަހައްދަކީ މީގެ ކުރިން އީއައިއޭ ވެސް ހަދާފައިވާ ތަނެއް ކަމަަށެވެ. އެހެންވެ މާ ބޮޑު ދައްޗެއް ނެތި ވެލި ނެގޭނެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން އެމްއާރްޑީސީން ވެލި ނަގައި، ދަނޑަށް އަޅައި، އެތަން އެެއްވަރުކޮށް ދޭން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. އަދި އަންނަ މެއި މަހުގެ ކުރިން އެކަން ނިންމައި ދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ހާލިދު ވިދާޅުވި އެވެ.
މެއި މަހުގެ ތެރޭގައި އެ ދަނޑުގައި ފުޓްސަލް މުބާރާތެއް ބާއްވަން ވަނީ ނިންމައިފަ އެވެ.
އަށް ޓީމް ވާދަ ކުރާ އެ މުބާރާތަކީ ހުޅުދޫ ޔޫތު ފައުންޑޭޝަނުން އިންތިޒާމް ކުރާ މުބާރާތެކެވެ.