ދައްކަން މި އުޅެނީ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީގެ ވާހަކައެއް ނޫނެވެ. އެކަމަކު ބޮލީވުޑްގެ އެކްޓަރު ޝައިނީ އަހޫޖާގެ ވާހަކަ އެވެ.
އޭނާގެ މަތިން ހަނދާން ހުރީ ކިތައް މީހުން ބާވަ އެވެ؟ އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގެ އެވެ.
އެކަމަކު ޔަގީނުން ވެސް ޝައިނީއަކީ ބެލުންތެރިން ބަލައިގަތް އެކްޓަރެެކެވެ. ހާއްސަކޮށް "ގޭންގްސްޓާ"، "ވޯ ލަމްހޭ"، "ބޫލް ބުލައްޔާ" އަދި "ލައިފް އިން މެޓްރޯ" ފަދަ ފިލްމުތަކަކީ ޝައިނީގެ ހުނަރު ވަރަށް ބޮޑަށް ފެނިގެން ދިޔަ ފިލްމުތަކެކެވެ.
އެހެން ނަމަވެސް އޭނާގެ ފިލްމީ ކެރިއަރު އޭގެ ބޮންތި އަށް އަރަން އަމާޒު ހިފާފައި ވަނިކޮށް ދިމާވި މައްސަލަަތަކާ ހެދި ޝައިނީ ވަނީ ބޮޑު ސްކްރީނުން ގެއްލިގެން ގޮސްފަ އެވެ.
އެގޮތަށް ދިމާވީ އޭނާގެ ގޭގެ ނޯކަރަކަށް އުޅުނު ޒުވާން އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވުމާ އެކުގަ އެވެ.
އެއީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ކުށް ޝައިނީގެ މައްޗަށް ސާބިތުގެ ޖަލުގެ ތޭރިތަކުގެ ފަހަތުގައި ވެސް ފަސް މަހެއްހާ ދުވަސް އޭނާ ވަނީ ހޭދަކޮށްފަ އެވެ.
އެކަމަކު މި ފަހަރު އަނެއްކާ ވެސް އުފާވެރި ހަބަރެކެވެ. ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ޝައިނީ ބޮޑު ސްކްރީނަށް އަންނަން ތައްޔާރުވެއްޖެ އެވެ.
އެއީ އަނީސް ބަޒްމީގެ "ވެލްކަމް ބެކް" އިންނެވެ. މިކަން ޝައިނީ ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
"އަހަރެން އެބަ މަސައްކަތް ކުރަން އަނީސްގެ ވެލްކަމް ބެކްގައި. އެ ފިލްމުން އަހަރެން ފެންނާނެ. އެކަމަކު އެއީ ފިލްމުގެ އިންޓަވަލަށް ފަހު،" ޖޯން އަބްރަހަމް އާއި ޝްރޫތީ ހަސަން އަދި އަނިލް ކަޕޫރާއި ނާނާ ޕަޓޭކަރާއި ނަސީރުއްދީން ޝާހުގެ އިތުރުން ޑިމްޕަލް ކަޕާޑިއާ ވެސް މުހިއްމު ރޯލްތަކުން ފެނިގެންދާ "ވެލްކަމް ބެކް" އާ ބެހޭ ގޮތުން ޝައިނީ ބުންޏެވެ. "ތަފާތު ރޯލަކުން އަހަރެން ފެނިގެން ދާނީ. މީގެ ކުރިން އެކަހަލަ ރޯލެއް އަދި ކުޅެފައެއް ނުވާނެ. ވަރަށް އުފަލުން އަހަރެން މިހާރު މި ހުރީ."
ޝައިނީ އެންމެ ފަހުން ފެނުނު ފިލްމަކީ 2012 ވަނަ އަހަރު ރިލީޒްވި "ގޯސްޓް" އެވެ.