Last Updated: April 23, 22:45
Wednesday, April 23, 2025
ޚަބަރު

އައްޑޫގައި ކެމިކަލް ރައްކާކުރާ ގުދަން ހަދަން ހަވާލުކޮށްފި

ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ ފެސިލިޓީ އެއް އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ 1.4 މިލިއަން ރުފިޔާ އަށް މި ފެސިލިޓީ ގާއިމުކުރަން ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމަންޓާއި ކަމަށެވެ. މި ފެސިލިޓީ އިމާރާތްކުރުމުގެ މަސައްކަތް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވަނީ ހަތަރު މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގަ އެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ އާއި ނޫރައްދީން އިންވެސްޓްމަންޓްގެ ވެރިފަރާތް އަލީ ނޫރައްދީނެވެ.

މިނިސްޓްރީން ބުނީ މި ފެސިލިޓީ އިމާރާތް ކުރެވި ޚިދުމަތް ލިބެން ފެށުމުން ނުރައްކާތެރި ކެމިކަލްއެއް ކަމަށްވާ ޕޮލީ ކްލޮރިނޭޓެޑް ބައިފީނައިލް (ޕީ.ސީ.ބީ) އެކުލެވޭ އައްޑޫ ސިޓީގައި ހުރި ދެ އާލާތެއް އަދި ފުވައްމުލައް ސިޓީގައި ހުރި 16 ކަރަންޓު ފޯމަރު ތިމާވެއްޓާއި ރައްޓެހި ގޮތަށް ނައްތާލުމަށް ރާއްޖެއިން ބޭރު ފެސިލިޓީއަކަށް ގެންދިއުމުގެ ކުރިން ފެސިލިޓީގައި ރައްކާކުރެވޭނެ ކަމަށެވެ.

ރާއްޖެއިން ބައިވެރިވެފައިވާ ސްޓޮކްހޯމް ކޮންވެންޝަން އޮން ޕާސިސްޓަންޓް އޯގޭނިކް ޕޮލިއުޓަންޓްސްގެ ދަށުން 2025 ކުރިން ގައުމުތަކުގައި ހުރި ޕީސީބީ އެކުލެވޭ ކަމަށް ބެލެވޭ އާލާތްތައް ތިމާވެއްޓާއި ރައްޓެހި ގޮތަށް ނައްތާލުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރެ އެވެ.