Last Updated: December 21, 21:26
Saturday, December 21, 2024
ޚަބަރު ރައީސް ސޯލިހު

ރިޔާސީ އިންތިހާބު: މާރިޔާގެ ތާއީދު ރައީސް ސޯލިހަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިނިސްޓަރު މާރިޔާ ދީދީ - ފޮޓޯ: ރައީސް އޮފީސް

2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާނެކަން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ހާމަކުރައްވައިފިއެވެ.

އެކަން ހާމަކޮށް މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހްގެ ކެބިނެޓްގައި އެމަނިކުފާނާއެކު މަސައްކަތް ކުރަމުން އަންނައިރު އެމަނިކުފާނަކީ ކެތްތެރި، ހުޅުވާލެވިފައިވާ ވިސްނުމެއްގައި އަޑުއަހަން ތައްޔާރަށް ހުންނެވި ބޭފުޅެއްކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެމަނިކުފާނަކީ ވަރުގަދަ ލީޑަރެއް ކަމަށްވެސް ވިދާޅުވިއެވެ.

"2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމަނިކުފާނުގެ ހުށަހެޅުއްވުމަށް އަޅުގަނޑު ފުރިހަމައަށް ތާއީދު ކުރަން." މާރިޔާގެ ޓްވީޓްގައިވެއެވެ.

އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ، ކޯލިޝަނަކާއެކު ނިކުމެ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވީއެމްޑީޕީ އަށް ވެސް އަދި އެހެން ޕާޓީއަކަށް ވެސް އެކަނި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި މިހާރު ތިބި ކޯލިޝަންގެ ބައިވެރިންނާއެކު ނިކުމެ އިތުރު ދައުރެއް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް ނިންމާނީ ޕާޓީގެ ކޮންގްރެސް އިން ކަމަށެވެ. އަދި އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް ވިދާޅުވިއެވެ.