މޫނު ސްޓީމްކުރުން ނުވަތަ މޫނަށް އާވި އެރުވުމަކީ މޫނުގެ ހަންގަނޑު ސާފުކޮށްދޭ ކަމެކެވެ.
އޭގެ ސަބަބުން ބިހި ނެގުމުން ފަދަ ކަންކަމުން މޫނު ސަލާމަތްކޮށްދެ އެވެ. މޫނަށް އާވި އެރުވުމުން ބެދިފައި ހުރި ޕޯސްތައް (ހަންގަނޑުގައި ހުންނަ ލޯވަޅުތައް) ހުޅުވި އޭގެ އެތެރޭގައި ހުންނަ ޖަރާސީމްތަކާއި ކިލާތަކާއި ނުފިލައި ހުރި މޭކަޕްތައް މުޅިން ސާފުވެ އެވެ. އެހެންވުމުން މޫނުގެ ހަންގަނޑު މަޑުވެ ރީތިވެ އެވެ.
ނަމަވެސް ފިނި ނަމަ ހަންގަނޑުގައި ހުންނަ ޕޯސްތަކަށް ކިލާތައް ފަސޭހަކަމާ އެކު ވަދެ ހަރުލަ އެވެ. ސްޓީމް ކުރުމުން ބިހި ނެގުމުން ދުރުކޮށްދިނުމުގެ އިތުރުން ނަގާފައި ހުންނަ ކުދި ބިހިތައް ފިލައިދެ އެވެ.
އާއްމު ގޮތެއްގައި ސްޓީމް ކުރުމަށް ގިނަ މީހުން ދަނީ ތަފާތު ސެލޫންތަކަށެވެ. އެކަމަކު ގޭގައި ވެސް މޫނު ސްޓީމްކޮށްލެވިދާނެ އެވެ. ތެޔޮ ހަންގަނޑެއް ހުންނަ މީހެއް ނަމަ ރަނގަޅު ވާނީ މިންޓް ނުވަތަ ލެމަން ކަހަލަ އެއްޗެކެވެ. ނޯމަލް ސްކިންއެއް ނަމަ ރޯސްމެރީ ކަހަލަ އެއްޗެއް ރަނގަޅު ވާނެ އެވެ.
ގޭގައި އަމިއްލަ އަށް މޫނު ސްޓީމް ކުރުމަށް އާވި އަރުވާ ވައްތަރުގެ އެއްޗެއް ނެތް ނަމަ ފެން އެޅޭ ކަހަލަ ރަނގަޅު ތައްޓެއް ހޯދާށެވެ.
ހޫނުކޮށް ހުރި ފެން ތައްޓަކަށް އަޅާފައި ރޯސްމެރީ ނުވަތަ ލުނބޯ ހުތް އަޅާށެވެ. އެއަށް ފަހު އެއިން އަރާ އާވި މޫނަށް އަރާ ގޮތަށް މޫނު ކައިރިކޮށްގެން ހުންނާށެވެ.
އެ އަރާ އާވި ސީދާ މޫނަށް ލިބޭ ގޮތަށް ހެނދުމަށް ތަށި ކައިރިންވާ ގޮތަށް ބޮލުގައި ތުވާއްޔެއް އަޅާށެވެ. އެ ގޮތަށް 10- 15 މިނެޓް އާވި އަރުވާށެވެ.
އެއަށް ފަހު ކުޑަ އިރުކޮޅަކުން މޫނު ރީތިކޮށް ދޮވެލާށެވެ. އޭގެ ކުރިން މޫނު ކުޑަކޮށް ފޮހެލިއަސް މައްސަލައެއް ނެތެވެ.